ބޮލީވުޑް

ބްރޭންޑްތަކުގެ ނަޒަރު ބޮލީވުޑް އާ ތަރިންނަށް

އެކި ބްރޭންޑްތައް އިޝްތިހާރު ކުރަން ބޮލީވުޑްގެ ތަރިން ލައްވާ ބޮޑެތި އަދަދު ތަކުން ފައިސާ ދީގެން މަސައްކަތް ކުރުވަ އެވެ. މިފަހަކާ ޖެހެންދެން ބްރޭންޑްތައް އިޝްތިހާރުކުރާ ފަރާތްތަކުގެ ނަޒަރު ހުއްޓިފައި ހުރީ ހަތަރު ބަތަލާ އަކަށެވެ. އެ ހަތަރު ބަތަލާއިންނަކީ ދީޕިކާ ޕަދުކޯން އާއި އަނުޝްކާ ޝަރުމާ އާއި ކަރީނާ ކަޕޫރު އަދި ކެޓުރީނާ ކައިފެވެ.

މި ހަތަރު ބަތަލާއިން ރަނިކަން ކުރަނީ ހަމައެކަނި ބޮޑު ސްކްރީންގައެއް ނޫނެވެ. މި ތަރިންނަކީ ބްރޭންޑްތަކުގެ ވެސް އެންމެ ފޭވަރިޓެވެ. ނަމަވެސް މިހާރު ބްރޭންޑްތަކުގެ ނަޒަރު މި ހަތަރު ބަތަލާއިންގެ މޫނުން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ވެއްޖެ އެވެ. އަލަށް ފިލްމީ ދުނިޔެއަށް ވަން ކުޅަދާނަ އަދި ރީތި ބަތަލާއިންނަށެވެ.

މިހާރު ބްރޭންޑްސްތަކުގެ އިޝްތިހާރުތައް އާވެ، ސާރާ އަލީ ޚާން، އަނަންޔާ ޕާންޑޭ، ޖާންވީ ކަޕޫރު އަދި ތާޕްސީ ޕަންނޫ ފަދަ އާ މޫނުތައް މި އިޝްތިހާރުތަކުން ފެންނަން ފެށުމަކީ މީގެ އަލިގަދަ ހެއްކެކެވެ.

އިޝްތިހާރުތައް އުފެއްދާ މަޝްހޫރު ގުރޫ އެއް ކަމަށްވާ ޕްރަހްލާދް ކައްކަރް މިކަމާ ގުޅޭ ގޮތުން ބުނީ އިންޑިއާގެ އާބާދީގެ ތެރެއިން ބޮޑު ބަޔަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ކަމަށެވެ. އެހެންވެ ބްރޭންޑްތައް ވެސް އެ އޭޖް ގްރޫޕްގެ ތަރިންނަށް ޓާގެޓް ކުރަނީ ކަމަށެވެ. އަދި މިއީ ވަރަށް އަލަށް ފިލްމު ކުޅެން ފެށި ބަތަލާއިން ކަމަށްވާތީ ބެލުންތެރިން ވެސް އިތުރަށް މި ތަރިން ސްކްރީނުން ދެކެން ބޭނުންވާނެ ކަމަށާއި އެއީ އިޝްތިހާރަކުން، ރިއަލިޓީ ޝޯ އަކުން ނުވަތަ ފިލްމަކުން ވެސް މައްސަލައެއް ނޯންނަ ކަމަށެވެ.

އިޝްތިހާރުކުރުމުގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ފަރާތްތަކުގެ މިހާރުވެސް ފޭވަރިޓުންނަކީ 'ބިގް 3' ކިޔާ ގްރޫޕެކެވެ. މި ގްރޫޕްގައި ހިމެނެނީ ސާރާ އާއި ޖާންވީ އަދި ތާޕްސީ އެވެ. މި ތިން ތަރިންގެ ތެރެއިން ތާޕްސީ އާ ގަޔާވެވޭ ގޮތް ވަނީ އޭނާއަކީ މާ ރީތި މޫނެއްގެ ވެރިއެއްގެ ގޮތުގައި ނޫނަސް އެހެން މީހުން ފަދަ އާދައިގެ މީހެއްގެ ގޮތުގައި ދައްކަން ފަސޭހަ ވީމަ އެވެ.

އަނެއްކޮޅުން ސާރާ އަކީ އެންމެނާ ވެސް ވަރަށް ގުޅޭ ރަހުމަތްތެރި ގޮތެއް ހުންނަ ބަތަލާ އެކެވެ. އެހެންވެ އޭނާ ލައްވާ އެކި ބްރޭންޑްސްތައް ޕްރޮމޯޓްކުރަން ފަސޭހައީ އެވެ. ޖާންވީ ޚިޔާރު ކުރަނީ އޭނާ އަކީ ޝްރީދޭވީގެ ދަރިފުޅަށް ވެފައި ގިނަ ބަޔަކު އަދިވެސް ޝްރީދޭވީ ހަނދާން ކުރާތީ އެވެ.

ކުރިން އެންމެ ގިނަ އިޝްތިހާރުތައް ކުޅެމުން ދިޔައީ ދީޕިކާ އާއި ކަރީނާ އަދި ކެޓުރީނާ އެވެ. އިޝްތިހާރު އުފެއްދުމުގައި އުޅޭ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކައިވެނި ކުރުމަކީ އިޝްތިހާރުތައް އެ ބަތަލާއަކަށް ދޭން ބޭނުން ނުވާ ސަބަބެކެވެ. ދީޕިކާ އާއި ކަރީނާ އަށް ކުރިން ލިބޭ ވަރަށް އިޝްތިހާރުތައް ނުލިބެނީ ކައިވެނި ކުރީމަ އެވެ.

ކެޓުރީނާ އަކީ ވެސް ކުރިން ވަރަށް ގިނަ އިޝްތިހާރުތަކުން ފެންނަ މޫނެކެވެ. ނަމަވެސް ކެޓުރީނާ ލައިގެން ބްރޭންޑްތައް ޕްރޮމޯޓް ކޮށްކޮށް މިހާރު ގިނަ ބަޔަކު ތިބީ ފޫހި ވެފަ އެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ކެޓުރީނާއަށް ވެސް ވާ ވަރު ކުރެވިއްޖެ އެވެ. ދެން އޭނާއަށް ފުރުސަތު ދިނުމުގެ ބަދަލުގައި އާ ތަރިން ލައިގެން ބްރޭންޑްތަކަށް މާ ކާމިޔާބު ލިބޭނެ އެވެ.

ކައިވެނި ކުރީމަ އިޝްތިހާރުތައް ނުލިބޭ ސަބަބާ މެދު ވާހަކަ ދައްކަމުން ކަމާ ބެހޭ މާހިރަކު ބުނީ ބަތަލާއިން ކައިވެނި ކުރުމަށްފަހު ކުރިން އެމީހުންނަށް ހިތް އެދުނު ގޮތަކަށް މީހުންގެ ހިތެއް ނޭދޭނެ އެވެ. އެހެންވެ ބްރޭންޑްތައް ވެސް އާ މޫނުތަކަށް އެނބުރެނީ އެވެ. ނަމަވެސް ބަތަލުންނަކަށް މި ކަން މިގޮތަކަށް ދިމަލެއް ނުވެ އެވެ. އޭގެ މިސާލަކީ ރަންވީރު ސިންގް އެވެ. ކައިވެނީގެ ކުރިން ވެސް ރަންވީރު ވަރަށް ގިނަ ބްރޭންޑްތައް ޕްރޮމޯޓްކޮށްދެ އެވެ. އަދި ފަހުން ވެސް އޭނާއަށް ލިބޭ އިޝްތިހާރުތައް މަދެއް ނޫނެވެ. މިހެން ވަނީ ކައިވެނި ކުރިޔަސް އޭނާއަށް ހިތްކިޔާ މީހުން މަދު ނުވާތީ އެވެ.

ބްރޭންޑްތަކުގެ ނަޒަރު އެންމެ ބޮޑަށް އަމާޒުވެފައިވާ ބަތަލުންގެ ތެރޭގައި ދެން ހިމެނެނީ ކާރްތިކް އާރްޔަން އާއި ވިކީ ކޯޝަލް އެވެ.

ބްރޭންޑްތަކުގެ އިޝްތިހާރު އުފައްދާ ފަރާތްތަކަށް ގަބޫލު ކުރެވެނީ އާ މޫނުތައް ލައްވާ އިޝްތިހާރު ކުރުމުން ޒުވާން ގިނަ ކުދިންތައް އެ ބްރޭންޑްތަކުގެ އެއްޗެތި ގަންނަން މާ ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.