ހަބަރު

ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ޖޭއެސްސީއިން ނިންމައިފި

Oct 8, 2019
2

އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދަށް ނަސޭހަތްތެރިވާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވާން ޖޭއެސްސީން ނިންމީ އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަށްފަހު ކޮމިޝަންގެ ކޮމެޓީއަކުން މައްސަލަ ބަލައި އެކަމަށް އެ ކޮމެޓީއިން ލަފާ ދީފައިވާތީ އެވެ. މީގެ ކުރިން އެ މައްސަލާގައި ކޮމެޓީގެ ރިޕޯޓަށް ޖަވާބުދާރީވާން ފަނޑިޔާރުންނަށް ފުރުސަތު ދިނެވެ.

މައްސަލާގައި ފަނޑިޔާރުން ޖަވާބުދާރީވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ. ޖޭއެސްސީއިން ނިންމާފައިވަނީ ކޮމެޓީގެ ރިޕޯޓް ބަލައިގަނެ، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމުގެ ފިޔަވަޅު ތިން ފަނޑިޔާރުންނަށް އެޅުމަށެވެ.

ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލާފައިވަނީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލާގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ އެވެ. އިކްރާމްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުރިހާ ލިޔެކިޔުމެއް ސުޕްރީމް ކޯޓުން ނެގީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ދަށު ކޯޓުތަކުގައި ހިނގާ ބައެއް މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓުން ނެގުމަކީ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އެކަން ސުޕްރީމް ކޯޓަށް ނުކުރެވޭނެ ގޮތް ގާނޫނުގެ ތެރެއިން ހަދަން އެމްޑީޕީއިން ގެންދަނީ ވިސްނަމުންނެވެ.

ސުޕްރީމް ކޯޓުން އޭރު ބުނެފައިވަނީ އިކްރާމްގެ މައްސަލާގެ ލިޔުންތައް ނެގީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތެއް ސާފުވެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިތުރުން ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމަށް ވެސް ނަސޭހަތްދިނުމުގެ ފިޔަވަޅު އެޅުމަށް މިއަދު ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

މި ދެ މައްސަލާގެ އިތުރުން ވެސް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ސިވިލް ކޯޓުގެ ގާޒީއެއް ކަމަށްވާ އަބްދުއްނާސިރު ޝަފީގުގެ މައްސަލައެއް ބެލުމަށް ނިންމާފައިވެ އެވެ. އަދި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބުކުރުގެ މައްސަލައަކާއި ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ މައްސަލައެއް ބެލުމަށް ނިންމާފައިވެ އެވެ.