މިނިމަމް ވޭޖް

މިނިމަމް ވޭޖްގެ ދިރާސާއަށް ވިޔަފާރިތައް ސާވޭ ކުރަނީ

ވިޔަފާރި ކުރާ ތަންތަނާއި އެހެން ތަންތަނުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުން ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން ކުރަން ޖެހޭ ދިރާސާތައް ކުރުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުގެ ސާވޭއެއް މި އޮކްޓޯބަރު މަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ސާވޭގެ މަގްސަދަކީ މާލެއާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާ އަދާ ކުރަ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ހަރަދުތަކާއި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ދެނެގަތުމެވެ. އަދި ސާވޭގައި ހިމެނިގެން ދާނެ ވިޔަފާރިތަކުގެ ތެރޭގައި ވަނީ، ޓޫރިޒަމް، ކޮންސްޓްރަކްޝަން، ހޯލް ސޭލް އަދި ރީޓެއިލްގެ އިތުރުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ވިޔަފާރިތަކެވެ.

އެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާއި ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މިދިޔަ އާދީއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއި ކުރެވި ރަސްމީ ގޮތުން އެ ފަރާތާ ސާވޭގެ މަސައްކަތް ވަނީ ހަވާލު ކުރެވިފަ އެވެ.

ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ޓީމަށް އެއްބާރުލުން ދިނުމަށާއި މި ސާވޭއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ވިޔަފާރިތަކަށް މިނިސްޓްރީން ވަރަށް ބޮޑަށް އިލްތިމާސް ކުރާ ކަމަށް ބަޔާންގައިވެ އެވެ.

މިނިމަމް ވޭޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ކަމުގައި އެ މިނިސްޓްރީއަށް ލަފާ ދޭނެ ބޯޑެއް ވެސް އެކުލަވާލާފައިވެ އެވެ.