މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކޮށްފި

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި އިއުލާން ކޮށްފި އެވެ. މިނިމަމް ވޭޖް ކަނޑައަޅާ އިއުލާން ކޮށްފައި ވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

މިނިމަމް ވޭޖް ބޯޑުން ޕްރައިވެޓް ސެކްޓަރަށް ދިން ލަފާ

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑި އިރަކަށް 33.65
  • ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ ގަޑި އިރަކަށް 42.79

ބޯޑުން ލަފާދިނީ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ އެވެ. އެއީ އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކަށް 5،000 ރުފިޔާ އެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލަފާދީފައިވަނީ ގަޑި އިރަކަށް 33.65 ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000 ރުފިޔާ އެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ ގަޑި އިރަކަށް 42.79 ރުފިޔާ އެވެ. އެއީ މަހަކަށް 8900 ރުފިޔާ އެވެ.

ބޯޑުން ދިން ލަފާ ދިރާސާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށް ކަމަށެވެ. އެއީ ކޮވިޑާއި ގުޅިގެން ގައުމުގެ އިގްތިސާދަށް އަސަރުތަކެއް ކޮށްފައިވާތީ ކަމަށެވެ.

ޕްރައިވެޓް ސެކްޓަރަށް މިނިމަމް ވޭޖް ކަނޑައެޅިވަރު

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21.63ރ.
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65ރ.
  • ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 38.46ރ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500 ރުފިޔާ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް މަހަކަށް 8،000 ރުފިޔާގެ މިނިމަމް ވޭޖެއް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅެނީ ގަޑިއިރަކަށް 7000 ރުފިޔާ އެވެ.

ޕަބްލިކް ސެކްޓަރަށް ވޭޖް ކަނޑައެޅީ ލަފަޔާ އެއްގޮތައް

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕަބްލިކް ސެކްޓަރަށް މިނިވަން ވޭޖު ބޯޑުން ކަނޑައެޅި މިންވަރުގައި ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށް ޕްރައިވެޓް ސެކްޓަަރަށް މިނިމަމް ވޭޖު ކަނޑައެޅި ނަމަވެސް، ޕަބްލިކް ސެކްޓަރަށް މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ލަފާދިން މިންވަރަށް ކަމަށެވެ.

އެގޮތުން ޕަބްލިކް ސެކްޓަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާ އެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ގޮތުގައި މަހަކު 7،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ

މިނިމަމް ވޭޖްގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ. އެއީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރަމަލޯން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ނުހިމެނޭނެ އެވެ.