ޓެކްނޯލޮޖީ

ހަ އަހަރު ފަހުން ޕީއެސް 5 ނެރެނީ

Oct 9, 2019

ކޮމްޕިއުޓަރުން ގޭމު ކުޅުން އެހާ އާންމު ނޫން ދުވަސް ވަރު ގޭމް ކުޅެން އެންމެ ކަމުދާ އެންމެ މަޝްހޫރު އެއްޗަކީ ޕްލޭސް ސްޓޭޝަން ނުވަތަ ޕީއެސް އެވެ. މިއިން އެއްފަހަރާ ދެ މީހަކާއެކު ގޭމް ކުޅެވޭތީ ގޭމުގެ ފޯރި ގަދަވެގެންދެ އެވެ. ޕްލޭސް ސްޓޭޝަން އެންމެ ފުރަތަމަ ތައާރަފު ކޮށްފައިވަނީ ޑިސެމްބަރު 3، 1994 ގައެވެ.

އޭގެ ފަހުން ޕްލޭސް ސްޓޭޝަން އުފައްދާ ސޯނީން ދިޔައީ ތަފާތު އާ ވައްތަރުގެ އަޕްޑޭޓުތަކާއެކު ޕްލޭސް ސްޓޭޝަންގެ ސީރިސްތައް އެކި އަހަރުތަކުގައި ރިލީސް ކުރަމުންނެވެ. ފަހުން ނެރުނު ޕްލޭސް ސްޓޭޝަން ހަތަރެ އާންމުގެ މެދުގައި ވަރަށް މަގުބޫލު ވެގެން ދިޔަ އެވެ. އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ގޭމަރުންގެ މެދުގަ އެވެ. ސަބަބަކީ ޕީއެސް ހަތަރެއް ވެގެން ދިޔައީ ކޮންމެ ތާކު ހުރެގެން ވެސް ބޭނުން ކުރެވޭ އެއްޗަކަށް ވާތީ އެވެ.

ޕްލޭސް ސްޓޭޝަންގެ ހަތަރެއްގެ ވަކި ސީރީސްތަކެއް ސޮނީއިން ވަނީ ނެރެފަ އެވެ. އެގޮތުން ޕީއެސް ހަތަރެއް ސްލިމް، ޕީއެސް ހަތަރެއް ޕްރޯ ފަދަ އުފެއްދުންތައް ހިމެނެ އެވެ. އާންމު އުސޫލުން ބޭނުންކުރާ އެކައްޗެއް މާ ގިނައިން ބޭނުން ކުރަން ފެށުމުން ޔޫޒަރުން ފޫހިވެ އެވެ. އެއާއެކު ޕްލޭސް ސްޓޭޝަން ހަތަރަކަށް ވެސް ޔޫޒަރުން ފޫހިވާން ފެށި އެވެ. އެ ކަންބޮޑުވުން ސޮނީ ކުންފުންޏަށް ލިބެން ފެށުމުން ވަނީ ޕްލޭސް ސްޓޭޝަން ފަހެއް ނުކުންނާނެ ދުވަސް އާންމު ކޮށްފަ އެވެ. ޕްލޭސް ސްޓޭޝަން ފަހެއް ނެރޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހު ނެރޭ ޕްލޭސް ސްޓޭޝަން ފަހެއްގެ ގޭމިން ކޮންސޯލުގެ ގްރެފިކްސްގެ ޕީއެސް ހަތަރަކަށް ވުރެ ރަނގަޅު ވާނެ އެވެ. އަދި ކޮންޓްރޯލާ ތަކުގެ ވައިބްރޭޝަންސްތައް ވެސް އެންހޭންސް ކޮށްފައިވާނެ ކަމަށް ސޮނީއިން ބުނެއެވެ.

އެހެންކަމުން މި ޕްލޭސް ސްޓޭޝަން ވަރުގަދަ ވާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މިއީ ޕްލޭސް ސްޓޭޝަނުން ގޭމް ކުޅޭ މީހުނަށް ލިބިގެންދާނެ އުފާވެރި ހަބަރަކަށް ވާނެ އެވެ.

ޕްލޭސް ސްޓޭޝަން ފަހެއްގެ ޑިޒައިން އަދި އާންމު ނުކުރެ އެވެ. ނަމަވެސް ޓެކްނޮލޮޖީގެ ހަބަރު ގެންނަ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީއެސް ހަތަރެއްގެ ޑިޒައިނާ އަޅާ ބަލާއިރު ޕީއެސް ފަހެއްގެ ޑިޒައިން ވަރަށް ބޮޑު ތަނުން ތަފާތު ވާނެ އެވެ. ސޮނީ ކުންފުނިން ބުނެފައިވާ ގޮތުގައި 100 މިލިއަން ޕްލޭސް ސްޓޭޝަން އުފައްދައި 2021 ވަނަ އަހަރު ބާޒަރަށް ނެރޭނެ އެވެ. އެހާ ވަރަށް ޑިމާންޑު އޮތް ކަމަށް ސޮނީއިން ވަނީ ބުނެފަ އެެވެ.