ކުޅިވަރު

ޝުވައިންސްޓައިގާ ފުޓްބޯޅައަށް އަލްވަދާއު

ޖަރުމަނަށް ވޯލްޑްކަޕް ހޯދައިދިން މިޑްފީލްޑާ، ބަސްޓިއަން ޝުވައިންސްޓައިގާ އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދިނުމަށް ޝުވައިންސްޓައިގާ ވަނީ މުހިންމު ރޯލެއް އަދާ ކޮށްފަ އެވެ. ބަޔާން މިޔުނިކުން ކެރިއާ ފެށި ޝުވައިންސްޓައިގާ، 2013 ވަނަ އަހަރު ބަޔާން އާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި އެވެ. ބަޔާން އިން ސީނިއާ ކެރިއާ ފަށައި 13 އަހަރު ވަންދެން އެ ޓީމަށް ކުޅުނެވެ.

ބަޔާން ދޫކޮށް، މެންޗެސްޓާ ޔުނައިޓެޑަށް ވެސް އޭނާ ކުޅުނެވެ. އެ ޓީމުގައި ދެ އަހަރު ވަންދެން ހިމެނުނު ނަމަވެސް ކުޅުނީ މަދު މެޗުތަކެކެވެ. އެއަށް ފަހު އޭނާ ބަދަލުވީ އެމެރިކާގެ ޗިކާގޯ ފަޔާ އަށެވެ. އެ ޓީމާއެކު އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ ހޯމަ ދުވަހު އޮލާންޑޯ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ޗިކާގޯ ކާމިޔާބު ކުރީ 5-2 ންނެވެ.

ޝުވައިންސްޓައިގާގެ ކެރިއާ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، ބަޔާން ގަ އެވެ. އެ ޓީމަށް 500 މެޗު ކުޅެދީ، އަށް ފަހަރު މަތިން ޖަރުމަން ލީގް ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިނުމުގައި އެހީތެރި ވެދިނެވެ. ޖަރުމަންގެ ގައުމީ ޓީމަށް 121 މެޗު ކުޅުނު ޝުވައިންސްޓައިގާ ވެފައި ވަނީ ޖަރުމަންގެ ތާރީހްގައި ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށެވެ.

މެންޗެސްޓާ ޔުނައިޓަޑަށް 2015 އަހަރު ބަދަލުވެ، އޭނާ ވެފައި ވަނީ ޔުނައިޓަޑްގެ ސީނިއާ ޓީމަށް ކުޅުނު ޖަރުމަންގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޗިކާގޯ ފަޔާއަށް 2017 ވަނަ އަހަރު ބަދަލުވެ އޭނާ ވަނީ އެޓީމު އެމެރިކާގެ ލީގްގެ ޕްލޭއޮފްއާ ހަމައަށް ގެންގޮސްދީފަ އެވެ. އެހެންނަމަވެސް އޭނާގެ ފަހު ސީޒަންގައި އެ ޓީމު ލީގްގައި ދެމިއޮތުމުގެ ޔަގީންކަން ވަނީ ގެއްލިފަ އެވެ.