ލައިފްސްޓައިލް

ކައިވެނި ނުކުރުމަކީ އުމުރު ދިގުވާ ކަމެއްތަ؟

ނިއުޔޯކް ސިޓީގެ ބްރޮންކްސްގައި ދިރިއުޅޭ ލުއިސް ސިގްނޯރޭ މިދޔަ އޮގަސްޓް މަހު ވަނީ އޭނާގެ 107 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. މިހާ ދުވަސްވީއިރުވެސް ރަނގަޅު ސިއްހަތެއްގައި ހުރެވުމުގެ ސިއްރެއް ކަމަށް އޭނާ ބުނަނީ ކެއުމަށް ފަރުވާތެރިވުމާއި ގަވާއިދުން ކަސްރަތު ކުރުމެވެ. އެންމެ އަޖައިބުވާ ކަމަކީ މިހާރުވެސް ލުއިސް އަށް މީހެއްގެ އެހީއާ ނުލާ އުޅެވެ އެވެ. އޭނާ ފިހާރަތަކަށް ގޮސް ބާޒާރުކުރަނީ އަމިއްލައަށެވެ.

އުމުރުން ދުވަސްވީ މީހުން ގެންގުޅޭ އަސާގަނޑު ފަދަ އެއްވެސް އެއްޗެއްގެ އެހީތެރިކަމެއް ވެސް އޭނާ ނުހޯދަ އެވެ. އަދި އޭނާ ކާން ޖެހޭ އެއްވެސް ބޭހެއް ވެސް ނެތެވެ.

ސަތޭކަ ހަތް އަހަރު ވަންދެން ގަދަވެ ސަލާމަތުން ދުނިޔޭގައި ހުރެވުމުގެ ސިއްރަކީ ކޮބައިތޯ ލުއިސް އާ ނޫސްވެރިއަކު ސުވާލުކުރި އެވެ. އޭނާ ބުނީ އެކަމުގެ ސިއްރަކީ ދުވަހަކުވެސް ކައިވެންޏެއް ނުކުރުން ކަމަށެވެ.

"އަހަރެންގެ ކޮއްކޮ ވެސް ބުނާނެ އޭނާ ވެސް ހިތަށް އަރައޭ ކައިވެންޏެއް ނުކުރެވުނު ނަމައޭ،" ލުއިސް ބުންޏެވެ.

ދިގު އުމުރުގެ ސިއްރަކީ ކައިވެނި ނުކުރުން ކަމަށް ލުއިސް ގަބޫލު ކުރިޔަސް ކައިވެނިކޮށްފައިވާ އޭނާގެ ކޮއްކޮ އަށް ވެސް މިހާރު މިއޮތީ 102 އަހަރަށެވެ. އެހެންވެ ކައިވެންޏާ އުމުރު ދިގު ވުމާ ވެސް ގުޅުވޭކަށް ނެތެވެ. ޔަގީންވާ ކަމަކީ އެ އާއިލާގެ މީހުންގެ އުމުރު އާދަޔާޚިލާފަށް ދިގެވެ.

ލުއިސް އުފަންވީ 1912 ވަނަ އަހަރު އެވެ. ޓައިޓޭނިކް ފެތުނުތާ 3 މަސް ފަހުންނެވެ. އޭނާއަކީ ގާނޫނީ ގޮތުން ލޯ އަނދިރި މީހެއް ކަމަށް ބަލާވަރަށް ލޯ އަނދިރިވެފައިވާ މީހެކެވެ. ވަރަށް ފަހުން ނިއުމޯނިއާ ޖެހިގެން ވަރަށް ބަލިވެ އުޅުނެވެ. އަދި އުމުރުން 103 އަހަރުގައި އެ ގެއަށް ވައްކަން ކުރަން ވަން ބަޔެއްގެ ފަރާތުން ވެސް ލުއިސް އަށް އަނިޔާތަކެއް ލިބުނެވެ.

ލުއިސް ބުނި ގޮތުގައި ކޮންމެ ދުވަހަކުވެސް އޭނާ ކަސްރަތުކުރެ އެވެ. އަދި ކެއުމުގެ ފަހުން ނަށާލާ ހަދަ އެވެ.
އުމުރުން 107 އަހަރު ވިޔަސް ލުއިސް އަކީ އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ މީހާ އެއް ނޫނެވެ. މި ރެކޯޑް އޮތީ 114 އަހަރުގެ އަލީލިއަ މާފީ އަށެވެ. އަލީލިއާ ދިރިއުޅެނީ ހާރެމް ކިޔާ ރަށެއްގަ އެވެ. އިއްތިފާގުން ލުއިސް ވެސް އުފަންވީ އެރަށުގަ އެވެ.