ޗެމްޕިއަންސް ލީގް

ޗެމްޕިއަންސްލީގްގެ އާ ބަދަލު ބަހުސަކަށް

ޔޫއެފާ ޗެމްޕިއަންސް ލީގަށް ގެންނަން ޔޫރަޕިއަން ކުލަބު އެސޯސިއޭޝަނުން ހުށަހަޅާ ބަދަލުތަކުގެ ސަބަބުން ކުޅުންތެރިންނަށާއި ކުލަބުތަކަށް އޭގެ ގެއްލުން ކުރިމަތި ވާނެ ކަމަށް، ޔޫރަޕިއަން ފުޓްބޯޅަ ލީގު ބޮޑީން ބުނެފި އެވެ.

ޔޫރަޕިއަން ކުލަބު އެސޯސިއޭޝަން އަދި ޔުވެންޓަސްގެ ރައީސް އެންޑްރޭ އަނިއޭލީ އިސްވެ ހުރެ ހުށަހަޅާ އާ ބަދަލުގައި ހިމަނާފައި ވަނީ މިހާރު ގުރޫޕް ސްޓޭޖު އޮންނަ ގޮތް ކަމަށްވާ، އަށް ގުރޫޕަށް، (ކޮންމެ ގުރޫޕަކަށް) ހަތަރު ޓީމު އޮންނަ އުސޫލުގެ ބަދަލުގައި ހަ ގުރޫޕަށް ކޮންމެ ގުރޫޕަކަށް ހަ ޓީމު ބަހާލައިގެން ކުޅޭ ސިސްޓަމެކެވެ. އޭރުން ގުރޫޕް ސްޓޭޖުގައި އެކަނިވެސް ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭނެ އެވެ. އަނިއޭލީ ވިދާޅުވީ އޭގެ މަގުސަދަކީ މުބާރާތުގެ ތެރެއިން ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ހޯދައިދީ ޓީމުތައް ޑިވެލޮޕް ވުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ނަމަވެސް ޔޫރަޕިއަން ލީގް ބޮޑީސްއިން އެ ހިޔާލާ ދެކޮޅެވެ. އެ ބޮޑީގެ ރައީސް ސްވިޑެންގެ ލާސް ކްރިސްޓާ އޮލްސޮން ވިދާޅުވަނީ އޭގެ ސަބަބުން ކުޅުންތެރިން އިންޖަރީ ވުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ބަދަލެއް ގެންނައިރު ކުޅުންތެރިންނަށް ފަސޭހަ ވާނެ ގޮތަށް ވެސް ބަލަން ޖެހޭ ކަމަށެވެ.

"ކުޅުންތެރިން އަހަރަކު 70 ނުވަތަ 80 މެޗު ކުޅެން ޖެހެންޏާ އިންޖަރީ ވުމުގެ ފުރުސަތު ވަރަށް ބޮޑު." ކްރިސްޓާ އޮލްސޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް އަމަލު ކުރާނަމަ، ކުލަބުތަކަށް އެކަން ދެމެހެއްޓޭނީ ސްކޮޑުގައި 40 ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. އެހެންވެއްޖެނަމަ އޭގެ ފައިދާ ލިބޭނީ ހަމައެކަނި މުއްސަނދި ކުލަބުތަކަށް ކަމަށް ވެސް އޮލްސޮން ވިދާޅުވި އެވެ.

ޗެމްޕިއަންސް ލީގް ކުލަބުތައް ކުރިން ހޯދާފައިވާ ކާމިޔާބުތަކަށް ބަލައި އެ ކުލަބުތަކަށް ބޮޑު މާލީ އެހީއެއް ދޭ ދިނުން ބަދަލު ކުރަން އޮލްސަން ވާހަކަ ދެއްކި އެވެ. އޭނާ ހުށަހަޅަނީ ފަންޑު މުބާރާތުން ބޭރުގެ ކުލަބުތަކަށް ވެސް ބެހިގެންދާނެ ގޮތަށް ހެދުމަށެވެ. އެކަމުގެ ސަބަބުން މުބާރާތުގެ ވާދަވެރިކަން ހަމަހަމަ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ހުށަހަޅާ ބަދަލުތައް ފާސް ވެއްޖެނަމަ އެކަމަށް އަމަލު ކުރަން ފަށަނީ 2021 ވަނަ އަހަރު އެވެ. ހުށަހަޅާފައިވާ އަނެއް ބަދަލަކީ، ޔޫރަޕްގެ އެންމެ ބޮޑު ހަތަރު ލީގްގެ ގަދަ ހަތަރު ޓީމަށް މިހާރު ދޭ ފުރުސަތަކަށް ބަދަލު ގެނައުމަށެވެ. މިހާރު ހުށަހަޅާފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސޭރިއާ، ބުންޑެސް ލީގާގެ ހަތަރު ވަނަ ހޯދާ ކުލަބަށް ސީދާ ޖާގަ ދިނުމުގެ ބަދަލުގައި ހަތަރު ވަނަ ޓީމު ޕްލޭއޮފްގައި ވާދަ ކުރުމަށެވެ.

އޮލްސޮން ވިދާލުވީ، ހަތަރު ގައުމުގެ މެދުގައި ހަމަހަމަ ކަން ގެންގުޅޭނަމަ އެ ގޮތަށް ބަދަލު ކުރުމާމެދު އޭނާގެ އޮގޮނައިޒޭޝަނުން އިއުތިރާޒެއް ނެތް ކަމަށެވެ. އަލަން ގެންނަން ހުށަހަަޅާ ބަދަލުތަކާ މަޝްވަރާ ކުރުމަށް އަންނަ ހަފުތާގައި ކަމާބެހޭ ފަރާތްތަކުން ލަންޑަންގައި ބައްދަލު ކުރުމަށް ވަނީ ހަމެޖެހިފަ އެވެ.