ފިލިޕީންސް

ފިލިޕީންސްގައި އުކާލާ ޕްލާސްޓިކުން ރީތި ބަގީޗާއެއް

އުކާލާ ޕްލާސްޓިކުން ރީތި ބަގީޗާއެއް ފިލިޕީންސްގެ ދެކުނުގައި އޮންނަ ސިޓީއެއްގައި ތައްޔާޜު ކޮށްފި އެވެ. މިއީ ހުސް ޓިއުލިޕް މަލުން ތައްޔާރުކޮށްފައިވާ ބަގީޗާއެއް ނަމަވެސް މި ބަގީޗާގައި ހުރި ޓިއުލިޕްތަކަކީ އަސްލު މަލެއް ނޫނެވެ.

"ލެމިޓަން" ގެ ނަމުން ނަންދީފައިވާ މި ބަގީޗާގައި ވަނީ އެ ސިޓީގައި އުކާލެވޭ ޕްލާސްޓިކް ފުޅި އެއްކޮށްގެން ޓިއުޕް މަލެއް ގޮތަށް ޑިޒައިންކޮށްގެން ތައްޔާރުކޮށްފައިވާ ބަގީޗާ އެކެވެ.

އެކި ކުލަކުލައިގެ ޓީއުލިޕްތަކުން ޒީނަތްތެރިވެފައިވާ މި ބަގީޗާއަކީ މިހާރު ފިލިޕީންސަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަޝްހޫރުތަނެކެވެ. ދުވާލަކު އެތައް ހާސް ބަޔަކު މި ބަގީޗާއަށް ޒިޔާރަތްކުރާއިރު މިއީ ހަމައެކަނި ފަތުރުވެރިންނަށް އަމާޒުކޮށް ހަދާފައިވާ ތަނެއް ނޫނެވެ. އުކާލާތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ހޭލުންތެރިކަން ވެސް މި ބަގީޗާއިން ލިބޭނެ އެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހުޅުވި މި ބަގީޗާ ތައްޔާރުކޮށްފައިވަނީ 26877 ފުޅިންނެވެ. މިއީ އެ ހިސާބުގެ ވަށައިގެންވާ 45 އަވަށަކުން އެއްކޮށްފައިވާ ފުޅި އެވެ.

ޕްލާސްޓިކް ފުޅިތައް ޓިއުލިޕް މާ ތަކެއް ގޮތަށް ކަފާފައި އޭގައި ރަތް، ރީނދޫ، ފިޔާތޮށި އަދި ނޫކުލަ ޖައްސަ އެވެ. އަނެއްބައި ފުޅިތައް ރަނގަޅަށް މުގުރާފައި ސިމެންތި އާއި ވެއްޔާ އެއްކުރުމަށްފަހު ބަގީޗާގެ ތެރޭގައި ހިނގާ މަގުތައް ހެދުމުގައި ބޭނުންކޮށްފައި ވެއެވެ.