އިދިކޮޅު ފަރާތްތައް

ނޫމަޑިއަށް ބަދަލު ދިނީ ބައިނަލްއަގުވާމީ ހަމަތަކާ ހިލާފަށް: އިދިކޮޅު

އެކި ރަށްރަށުގައި 1،100 ހައުސިން ޔުނިޓް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާ ހަވާލުކުރި ދެ އެއްބަސްވުން ކުރީ ސަރުކާރުން އުވާލި މައްސަލާގައި ބަދަލެއްގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު މި ސަރުކާރުން ދީފައި ވަނީ ބައިނަލްއަގްވާމީ ހަމަތަކާ ހިލާފަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ނޫމަޑިއާއެކު ވެފައިވާ ދެ އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލި މައްސަލައާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދާށެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބުނީ ނޫމަޑިއާ އެކު ސެޓްލްމަންޓު އެގްރީމަންޓެއްގައި ސޮއިކުރީ މިދިޔަ އޮގަސްޓު މަހުގެ 25 ގައި ކަަމަށެވެ. އޭގައި އެއްބަސްވެވުނީ ގެއްލުމުގެ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މަޖިލިސް ކައިރީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، އިންޓަނޭޝަނަލް ކޯޓެއްގައި އާބިޓްރޭޝަން މައްސަލަ ކުރިއަށްދާއިރު، ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ އެހެން ފައިސާ ދެވިގެން ނުވާނެ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ވިޔަފާރިތަކުގެ ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"ހިތަށް އެރި ގޮތަކަށް ކޮމިޓީއެއް ނަގައިގެން ކުރެވޭ މަސައްކަތެއް ނޫން އެއީ އާބިޓްރޭޝަން މައްސަލަތަކަކީ. ހަމަ އައުޓް އޮފް ކޯޓް ސެޓަލްމަންޓްއެކޭ ކިޔާފައި އެތައް ބައިވަރު ފައިސާތަކެއް މި ދިނީ، އެއީ ނިންމޭނެ ކަމެއް ނޫން، އެއީ އިންޓަނޭޝަނަލް ކޮމާސްގައި ނުކުރެވޭނެ ކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރު އައި ފަހުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް އެތައް ފައިސާއެއް ދެވޭއިރު، ރައްޔިތުންނާ ސީދާ ގުޅުން ހުރި އެއްވެސް ކަމަކަށް ހަރަދު ކުރެވިގެންދާ ތަނެއް ނުފެންނަ ކަމަށެވެ. ބަދަލުގެ ގޮތުގައި ފައިސާތައް ދިނުމުގެ ކަންކަން ޝިޔާމް ސިފަކުރެއްވީ "ހިޔާނާތުގެ" މައްސަލައެއްގެ ގޮތުގަ އެވެ.

ޝިޔާމް ވިދާޅުވީ އެންމެ ފަހުން ސަރުކާރުން އެދިގެން އެއް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ފާސްކޮށްދިން އިރު ވެސް އެ ފައިސާއިން ރައްޔިތުންނާ ގުޅުން ހުރި އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށެވެ. އެ ފައިސާ ވެސް ބޭނުން ކުރެވިގެން ދަނީ އެކިއެކި ކުންފުނިތަކަށް ބަދަލު ދިނުމުގެ ގޮތުން ކަމަށެވެ.

ނޫމަޑި މައްސަލަގާއި 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކާފައިވާއިރު، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެކިއެކި ކުންފުނިތަކަށް މިހާރު ދައްކާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެފަދަ މައްސަލަތަކަށް އެކުލަވާލައްވާފައިވާ ސެޓަލްމަންޓް ކޮމިޓީން އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ލަފާ ދިނުމުން ކަމަށެވެ. އެހެންކަމުން ނޫމަޑިއާއެކު ވެސް މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ބަދަލު ދިނީ ރައީސްގެ ވެސް ލަފައާއެކު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.