ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުން ބްރޯންޒް މެޑަލް ގެނައި ޓީމަށް އެފްއޭއެމާއި ސްޕޯޓްސް މިނިސްޓަރު މަހްލޫފްގެ މަރުހަބާއެއް ނެތެވެ.
ނޭޕާލްގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ގޮސް، މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި މެޑަލް ހޯދުމަކީ ރާއްޖޭގެ ޔޫތު ފުޓްބޯޅައިގައި ސަރަހައްދީ ލެވަލްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.
ނަމަވެސް އެފްއޭއެމްގެ ފަރާތުން ޓީމަށް އެއްވެސް މަރުހަބާއެއް ކިޔާފަ އެއް ނުވު އެވެ. ސާފް ޗެމްޕިއަންޝިޕާއި އޭޝިއާގެ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ނިންމާލު މަށް ފަހު 19 އަހަރުން ދަށުގެ ޓީމު ވަނީ އިއްޔެ މާލެ އައިސްފަ އެވެ. އެއާޕޯޓުން އެފްއޭއެމްގެ އެއްވެސް އިސްވެރިޔަކު ޓީމަށް މަރުހަބާ ކިޔަން ގޮސްފައެއް ނުވެ އެވެ.
މީގެ ކުރިން މެޑަލް ގެންނަ ޓީމުތައް މާލެ އަންނައިރު އެ ޓީމުތަކަށް މަރުހަބާ ކިޔުމަށް އެފްއޭއެމްގެ ވެރިން އެއާޕޯޓަށް ވަޑައިގެން ކުޅުންތެރިންނަށް މާބޮނޑި ދީ އޭއާޕޯޓް ވީއައިޕީން މަރުހަބާ ކިޔަ އެވެ. މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުން ލޯ މެޑަލް ގެނައި ރާއްޖޭގެ އަންހެން ޓީމަށް މަރުހަބާ ވިދާޅުވުމަށް އެފްއޭއެމްގެ ވެރިންނާއި ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަޑައިގެންނެވި އެވެ.
ޒުވާން ޓީމަށް މާލެ އައިރު ޓީމާ ހަވާލުވާން ގޮސް ހުރީ އެފްއޭއެމްގެ އޮފިޝަލަކާއި ޓީމު ސަމާނުތަކާ ހަވާލުވާން ދިޔަ އެފްއޭއެމްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ.
އަންޑާ 19 ޓީމުން ހޯދި ކާމިޔާބަކީ، ރާއްޖޭގެ ޒުވާން ޓީމުތަކުގެ ޓާގެޓް ކުރިމަގަށް ކަނޑައަޅާއިދިން ކާމިޔާބެކެވެ. މީގެ ކުރިން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުން މުބާރާތްތަކުގައި ކުޅެނީ މެޗު އެއްވަރުކޮށްލަން ނުވަތަ ބައިކޮޅަށް ވަންނަ ލަނޑު މަދު ކޮށްލުމުގެ ވިސްނުމެއްގަ އެވެ. އަދި މީގެ ކުރިން އުމުރު ފުރާތަކުގެ މުބާރާތަށް ދާ ޓީމުތަކުގެ އެންމެ ބޮޑު ޝާކުވާއަކަށް ވަނީ ދިވެހި ކުޅުންތެރިންނަށް ވުރެ އުމުރުގެ ގޮތުން ދޮށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭން ޖެހުމުން ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ އެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން، މިފަހަރު މުބާރާތަށް ތައްޔާރުވީ އެހުރިހާ ގޮންޖެހުމަކާއެކުވެސް ސާމީ ފައިނަލަށް ދިއުމުގެ ޓާގެޓެއްގަ އެވެ. އެގޮތުން މުބާރާތަށް ދުރާލައި ޕްރެކްޓިސް ފެށި އެވެ. އަދި މާލޭގައި ސީނިއާ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަން ކުލަބުތަކާ ދެކޮޅަށް މެޗުތައް ކުޅެ އުމުރުން ދޮށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ހޯދި އެވެ.
ބުރަ މަސައްކަތާއެކު ވެސް ކާމިޔާބު ހޯދި ޓީމަށް އެފްއޭއެމު އާއި ސްޕޯޓްސް މިނިސްޓަރުގެ މަރުހަބާއެއް ނެތެވެ. ޓީމަށް މަރުހަބާ ކިޔުމަށް އޮތީ ކޮންކަމެއްތޯ ބަލަން އެފްއޭއެމްގެ ބަހެއް ހޯދަން ސުވާލު ކުރުމުން އެފްއޭއެމުން ބުނީ 19 އަހަރުން ދަށުގެ ޓީމަށް މަރުހަބާ ކިޔުމަށް އެހެން ހަފުލާއެއް ބާއްވާނެ ކަމަށެވެ.