ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަަޝްރޫއުގެ ޑިޒައިން އާއި އީއައިއޭ ހެދުމަށް ޕްރައިވެޓް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އާ އެވެ. ހަވާލުކުރި ފަސް ރަށުގެ ތެރޭގައި، މ. އަތޮޅުގެ ތިން ރަށަކާއި ތ. އަތޮޅު ދެ ރަށެއް ހިމެނެ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރަން ނިންމާފައިވަނީ މުލަކާއި ދިއްގަރު އަދި ކޮޅުފުށީގެ އިތުރުން ބުރުނީ އާއި ވަންދޫގެ އެވެ.
މަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދާނީ ދެ އަތޮޅު ވަކިވަކިން ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. މ. އަތޮޅުގެ މަސައްކަތްތައް ނިންމަން ދީފައިވަނީ 12 ހަފްތާގެ ތެރޭގައި 1.9 މިލިއަން ރުފިޔާ އަށެވެ. އަދި ތ. އަތޮޅު ދެ ރަށުގެ މަސައްކަތް 1.6 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާއިރު މި މަސައްކަތްވެސް ނިންމަން ހަވާލުކުރީ 12 ހަފްތާ އެވެ.
މަަސައްކަތް ހަވާލުކޮށް މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައި ވަނީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒް އެވެ.
މިއީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.