ހަބަރު

ނޫމަަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައްކައިފި

Oct 9, 2019
3

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގާގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ، 20، 2011، ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި، 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. މިއެއްބަސްވުންތައް ބާތިލްކޮށްފައިވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނިކޮށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެފަރާތުން ވާހަކަދައްކައިގެން ހައްލު ކުރަން ދިވެހި ސަރުކާރުން ނިންމަވާފައިވަނީ ރައީސް އެކުލަވާލައްވާފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ.

ހައުސިން އިން އިއްޔެ ނެރެފައިވާ ބަޔާނުގައިވަނީ ސެޓްލްމަންޓް ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރުމަކީ އެ މައްސަލަތަކުގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތްކަމަށް ކޮމިޓީގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.

ނޫމަޑިއާ މަޝްވަރާކުރުމަށްފަހު ކޮމިޓީން ރައީސަށް ލަފާ އެރުވުމުން، ރައީސް ސޯލިހްގެ ހުއްދައާއެކު ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ކަމަށެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ 25 އޮގަސްޓު 2019 ގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.