ހުނިހަކުރު މިއީ ދިހި ސައި މޭޒުތައް މަތީން ފެނުން މަދުވެފައިވާ އެކަމަކު މީރު ބާވަތެކެވެ. ތަފާތު ދިވެހި ރަހައަށް ލާ މި ހެދިކާ ފެންނަލެއް ވަރަށް މަދުވެފައި ވެއެވެ ކުރީން ގޭގައި ހުނިހަކުރު ހަދަނީ ދިއްގާ ފަތުގައި ފުށްގަނޑު ލާ ބަންދުކޮށް އާވިން ކައްކައިގެންނެވެ. ދިއްގާ ފަތުގެ ބަދަލުގައި ދޮންކެޔޮ ފަތްވެސް ހުނިހަކުރު ހަދަން ބައެއް ރަށްރަށުގައި ބޭނުން ކުރެއެވެ. ތެއްލުމުގެ ބަދަލުގައި މިގޮތަށް އާވިން ކައްކައިހެން ހަދާ ހުނިހަކުރުގެ ބޭރު މަޑެވެ. އަނގަޔަށްލާ އިރު ވިރިގެންދެ އެވެ. ފުށްކޮޅު އެތެރޭގައި ހުންނަނީ ގަބުޅި ހަކުރު މާފެން ފޮނިތޮށި އަޅައިގެން ކައްކާ ފޮނިކޮށްފަަ އެވެ. ބައެއް މީހުން ހުނިހަަކުރު ހަދާއިރު ދިޔާ ހަކުރު ވެސް އަޅަ އެވެ.
އެކަމަކު ފަހަށް އައިސް ހުނިހަކުރު ފެންނަލެއް ވެސް މަދެވެ. އަދި އާވިން ކައްކައިގެން ހަދާފައި ހުންނަ ހުނިހަކުރު ފޮޅި ވެސް މަދެވެ. އެހާ މަދުވެގެން އުޅެނީ އޭގެ އެންމެ މުހިއްމު އެއް ރަހަ ގެނެސްދޭ ގަބުޅި ނުލިބުން ކަމުގައިވުމަކީ އެކަށީގެންވާ ކަމަކެެވެ.
މިހާރު ކެފޭއަކުން ނުވަތަ ގެއަކުންވެސް ހަދާފައި ހުންނަ ހުނިހަކުރު ފޮޅިއެއް ސައި މޭޒަކުން ފެންނަ އިރުވެސް ފެންނަނީ ބޭރު ފުށުން ހަދާ ތެއްލާފައި ހުންނަތަނެވެ. މިގޮތަށް ތެއްލުމުން ބޭރުފުށް މުރަނަކޮށް ހުރެއެވެ. އެއްބައްޔަކަށް މިގޮތް ވެސް އޯކޭ އެވެ. އަސްލު ހުނިހަކުރާއި އަޅާކިޔާއިރު މިއީ މިއަށް ގެނައި ބޮޑު ބަދަލެކެވެ.
ހުނިހަކުރު ފޮޅި ކަމުދާ މީހުން ބުނާ ގޮތުގައި އެގޮތަށް ތެއްލާފައި ހުންނަ ހުނި ހަކުރަށްވުރެ އިހުގައި ހަދާ ހުނިހަކުރު މާ ކަމުދެ އެވެ. އިހުގެ ގޮތް ކަމުދަނީ ބޮޑަށް ސްޓީމުން ކައްކާފައި ހުންނާތީ އެވެ.
މާމަމެން އަދި މަންމަމެން ހުނިހަކުރު ފޮޅި ހަދާއިރު ރާނބާފެން ކައްކައިގެން ބޭރުފުށްގަނޑު ހެދުމުން ތަފާތު މީރު ކަމެއް ގެނެސް ދެއެވެ. ޑީޕް ފްރައި ކުރުމުގެ ބަދަލުގައި މިހެން ހުރުމުން ހަށިގަނޑަށް އެއްފަހަރާ އެތެރެވާ ކެލޮރީ ވެސް މަދުވާ ކަމަށް ވެއެވެ.
ހުނިހަކުރު ފޮޅިއަށް އަދިވެސް ޑިމާންޑް އެބައޮތެވެ. ދިވެހިވަންތަ ރަހަލައްވާ ސައިބޯލަން ހަދާ މި ކަހަލަ ބާވަތްތަށް ކަމުދެއެވެ.
ދިއްގާ ފަތާއި ކެޔޮފަތް ހޯދަން އުނދަގޫ ވެދާނެ އެވެ. ނަމަވެސް ފޮއިލްވެސް މިގޮތަށް ސްޓީމް ކުރަން ބޭނުން ވެދާނެ އެވެ. ފުޑްބްލޮގާ ނާދިޔާސް ޓޭސްޓް އޮފް މޯލްޑިވްސް އިން ހިއްސާކޮށްފައިވާ ހުނިހަކުރު ފޮޅީގެ މި ރެސިޕީ އިން ހުނި ހަކުރު ތައްޔާރު ކޮށްލަން އެހީއަކަށްވާނެ އެވެ.