ވިޔަފާރި

ފިޔާ ބަސްތާއެއް 800ރ. ގައި: ވެގެން މިއުޅެނީ ކިހިނެއް؟

Oct 10, 2019
8

އިންޑިއާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފިޔާ އެކްސްޕޯޓު ކުރުން ވަނީ މަދުކޮށްފަ އެވެ. މިއާއެކު ގިނަ ގައުމު ތަކަށް ފިޔާ ވިއްކުން އެ ގައުމުން ވަނީ ހުއްޓާލާފަ އެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ފިޔާ ލިބުމުގައި ދަތި ތަކެއް ނޫޅޭނެ އެވެ. އެކަމަކު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކަން ލިބެނީ 800ރ. އާއި 900ރ. އާ ދެމެދު އަގެއްގަ އެވެ. ވަކިން ފިޔާ ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 40ރ. އަށެވެ. ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟

"އިންޑިއާ އިން ފިޔާ ނުލިބެނީ. އެހެންވެ ހަމަ ބާޒާރުގައި އަގު ބޮޑު ވަނީ،" ވިޔަފާރިވެރިއަކު މިއަދު ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި އިންޑިއާ އިން އެންމެ ގިނަ އިން މުދާ ގެންނަނީ ޓުޓިކޮރިން ބަނދަރުން ކަމަށާ، ނަމަވެސް އެ ބަނދަރުން ފިޔާ ނޭރުވޭ ކަމަށެވެ.

"ފިޔާ އެކްސްޕޯޓެއް ނުކުރެވޭ ރާއްޖެ އަކަށް ވެސް. އެހެންވެ، ބާޒާރުގައި ހަމަ ފިޔާ ނެތީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން މުދާ ގެންނަ އެއް ކުންފުނި ކަމަށްވާ ލިލީ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވީ އިންޑިއާ އިން ފިޔާ ދޫކުރުން މަދުވަނީ އެ ގައުމަށް ބޭނުންވާ ވަރަށް ވެސް ނުހެއްދޭތީ ކަމަށެވެ.

"ރާއްޖެ އަށް ފިޔާ ނުލިބުން މިއީ އަލަށްވާ ކަމެއް ނޫން. ދޭތެރެ އިން މިކަން ދިމާވެ. ވާގޮތަކީ އެ ކޮޅުގައި މޫސުން ގޯހީ. އެހެންވެ ހަމަ ފިޔާ ނުލިބެނީ،" ނާބެ ވިދާޅުވި އެވެ.

ނަމަވެސް، ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނޫޅޭނެ އެވެ.

"އެއްވެސް ބަނދަރަކުން ދައްޗެއް ނޫޅޭނެ. ބަނދަރު ތަކުން ރާއްޖެއަށް ބޭނުންވާ ވަރަށް އެކްސްޕޯޓު ކުރެވޭނެ. ރާއްޖެއަށް ފިޔާ ލިބޭނެ،" މިއުވާން ވިދާޅުވި އެވެ.

އެއްވެސް ބަނދަރަކުން ދައްޗެއް ނޫޅެ. މިހާރު ބަނދަރު ތަކުން ރާއްޖެއަށް ބޭނުންވާ ވަރަށް އެކްސްޕޯޓު ކުރެވޭނެ. ރާއްޖެ އަށް ފިޔާ ލިބޭނެ
މިއުވާން މުހައްމަދު | ޑިރެކްޓަރު ކޮމިއުނިކޭޝަންސް

އެނގިފައިވާ ގޮތުގައި އިންޑިއާ އިން ކަނޑައަޅާފައިވާ ވަރަށް ފިޔާގެ ސްޓޮކް ރާއްޖެ އަށް ދޫކުރި ނަމަވެސް ބޯޓު ތަކަށް ބަރު ނުކުރެވި ލަސްވީ "މިސް ކޮމިއުނިކޭޝަން" އެއްގެ ސަބަބުންވެ. މިކަމުގެ ސަބަބުން ޓުޓިކޮރިން ބަނދަރުން ބޯޓު ފަހަރަށް ފިޔާ ބަރެއް ނުކުރެވެ އެވެ. އެހެންވެ ބައެއް ވިޔަފާރިވެރިން ވަނީ އެހެން ބަނދަރު ތަކުން ފިޔާ ބޯޓު ފަހަރަށް ބަރު ކުރަން ފަށާފަ އެވެ. ލަސްވެގެން އުޅެނީ އެހެންވެ އެވެ. ނަމަވެސް މިހާރު ވަނީ އެ މައްސަލަ ހައްލުކޮށްފަ އެވެ. އެހެންވެ ކުރިއަށްއޮތް ދުވަސްތަކުގައި އެކަށީގެންވާ ވަރަށް ފިޔާ ލިބޭނެ އެވެ.