ލައިފްސްޓައިލް

ނާސްތާގައި އިސްތައްޓެއް އޮވެގެން އަނބިމީހާގެ ބޯބާލައިފި

ބަންގްލަދޭޝް ފިރިހެނަކު އޭނާގެ އަންހެނުންގެ ބޯ ގަދަކަމުން ބާލައިފި އެވެ. އޭނާ މިގޮތަށް ކަންތައް ކުރީ ހެނދުނުގެ ނާސްތާއަށް އަންހެނުން ތައްޔާރުކުރި ކާނާގައި އިސްތައްޓެއް އޮތުމުން ކަމަށް ބުނެ އެވެ. އެ މީހާ މިހާރު ހައްޔަރު ކޮށްފައިވާއިރު ބަންގްލަދޭޝްގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން އިންޒާރުދޭ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް އެ ގައުމުގައި ދަނީ އިތުރުވަމުންނެވެ.

ބަބްލޫ މޮންޑަލް ނަމަކަށް ކިޔާ މީހާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ އޭނާގެ އަންހެނުން ހެނދުނުގެ ނާސްތާއަށް ތައްޔާރުކުރި ބަތާއި ކިރުން އިންސާނެއްގެ އިސްތައްޓެއް ފެނުނު ކަމަށް މޮންޑަލް ބުނެފައިވާ ކަމަށެވެ.

އެއީ އޭނާގެ 23 އަހަރުގެ އަންހެނުންގެ ބޮލުގެ އިސްތައްޓެއް ކަމަށް ގަބޫލު ކުރެވިގެން މޮންޑެލް ރުޅިގަދަވެ ވަގުތުން އަންހެނުންގެ ބޯ ބޭލީ އެވެ. ބަބްލޫގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލުގެ ހުކުމެއް އަންނާނެ ކަމަށް ބަންގްލަދޭޝް މީޑީއާ އިން ވަނީ ބުނެފަ އެވެ. އެއީ ގަސްތުގައި އަނިޔާއެއް ދިނުމުގެ އިތުރުން އަންހެނެއްގެ ކަރާމާތް ނަގާލިކަމުގެ ދައުވާ ސާބިތުވެއްޖެނަމަ އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނީ ބަންގްލަދޭޝްގައި މިހާރު ރޭޕްގެ އަދަދުވެސް ގިނަވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވީ ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކަށް ނިސްބަތުން ރޭޕްކުރުމުގެ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެއެވެ.

މިފަދަ އެހެން ހާދިސާއެއްގައި 26 އަހަރުގެ ފިރިހެނަކު ވަނީ އޭނާގެ 23 އަހަރުގެ އަނބިމީހާ އާ ހިތްހަމަނުޖެހިގެން ގޭގެ ފުރާޅުމައްޗަށް އަރާ ހުރެ ހަރުއަޑުން އޭނާ ތިން ފަށް ވަރިއަކުން ވަރިކޮށްފަ އެވެ. މި މީހާ އަންހެނުން ވަރިކުރީ ކައިވެނި ކުރުމުން އަންހެންމީހާގެ އާއިލާގެ ފަރާތުން ދޭން ބުނި އެއްޗެތި ނުދީގެންނެވެ.