ޕްރިޔަންކާ ޗޯޕްޅާގެ ޕާޕްލް ޕެބްލް ޕިކްޗާޒް އިން ޕްރޮޑިއުސްކޮށްފައިވާ "ދަ ސްކައި އިޒް ޕިންކް" އަކީ ގިނަ ދުވަސްތަކެއް ބޮލީވުޑާ ދުރުގައި ހުރުމަށްފަހު ޕްރިޔަންކާ ކުޅުނު ފުރަތަމަ ފިލްމެވެ. ފިލްމު އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ބައެއް ޚާއްސަ މީހުންނަށާއި ނޫސްވެރިންނަށް މި ފިލްމުގެ ޚާއްސަ ޝޯއެއް މިހާރު ވަނީ ދައްކާފަ އެވެ.
އަދި މިހާތަނަށް ނުކުމެފައިވާ ރިވިއުތަކަށް ބަލާއިރު ގިނަ ބަޔަކު ބުނެފައިވަނީ މިއަށް ވުރެ ރަނގަޅު ފިލްމެއް ޕްރިޔަންކާ ބޮލީވުޑަށް އެނބުރި އައުން ފާޙަގަ ކުރުމަށް ނެތް ކަމަށެވެ. އެހާވެސް ފިލްމު މޮޅުވެފައި ޕްރިޔަންކާގެ ރޯލު މި ފިލްމުގައި ވަރުގަދަ ކަމަށް ވެއެވެ.
ޝޮނާލީ ބޯސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ބަތަލަކީ ފަރްހާން އަޚްތަރެވެ. އަދި ޒާއިރާ ވަސީމް އާއި ރޯހިތު ސަރަފް ވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.
ފިލްމުގެ ރިވިއު ބުނާ ގޮތުން ފުރަތަމަ ހާފު ވަރަށް ވެސް އަސަރު ގަދަ އެވެ. އަދި ދެ ވަނަ ބައި ފުރަތަމަ ބަޔަށް ވުރެ ވެސް މާ ރީއްޗެވެ.
ޕްރިޔަންކާގެ އިންސްޓްގްރާމް ޕޭޖްގައި އޭނާ ލިޔެފައިވާ ގޮތުގައި "ދަ ސްކައި އިޒް ޕިންކް" ކުޅެ ޕްރޮޑިއުސްކުރަން އޭނާ ގަސްތުކުރީ މިއީ އާއިލާއަކަށް ދިމާވި ހަގީގީ ހާދިސާތަކަކަށް ވާތީ އެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ އަދިތީ އާއި ނިރެންގެ ވާހަކަ އެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެ ކައިވެނި ކުރެ އެވެ. އަދި އެމީހުންނަށް ލޯބިލޯބި ދަރިއަކު ލިބެ އެވެ. ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވާވަރުގެ ބައްޔެއް ހުރިކަން އެމީހުންނަށް އެނގެނީ ދަރިފުޅުގެ އުމުރުން އެންމެ އަހަރެއް ވީތަނާ އެވެ. އެހާތަނުން ދެން ފެންނާނީ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެމީހުންކުރާ ބުރަ މަސައްކަތެވެ. އަދި ހިތްދަތިކަމާއި ހިތާމައިގެ ވަގުތުގައި ވެސް އުފާވެރި ވަގުތުތައް މި ދެ މީހުން ހޯދާ ގޮތެވެ.