ހޮލީވުޑް

ރޮބިން ވިލިއަމްސް މަރުވިތާ އެއް އަހަރު!

Aug 12, 2015

އަމިއްލައަށް ދަންޖެހިގެން މަރުވި ރޮބިން ވިލިއަމްސް ނިޔާވިތާ އަހަރެއްވިހެނެއް ހިޔެއްވެސް ނުވެއެވެ. ރޮބިންގެ އަވާގައި ޖެހިފާ ތިބި މީހުންނަށް އަދިވެސް މިއީ ގަބޫލުކުރަން ދަތި މުޅި ދުނިޔެ ސިއްސުވާލި ވާހަކައެކެވެ.

އުމުރު ދުވަހުގައި ޑިޕްރެޝަން އާއި މަސްތުވާތަކެތި އަދި ޕާކިންސަންސް ޑިޒީސްގެ ޝިކާރަކަށްވި އެންމެންގެ ހިތް އަތުލާފައިވާ ކޮމީޑިޔަން އަދި އެކްޓަރު ދުނިޔެ ދޫކޮށްލާފައި ދިޔައީ އުމުރުން 63 އަހަރުގައެވެ.

ނަވާރަ ސަތޭކަ ފަންސާސް އެއްވަނަ އަހަރު ދުނިޔެއަށް އުފަންވެފައިވާ ރޮބިން އެންމެ ފުރަތަމަ ހޮލީވުޑަށް މަޝްހޫރުވީ ޕޭމް ޑޯބާ އާއި އެއްކޮށް 1978 ވަނައަހަރު ކުޅުނު މަޖާ ޑްރާމާ ކަމުގައިވާ 'މޯކް އެންޑް މިންޑީ' އިންނެވެ. މިޑްރާމާގެ ހަތަރު ސީޒަން ކުޅެނިންމާލާފައި ދެން އޭނާ ފެނިގެން ދިޔައީ ކުޑަކުދިންނަށް ހާއްސަ ފިލްމެއް ކަމުގައިވާ 'ޕޮޕާއި' އިން 1980 ވަނަ އަހަރެވެ. އޭގެ ފަހުން ނޭވާ ނުލާ އެއްފިލްމުން އަނެއް ފިލްމެއް ކާމިޔާބާއި އެއްކޮށް ކުޅެމުން ދިޔައެވެ. ކޮންމެ ފިލްމަކުންވެސް ބެލުންތެރިން ހީހީ ހަލާކު ކޮށްލައެވެ.

ކެރިއަރު އެންމެ ކުރިއަރައިގެން ދިޔަ ދުވަސްވަރު ޒަވާޖީ ހަޔާތުގައި އެތަކެއް މައްސަލަތަކެއް ޖެހެމުން ދިޔައެވެ. ވެލެރީ ވެލާޑީއާއި އިނދެގެން އުޅުނު ކަމުގައިވިޔަސް އެހެން އެތައް އަންހެނުން ކަައިރިއަށް ޖެއްސި ކަން ސާބިތުވުމުން ދިހަ އަހަރުގެ ކައިވެންޏަށް ނިމުމެއް އައެވެ. އޭގެ އެއް އަހަރު ފަހުން މާޝާ ގާސެސް އާއި އިނދެ 21 އަހަރުފަހުން އެކައިވެނިވެސް ވަނީ ނިމުމަކަށް އައިސްފައެވެ. އަނެއްކާވެސް އަހަރެއް ފަހުން ސޫޒަން އާއި އިނދެގެން ރޮބިން މަރުވިއިރު ރޮބިންގެ ތިން ކުދިން އެބަތިއްބެވެ.

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ދުނިޔެއަށް މަޝްހޫރުވެފައިވާ ޑިޒްނީގެ 'އެލެޑިން'ގެ ޖީނީ އަކީ އެފިލްމްގެ ތަރިއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ޖީނީއަށް އަޑުއަޅާފައިވަނީ ރޮބިންއެވެ. މިފިލްމަކީ އެއަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެފައި ރޮބިންގެ ފިލްމްތަކުގެ ނަންކިޔާލި ކަމަށްވާނަމަ އެންމެ ފުރަތަމަ ބޮލަށް އަންނަ އެއްނަމެކެވެ. މިއާއި 'މިސްއިޒް ޑައުޓް ފަޔާ' އަދި "ޖުމާންޖީ" އެވެ.

ރޮބިންގެ ހަޔާތުގައި 22 ފިލްމް ކުޅެފައިވާއިރު ގްރެމީސް އާއި އެމީފަދަ އެތަކެއް އެވޯޑެއް ހާސިލްކޮށްފައިވެއެވެ. މިއަހަރުގެ ޖުލައި މަހު އޭނާގެ އެންމެ ފަހު ފިލްމް 'ބުލިވޯޑް' ތިއޭޓަރުތަކުގައި އަޅުވާފައިވެއެވެ. މިފިލްމްވެސްވީ ހިޓަކަށެވެ.

 ކޮމީޑިޔަނުންނަކީ ހޮލީވުޑްގައި ނަމެއް ހޯދަން ވަރަށް މަސައްކަތްކުރާ އެކަމަކު ގިނަފަހަރަށް ނާކާމިޔާބުވާ ބައެކެވެ. ވަރަށް މަދު ބަޔަކަށް ނޫނީ ޖާގައެއް ނުލިބޭނެއެވެ. ހަމައެކަނި މީޙުން ހެއްވާވަރުގެ ހުނަރެއް ހުރިއަކަސް އެއީ އެއްޗަކަށް ނުހަދައެވެ. ހުނަރަކަށް ވަނީ ހެއްވާ މިޒާޖެއް ހުރެ އެބައި ކުޅެވޭ ވަރުގެ ފެންވަރުހުރުމުންނެވެ. މިގޮތުން ރޮބިން ވިލިއަމްސްވަނީ ހޮލީވުޑްގެ މިމަގާމުން އެއްވަނަ ހޯދާފައެވެ.