(8 އޮކްޓޯބަރ 2019 އާ ގުޅޭ)
"ދެން ތިހެން އަހަންނާ ވާހަކަނުދައްކަބަލަ... ޒެއްލުއާ ފައިޓުކުރާކަށް ބޭނުމެއްނޫނޭ، ރޭގަ ޒެއްލު އެއްފަހަރު ވެސް އަހަންނަށް ގޮވާނުލި... މިހާރު ވެސް ތި ވާހަކަދައްކަނީ ޖެއްސުމަށް ވާހަކަދައްކާހެން، އަހަންނަށް ތުހުމަތުކުރާހެން، ޒެއްލުއަށް ހަމަ އެހާ ޔަގީންވީތަ އަހަރެން ގޯސްކަމެއް ކުރީކަން، އެހެންވީމަ ޒެއްލު ތި ނިންމީ އަހަރެން ދޮގު ހަދަނީކަމަށްތާ... އޯކޭ!... އަހަރެންގެ ހިތަށް ތަދުވިޔަސް ޒެއްލު ބޭނުންގޮތެއް ހަދައިދޭނަން... ފެންވަރައިގެން ނުކުމެ ޝިޔާނަށް ގުޅާނަން، ގުޅާފަ ބުނާނަން އަލްމާ ގޮވައިގެން އަންނާށޭ... އެންމެ ރަނގަޅެއްނު" ލިއަމްގެ ޠަބީޢަތް ބަދަލުވިއެވެ.
އިރުކޮޅަކު ހޭޒަލްއަށް ބަލަން ލިއަމް މަޑުކޮށްލައިގެން ހުރީ އޭނާ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ހޭޒަލް އެއްވެސް އެއްޗެއް ނުބުނުމުން ލިއަމް ވަރަށް ބޮޑަށް މާޔޫސްވިއެވެ. މަޑުމަޑުން އެނބުރި ކޮޓަރިއަށް އޭނާ ގޮސް ވަނީ ފިކުރެއްގައި ހުރެއެވެ. ހޭޒަލް އިސްއުފުލާލީ ވެސް ދެނެވެ. ލިއަމް ކޮޓަރިއަށް ދިޔަ ދިމާއަށް އޭނާ ބަލާލިއެވެ. ލިއަމްއަށް މަޢާފުކުރަން ބޭނުންވެއެވެ. ހަޤީޤަތަށް ވެސް މިހާރު ހޭޒަލް އެ ހުރީ ރުޅިއައިސްފައެއް ވެސް ނޫނެވެ. އެހެންވިޔަސް އޭނާ އަދިވެސް ދެރަވަނީއެވެ. ހިތާ ހިތުން ހޭޒަލްއަށް އެތައް ދުޢާއެއް ކުރެވުނެވެ. އަލްމާއަށް ލިއަމްއާ ގާތަށް ނާދެވޭނޭ ގޮތެއް މިންވަރުކުރެއްވުމަށް އެދިއެވެ. އަދި އޭނާގެ ފިރިމީހާއާއި ކައިވެނި ސަލާމާތްކޮށްދެއްވުން އެދިއެވެ. ފިރިހެނަކު ކަމެއްނުކުރަން ހުއްޓަސް އަބަދާއަބަދު އަންހެނަކު އައިސް އޭނާގެ ގައިގާ ބީހެން މަސައްކަތްކުރާނަމަ ނުކުރަން ހުންނަ މީހާއަށް ވެސް އޮންނާނީ ހަރާންކަމަކަށް އަރައިގަނެވިފަކަން ހޭޒަލްއަށް ޤަބޫލުކުރެވެއެވެ. ޚާއްޞަކޮށް އެފަދަ ޢަމަލުތަކަށް ސަމާލުނުވެވިއްޖެނަމަ އެކަހަލަ އަންހެނެއްގެ ދަލުގައި ނިކަން ފަސޭހައިން ޖެހިދާނެއެވެ.
އިއްޔެ މެންދުރު ކެއި ގޮތަށް ހުރުމުން ހޭޒަލްގެ ބަނޑުން ހައިކަމުގެ އަޑު ގޮވައެވެ. އޭނާ ކާން ބޭނުންނުވުމުން ލިއަމް ވެސް ހުރީ ނުކައިކަން ހަނދާންވިއެވެ. ބަދިގެ ތެރޭ ހުރި ކަބަޑުތަކުން ހޭޒަލް އެއްޗެހި ބަހައްޓާފަ ހުރި ބައި އޭނާ ބެލިއެވެ. ދެޕެކެޓު ނޫޑުލިސްއާއި ޕާސްތާ ޕެކެޓެއް އޮތެވެ. ދެންހުރީ މަތިމައްޗަށް ޖަހާފައި ހުރި ތިންދަޅު މަހެވެ. ލިއަމް ފެންވަރައިގެން ނުކުންނަންވާއިރަށް އޭނާއަށް ކާއެއްޗެއްދޭން ހޭޒަލް ބޭނުންވިއެވެ. އަމިއްލަ ބަނޑުހައިކަމަށްވުރެ ހޭޒަލްއަށް ބޮޑުކަމަކަށްވީ ލިއަމް އެ ހުރިހާއިރު ނުކައި ހުރިކަން އެނގޭތީއެވެ. ބަނޑާއި އުނަގަނޑުމަތީގަ ހުރި ރިހުމަށް އޭނާ ފަރުވާލެއް ނުދިނެވެ. އެކިތަނުން އެކި އެއްޗެހި ނަގައި އަވަހަށް ޕާސްތާ ތައްޔާރުކުރަން އުޅުނެވެ.
ލިއަމް ފެންވަރައިގެން ނުކުމެ ތައްޔާރުވުމަށްފަހު އެނދުގެ ފައިލާކޮޅުގައި އޭނާ އިށީނދެ އިނީ އަތަށް ފޯނު ލައިގެންނެވެ. ފޯނަށް ބަލާގޮތުން ހީވަނީ އޭނާ ކަމަކާ ވިސްނަނީހެން ހީވެއެވެ. ވަގުތުކޮޅަކު އެހެން އިނުމަށްފަހު ލިއަމް ޗަސްޖަހާލުމާއެކު އަތުތެރޭ ފޯނު ފިތާލަން އުޅޭ ކަހަލަ ހަރަކާތެއް ކޮށްލިއެވެ. ހޭޒަލް އައިސް ދޮރުގައި ޓަކި ޖަހާލުމަށްފަހު ހުޅުވާލީ އެވަގުތެވެ. ވަގުތުން ލިއަމްގެ މޫނުގައިވި ފޫހިކަމުގެ އަސަރު ފިލުވާލައިފިއެވެ.
"އާދޭ ކާން" ހޭޒަލް ބުންޏެވެ. ހިނިތުންވެލަން ލިއަމް އުޅުނެވެ. ނަމަވެސް އެ ހިނިތުންވުން ނުފެންނަނީސް ހޭޒަލް އެނބުރިލައިފިއެވެ.
"ޒެއްލު ނުކަންތަ؟" ކާމޭޒުދޮށުގައި ލިއަމް އިށީނުމުން ވެސް ހޭޒަލް ކޮޅަށް ހުރީތީ ލިއަމް އަހާލިއެވެ.
"ފެންވަރައިގެން ކާނީ... ލިއަމް ކާލާ" ޖޫސްޕެކެޓު ނަގައި ލިއަމްއަށް ޖޫސް ތަށްޓެއް އަޅައިދެމުން ހޭޒަލް ބުންޏެވެ. އަދި ނިކަން އަވަހަށް ހޭޒަލް އެތަނުން ހިނގައްޖެއެވެ.
އެއްއަތުން އޫ ހިފަހައްޓާލައިގެން ކަމުން އަނެއް އަތުގައި ލިއަމްގެ ފޯނު އޮތެވެ. އޭނާ ފޯނަށް ބަލަން އިނދެފައި ކޮޓަރިއަށް ބަލާލިއެވެ. ކަމެއް ޔަގީންކުރަން ބޭނުންވާހެން ލިއަމް މޭޒު ދޮށުން ތެދުވެގެން އައިސް މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ދޮރުގެ ތަޅު އަނބުރާލާއަޑު ނީވޭނެހާ ސިއްރުންނެވެ. ކޮޓަރިތެރޭގައި ހޭޒަލް ފެންނަން ނެތުމުން އޭނާ ފެންވަރަން ފާޚާނާއަށް ވަނީކަން ލިއަމް ދެނެގަތެވެ. އެހެންވެ ސިއްރުން އުޅޭ މީހަކު ފަދައިން ތަޅުގެ އަޑު ނީވޭނެހާ މަޑުން ދޮރު ލައްޕާލައިފިއެވެ. އަދި އައިސް އިހު އިންހެން ކާމޭޒު ދޮށުގައި އޭނާ އިށީނދެއްޖެއެވެ. ދެން އަވަހަށް ފޯނުން ޝިޔާނަށް ގުޅައިފިއެވެ.
"އޭތް! ކަޑައޭ..." ޝިޔާނު ފޯނުކޯލު ނަގައި ހެލޯއޭ ބުނުމާއެކު ލިއަމް ބުންޏެވެ.
"ކިހިނެއްވީ؟... އޭނާގެ އުނދަގުލެއް ނުޖެހޭނެ މިހާރު" ޝިޔާނު ބުންޏެވެ.
"ޒެއްލު އޯކޭއެއްނުވޭ... އޭނާ ބޭނުންވަނީ އެޅ*އާ ވާހަކަދައްކަން... އޭތި ކަޑައޭ..." ލިއަމްގެ އަޑު ވެސް ޢާންމުކޮށް ވާހަކަދައްކާއިރު ހުންނަވަރަށްވުރެ މަޑެވެ. ލިއަމް ޖަހާލީ ހިނިގަނޑެކެވެ.
"ކަލޭ އަދިވެސް މަށާ ދިމާކުރަނީތަ؟" ލިއަމް ހިތްހަމަނުޖެހޭ ގޮތްވިއެވެ.
"ދިމާކުރާކަށްނޫން... ކަލޭ ނަސީބު ގަދައީ" ޝިޔާނު ހިނިއައިސްފަ ހުރެ ބުންޏެވެ.
"ނަސީބުގަދަކަމުންތަ މިކަންމިވީ... ބަލ*އެއްނު ޝިޔާނު..." ލިއަމް ބުންޏެވެ.
"ލިއަމް، މަ ކަލެއަށް ދެރަގޮތެއްވާކަށް ނޭދޭނެއެއްނު، ހަމަ އަސްލުވެސް ކަލޭ ވަރަށް ނަސީބުގަދަ، ރޭގަ މަ އެގޭގަ އިންދަ ބާރަގަޑި ބައިކަން ހާއިރު ގެއަށް އައިސް ވަންތަން ފެނުނީ ރައްޒާގު، އޭނާގެ އުނދަގުލެއް ކަލެއަކަށް ނުޖެހޭނެ، އޭނާ ރައްޒާގު ކުރިމަތީ ވަގުތުން ސައިޒުވާނެ، ޒެއްލު ގޮވައިގެން ޖައްސާލުމަކުން ގޯހެއްނެތް، އަހަންނަށް ދެވޭނީ އިރުއޮއްސޭކަން ހާއިރު... ޔުސް ގާތު ބުނެފަ ބާއްވާނަން، އެކަންތަކާ ޔުސް ވެސް ހުންނަނީ އޭނާދެކެ ހިތްހަމަނުޖެހިފަ، ޔުސްއާ ދެކޮޅުވާކަށް އޭނާއަކަށް ނުކެރޭނެ... އެއްވެސް އެއްޗެކޭ އޭނާއަކަށް ކިޔާކަށް ނުކެރޭނެ... ލިއަމް ހާސްކަނޑާލާ... ކަލޭގެ ޒެއްލުއެއް ނުގެއްލޭނެ، މިރަށުން ފުރާނީ އޯކޭވެގެން... މަށަށް ޔަގީން" ޝިޔާނު ބުންޏެވެ.
"ހުވާތަ!... ނަސީބެންނު އެ ފިރިހެންގޮލާ އައިކަން، އެކަމަކު މަ ދަންޏާ ދާނި ތިގޮލާއަށް ވެސް ދެވޭއިރެއް ބަލާފަ، އޭތް! ޒެއްލު އޯކޭވުން މަށަށް ވަރަށް މުހިންމު، ފަހަރެއްގަ ޝިޔާނު ގާތު އޭނަ ސުވާލުކޮށްފާނެ" ލިއަމް ކުރިއާލާ ތައްޔާރުވަމުންދިޔައެވެ.
"މަގޭ ކައިރިން ކަމެއްނޭނގޭނެ" ޝިޔާނު ބުންޏެވެ.
"އޭތް! މަފަހުން ގުޅާނަން" ލިއަމް ބުންޏެވެ.
"ކިހިނެއްވީ؟... ޒެއްލު އައީތަ؟" ޝިޔާނު ހީނގަންނަމުން އެއްސެވެ.
"ނޫން!... މިހާރު ނުކުންނަން އުޅޭނެ" ލިއަމް ބުންޏެވެ. އަދި ޝިޔާނާ ކުރި ފޯނުކޯލު ލިއަމް ނިންމާލިއެވެ.
ހޭޒަލް ކޮޓަރިން ނުކުތުމާއެކު ލިއަމްގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ. އެ މޫނުވަނީ މިލާފައެވެ. ވަރުބަލިކަން ފާޅުވާހެން ވެސް ލިއަމްއަށް ހީވިއެވެ. ހޭޒަލްއާ މެދު އޭނާ ފިކުރުކުރެއެވެ. ހޭޒަލްއަށް ކަމެއްވާކަށް ލިއަމް އެއްގޮތަކަށް ވެސް ނޭދެއެވެ. އެހެން އަންހެނަކަށް ލިއަމްގެ ހިތުގައި ޤަދަރެއް ނެތަސް އެމީހުންނާ ހޭޒަލްއާ ދުވަހަކުވެސް އެއްވަރެއްނުވާނެއެވެ. އެ އެންމެނާ ލިއަމްގެ ކުރިމަތީ ހޭޒަލް ތަފާތެވެ.
"އާދޭ ކާން... ޒެއްލުއާއެއްކޮށް ކާން މަޑުކޮށްގެން މިއިންނަނީ..." ލިއަމް ބުންޏެވެ. ބަނޑުހައި ހޫނުކަމަށް ނޫނެކޭ ބުނާނޭ ހިތްވަރެއް ހޭޒަލްގެ ނެތެވެ. އޭނާ ތަށްޓަށް ޕާސްތާކޮޅެއް އަޅައިގެން އައިސް ލިއަމްއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ލިއަމް އަވަހަށް ބިއްލޫރިތަށްޓެއް ނަގައި ހޭޒަލްއަށް ޖޫސް އަޅައިދިނެވެ. ހޭޒަލް ކެއުން މެދުކަނޑާލަފާނެތީ ލިއަމް އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ދެމީހުން ކައި ނިމުމުން ތަށިތައް ނެގީ ވެސް ލިއަމްއެވެ. އޭނާ އެކަން ކޮށްފައި އައިރު ހޭޒަލް ސޯފާއަށް ދެފައި ނަގައިގެން ޓީވީ ބަލަން އިނެވެ. ލިއަމް އައިސް ސޯފާގެ ކުރިމަތީ ހުރި ލަކުޑި ކޮފީމޭޒު ދަމާލައި އޭގެ މަތީ އިށީނީ ހޭޒަލްއާ ކުރިމަތިވާނޭ ހެންނެވެ.
"ބޭބީ ލިސެން..." ހޭޒަލްގެ ސަމާލުކަން ހޯދުމަށް ލިއަމް ބުންޏެވެ. އަދި ހޭޒަލްގެ އަތުގައި ހިފާލަމުން އޭނާ ޝިޔާނަށް ގުޅައިފިން ކަމުގައި ބުންޏެވެ. ހޭޒަލް ބޭނުންވާނަމަ އަލްމާއާ ބައްދަލުކުރަން ދާންވީ ކަމުގައި ބުންޏެވެ. ލިއަމް ބޭނުންވަނީ ޝިޔާނާއެކު އެގެއަށް ދާންކަމުގައި ވެސް ލިއަމް ބުންޏެވެ. އަލްމާ އުޅުނުގޮތް ޝިޔާނާއި ޔުސްރާއަށް ވެސް ފެންނާނެކަމާއި އެހެންވީމަ ދައްކާ ވާހަކައެއް އެ އެންމެންގެ ކުރިމަތީ ދެއްކުން މާ ރަނގަޅުވާނޭ ލިއަމް ބުންޏެވެ. ޝިޔާނު މިހާރު ހުރީ އޮފީހުގަ ކަމާއި އޭނާއަށް ވަގުތު ވާނީ އިރުއޮއްސޭކަން ހާއިރު ކަމަށްވާތީ އެގަޑިއަށް ދާނީ ކަމުގައި ލިއަމް ބުންޏެވެ. އަދި ޝިޔާނު ވެސް ހުރީ ހޭޒަލްއަށް އަރާފައި އޮތް އޮޅުން ސާފުކޮށްދޭން ބޭނުންވެފަކަން ލިއަމް ހާމަކުރިއެވެ. ގޮތެއް ނިންމަން ނޭނގިފައި އިން މީހަކު ފަދައިން ލިއަމްއަށް ހޭޒަލް ބަލާލިއެވެ. ވާގޮތެއްވާން ހޭޒަލް ދޫކޮށްލީ ތަޤްދީރުގެ އަތްމައްޗަށެވެ. ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނޭ ހޭޒަލްގެ ހިތުގައި އޮތެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ލިއަމްގެ ވާހަކަތަކަށް ހޭޒަލް ބޯޖަހާލީއެވެ.
* * * * *
ރޭގަނޑު އަށެއް ޖެހިއިރު ލިއަމްއާއެކު ހޭޒަލް ގެއިން ނުކުތެވެ. ގޭޓު ކައިރީ ޝިޔާނު މަޑުކޮށްލައިގެން ހުއްޓެވެ. ލިއަމްއާއެކު ސައިކަލަށް ހޭޒަލް އެރުމުގެ ކުރީން ޝިޔާނު ގޮވާލުމުން އެ ދެ މީހުން ވެސް އިހަށް މަޑުކޮށްލީއެވެ. ޝިޔާނު ދެއްކީ ޔުސްރާއާއި ލިއަމްގެ ފުށުން އަލްމާ ކުރިކަންތައް އެނގިފައި އޮތްކަމުގެ ވާހަކައެވެ. ހިނގައިދިޔަ ކަންތައްތަކާމެދު ޝިޔާނު ވަރަށް ލަދުގަނެ ދެރަވާކަމުގައި ބުންޏެވެ. އަލްމާ ކުރީ ރަނގަޅުކަމެއްނޫންކަމަށް ޝިޔާނު އެއްބަސްވިއެވެ. ޔުސްރާ ވެސް ޤަބޫލުކުރަނީ އެހެންކަމުގައި ބުންޏެވެ. އެކަމާ ގުޅިން ޝިޔާނާއި ޔުސްރާ ވަނީ އަލްމާއާ ވާހަކަދައްކައިފަ ކަމުގައި ބުންޏެވެ. ބައެއްފަހަރު އަލްމާއަކީ ކަންކަމުގައި ހައްދުފަހަނައަޅާ ދާ މީހެއްކަމުގައި ޝިޔާނު ބުންޏެވެ. ލިއަމްއަކީ ގޯސް މީހެއްނޫންކަމާއި އޭނާއާއި އަލްމާ ދެމެދު ގުޅުމެއްނެތްކަމަށް ޝިޔާނު ހެކިވިއެވެ. އަލްމާ އުޅުނު ގޮތުން ހޭޒަލްއަށް އަރާފައިވަނީ އޮޅުމެއްކަމުގައި ޝިޔާނު ބުންޏެވެ. ލިއަމް އަބަދުވެސް ހޭޒަލްގެ ވާހަކަދައްކާކަން ކުރީން ވެސް ޝިޔާނު ބުނެފައި އޮތްކަން އޭނާ ހަނދާންކޮށްލަ ދިނެވެ. އަނބިމީހާދެކެ އެހާ ލޯބިވާ ފިރިއަކު އެހެން އަންހެނަކާ މެދު ވިސްނާކަށް ފުރުޞަތެއް ނޯންނާނޭ ޝިޔާނު ބުންޏެވެ. އަލްމާއާ މީހުން ނުގުޅެނީ ވެސް އޭނާގެ ޢަމަލުތައް އެގޮތަށް ހުންނާތިކަމުގައި ޝިޔާނު ބުންޏެވެ. އަލްމާއާ ވާހަކަދެއްކުމުން މިހާރު އޭނާ ވެސް ހުރީ ކުރެވުނު ކަންތަކާ ދެރަވެފައިކަމުގައި ޝިޔާނު ބުންޏެވެ.
ޝިޔާނު އެ ހުރިހާ ވާހަކައެއް ދެއްކުމުން ވެސް ހޭޒަލް ބަހެއް ވެސް ނުބުންޏެވެ. ޝިޔާނާއި ލިއަމް އެކަކުއަނެކަކަށް ބަލާލާފައި ދެ މީހުންގެ ސައިކަލަށް ގޮސް އެރިއެވެ. ލިއަމް އައިސް ހޭޒަލްގެ ގާތަށް މަޑުކޮށްލުމުން ސައިކަލުގެ ފަހަތަށް އޭނާ އެރިއެވެ.
ގިނައިރެއްނުވެ އަލްމާމެންގޭ ދޮށަށް ދެ ސައިކަލު އައިސް މަޑުކޮށްލިއެވެ. އޭރު ގޭގެ ބޭރު ޖޯލީގަ ޔުސްރާ އިނެވެ. އޭނާއަށް ލިއަމްއާއި ހޭޒަލްގެ އިތުރުން ޝިޔާނު ފެންނަންވީއިރަށް ފުންމައިގެން ތެދުވެއްޖެއެވެ. އެމޫނުން މާޔޫސްކަން ފާޅުވެއެވެ. ޔުސްރާ ވަގުތުން އައިސް ހޭޒަލްގެ ގާތުގައި މަޑުކޮށްލިއެވެ. ހޭޒަލްގެ ކަނާއަތުގައި ހިފާލުމާއެކު އޭނާ މަޢާފަށް އެދުނެވެ. އަލްމާ ގޮވައިގެން ހޭޒަލްމެން އުޅޭ އެޕާޓްމެންޓަށް ދިޔައީ އެފަދަ ސަކަރާތެއް ފަހަރެއްގައި ވެސް އަލްމާ ޖަހާފާނޭކަން އެނގިހުރެ ނޫންކަމަށް ޔުސްރާ ބުންޏެވެ. އެދުވަހު ހޭޒަލް ރުޅިއައުން ހައްޤުކަމުގައި ޔުސްރާ އެއްބަސްވިއެވެ. އަދި ތަކުރާރުކޮށް އަލްމާދެން އެކަހަލަ ކަމެއް ނުކުރާނޭ ބުންޏެވެ.
"މާދަމާ އަހަރެން ފުރަން... ދެން ކުރިޔަސް ނުކުރިޔަސް މަށަކަށް ނުފެންނާނެއެއްނު" ހޭޒަލް ބުންޏެވެ. ހައިރާންކަން ލިބިގެން ދިޔަ ޔުސްރާއަށް ބަލާލެވުނީ ހޭޒަލްގެ ދެފަރާތުގައި ތިބި ޝިޔާނާއި ލިއަމްއަށެވެ.
"ޒެއްލު ތިހެން ނުބުނޭ..." ޔުސްރާ އަނެއްކާ ވެސް ދެއްކީ ލިއަމްގެ ކުށެއްނެތްކަމެވެ. އެތަނަށް އައުމުން ހޭޒަލްގެ ހިތަށް މާބޮޑަށް އުނދަގޫވިއެވެ. ނާދެވުނުނަމަ މާރަނގަޅުވީހޭ ހީވާ ވަރަށް އޭނާގެ ވިސްނުން ބަދަލުވިއެވެ. އެހެންވިޔަސް އާދެވުނީތީ އަލްމާ ބުނާ އެއްޗެއް ވެސް އަޑުއަހާފައި ނޫނީ ނުދާން ހޭޒަލް ނިންމިއެވެ.
ޔުސްރާއާއި ޝިޔާނުގެ ފަހަތުގައި ލިއަމްއާއި ހޭޒަލް ގޭތެރެއަށް ވަދެގެން އައެވެ. ބަދިގެ ފަރާތުގައި ހުންނަ ޖޯލިފަތި ފެނުނުއިރު އެތަނުގައި އަލްމާ ވެސް އިނެވެ. ނަމަވެސް އެތަނުގައި ހިނގަމުންދިޔަ ކަންކަމަށް ވިސްނާލަން ހޭޒަލްއަށް މަޖުބޫރުކުރުވިއެވެ. ޖޯލީގައި އިނީ އާދައިގެ އިސްކޮޅެއް ލިބިފައިވާ ހަމުގެ ކުލަ އަނދިރި ފިރިހެނެވެ. އަތްތަންތަނުގެ މަސްތައް ހުރިގޮތުން ވަރުގަދަ ފާޑު ޖަހައެވެ. އިސްތަށިގަނޑު އެއްފަރާތަށް ވާގޮތަށް ތަތްކޮށްލާފައި ހުރުމުން ހީވަނީ ފެންވަރައިގެން އެ ނިކުތީ ދެންމެ ހެނެވެ. ލައިގެން ހުރީ ނޫކުލައިގެ ގިރުވާނު ނެތް ޓީޝާޓަކާއި މުންޑެއް އަނދެފައެވެ. އަލްމާ ބުނިހެން އެއީ ނިކަން ހަރުވައްތަރު ޖަހާ ފިރިހެނެކެވެ. ޝިޔާނުމެންނަށްވުރެ ވެސް މާބޮޑަށް އުމުރުން ދޮށީވާނޭކަން ބަލާބެލުމަށް ވެސް ހީވެއެވެ. އޭނާއާ ޖެހިގެން ހުރި ޖޯލީގަ އަލްމާ އިނީ އުނގުގައި ތަބަށް ބައިންދައިގެން ފުވައްކިބައެއް އަތަށް ލައިގެން އަނެއްއަތުން ފޯއްވަޅިއެއް ހިފައިގެންނެވެ. އޭނާއަށް ހޭޒަލް ފެނުމުން ހައިރާންކަމެއް ފާޅެއްނުވެއެވެ. އޭނާ އަންނަކަން އަލްމާއަށް އެނގިފައި އޮތިއްޔޭ ހޭޒަލްގެ ހިތަށް އެރީ އެހެންވެއެވެ.
"މީ ރައްޒާގުކަން ޔަގީން... އަލްމާގެ ހަޒް... އަލްޙަމްދުލިﷲ... އޭނާ އައިކަން ނަސީބެންނު، މިހުރިހާކަމަކަށް ނިމުން އަންނާނޭކަން މިހާރު ޔަގީންވެއްޖެ، ބަލާބަލަ އޭނާގެ ގާތުގަ އަލްމާ މައިތިރިވެފަ އިންގޮތް، ރައްޒާގަށް އެނގޭބާ އޭނާ ނެތްއިރު މީނާ އުޅޭ ވައްތަރު" އަލްމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ހޭޒަލްގެ ހިތަށް އަރަމުންދިޔައެވެ.
"ޝިޔާނު... ކޮންކުދީންނެއް ގޮވައިގެން ތިއައީ" ބިއްލެއްކޮޅު ފަތްފަތް ޖަހާލަމުން ޖޯލީގައި އިން ރައްޒާގު އެއްސެވެ.
"މީ ލިއަމްއެއްނު... މިކޮޅު ސްޓޭޝަނަށް އައި... އޭނާ އަންހެނުން އައިސް އުޅޭތީ ގޮވައިގެން މިއައީ" ޝިޔާނު ބުންޏެވެ.
"އާނ! ހަނދާންވެއްޖެ... އަހަރެން ފުރަން ދާން ނުކުމެނުކުމެ ހުއްޓާވިއްޔާ އެސޮރު ގޮވައިގެން ކަލޭ އައީ، އާދޭ އިށީންނަން... އަލްމާ!... އެމީހުންނަށް ކާން ހަދާބަލަ" ރައްޒާގު ޖޯލިން ތެދުވެ ލިއަމްމެން އިށީނުމަށް ޖޯލި ދެއްކިއެވެ.
ރައްޒާގު މާގިނަ ވާހަކައެއް ނުދެއްކިއެވެ. އޭނާ ގޭތެރެއަށް ވަދެގެން ދިޔައީއެވެ. ބަދިގޭގައި އުޅުނު އަލްމާއަށް ގޮވީ ޔުސްރާއެވެ. ކާން ހަދާނޭ ކަމެއްނެތޭ އޭނާ ބުންޏެވެ. ހޭޒަލް އައީ އެގެއިން ކާކަށްނޫނެވެ. އެކަން ޔުސްރާއަށް އެންގީ އެހެންވެއެވެ. އަލްމާ އައިސް ޖޯލި ކުރިމަތީ މަޑުކޮށްލިއެވެ. އަނގަޔަކުން ނުބުންޏެވެ. އެހެންވެ ޝިޔާނު ވާހަކަދެއްކިއެވެ. އަލްމާއާ ކުރަން ބޭނުންވާ ސުވާލެއް ކުރުމަށް ހޭޒަލް ގާތު ޝިޔާނު ބުންޏެވެ. އޭރު ހޭޒަލްމެންގެ ކުރިމަތީ ހުރީ އަލްމާގެ ސިފަ ޖެހިގެން ހުރި މުޅިން ތަފާތު މީހެއް ކަހަލައެވެ. އިރުކޮޅަކު އިނދެފައި ހޭޒަލް ވާހަކަދެއްކިއެވެ. އޭނާ އެރަށަށް އައީސުރެން އަލްމާގެ ފުށުން ފެނުނު ކަންކަން ކިޔާދިނެވެ. އެގޮތަށް އުޅުނީ ކީއްވެތޯ ހޭޒަލް އެއްސެވެ. ޖަވާބެއް ދިނުމުގެ ކުރީން އަލްމާ ބަލާލީ ލިއަމްއަށެވެ. އެ މޫނުން ފާޅުވީ ރުޅިވެރިކަމެވެ. އަލްމާ އިސްޖަހާލީއެވެ. އަދި އޭނާ ވަކި މަޤްޞަދެއްގަ ކުރި ކަންތައްތަކެއްނޫންކަމަށް ބުންޏެވެ. ލިއަމްއާ ސަމާސާ ކުރަނީ މަޖަލަށް ކަމެވެ. ހޭޒަލްއަށް ލިއަމްއަށް އިތުބާރު ނުކުރެވެންޏާ އެކުގައި އުޅެނީ ކީއްކުރަންތޯ އަލްމާ އެއްސެވެ. ހޭޒަލް އިތުރަށް އެއްޗެކޭ ނުބުންޏެވެ. ނަމަވެސް މިފަހަރު ލިއަމް ވާހަކަދެއްކިއެވެ. އަލްމާއާ ހެދިކަމަށް ހޭޒަލްއަށް އެހެންއެވީ ބުނެ ލިއަމް ނުރުހުމާއެކު އަލްމާ ކުށްވެރިކުރިއެވެ. އަދި ހޭޒަލް ގާތު ދާން އެދުނެވެ. ބޯޖަހާލައި އެއްބަސްވުމާއެކު ހޭޒަލް ވެސް ލިއަމްއާއެކު އެގެއިން ދާން ނުކުތެވެ.
"އަލްމާއަކަށްނޫން އެނގޭނީ އަހަރެން ލިއަމްއާއެކީ އުޅުނަސް އަދި އަހަރެމެން ދެމީހުން ވަކިވާން ބޭނުންވިޔަސް... އަހަންނަށް އެނގެނީ ތިހެން އުޅޭ އަންހެނުންދެކެ ލިއަމް ފޫހިވާނެކަން، ކަލެއާ ބައްދަލުވީތާ އަހަންނަށް ވެސް ދިރިއުޅުމުގަ ފިލާވަޅެއް ލިބިއްޖެ، ތިކަހަލަ އަންހެނުންގެ ވާހަކަ އަހަރެން ދަންނަނީ ފޮތްފޮތުން، އެކަމަކު މިރަށަށް އާދެވުނީތީ ހަމަލޮލަށް ވެސް ފެނިއްޖެ، ހީކުރީ ކަލެއަށް ކުރެވުނީ ކުށެއްކަމުގައި ދެކި މަޢާފަށް އެދޭނެކަމަށް، އެކަމަކު ކަލޭގެ ދެ ލޮލުން މަށަށް އެބަފެނޭ އެއިން އެއްވެސް ކަމަކާ ކަލޭ ދެރަނުވާކަން، މީހަކާ އިނދެގެން ހުރެ ހިލޭ ފިރިހެނުންނާ ތިހާ ގާތްވާނީ އަމިއްލަ ފިރިމީހާއަށް އެއްވެސް ޤަދަރެއްނުކުރާތީ، ތިވައްޓާލެވެނީ އަމިއްލަ ނަފްސުގެ ޢިއްޒަތް، މި ހުރިހާކަމެއް ކަލޭގެ ފިރިމީހާއަށް އެނގޭބާއޭ ހިތަށް އަރާ" ހޭޒަލް ފަސްއެނބުރި އަލްމާއަށް ބަލާލުމާއެކު ބުންޏެވެ. ލިއަމް ވަގުތުން ހޭޒަލްގެ އުނަގަނޑުގަ ހިފާލައި އޭނާއާ ގާތްކޮށްލަމުން އެތަނުން ދިއުމަށް އުޅުނެވެ.
"ދުވަހަކުވެސް މިތަނުން އަހަރެން ދުށް ފަދަ މަންޒަރެއް އެހެން ދެމަފިރިއަކަށް ނުދައްކަވާތޯ އަހަރެން ދުޢާކުރާނަން" ހޭޒަލް ބުންޏެވެ. ލިއަމް އޭނާ ގޮވައިގެން އެގޭ ދޮރޯށިން ނުކުތެވެ. ޝިޔާނު އެމީހުންނާއެކު އަންނަން ފެށުމުން އެކަން ލިއަމް ހުއްޓުވިއެވެ. ހޭޒަލްއާއި އޭނާއާ ދެމީހުން އެކަނިވެލަން ބޭނުންވާކަން ހާމަކުރިއެވެ. އަދި ހޭޒަލް ގޮވައިގެން އައިސް ލިއަމްގެ ސައިކަލަށް އެރިއެވެ. އޭނާގެ ބަސް ޤަބޫލުކުރާ ފަދައިން ހޭޒަލް ސައިކަލު ފަހަތަށް އެރިއެވެ.
* * * * *
ރަށުތެރޭގައި ދުއްވުމަށްފަހު ލިއަމްއާއި ހޭޒަލް ގޮސް އެރީ ކެފޭއަކަށެވެ. ރޭގަނޑުގެ ކެއުމަށް އޯޑަރު ދީގެން ތިބިއިރު ފުރަތަމަ ވާހަކަދެއްކީ ހޭޒަލްއެވެ. ލިއަމް ގާތު ﷲ ގަންދީ ހުވާކުރުމަށް ހޭޒަލް އެދުނެވެ. އަލްމާއާ އެއްވެސް ގުޅުމެއް ނޯންނަކަމަށެވެ. އިރުކޮޅަކު ހޭޒަލްއަށް ބަލަން އިނދެފައި ލިއަމް ވާހަކައެއް ދައްކަން އުޅުނެވެ. ނަމަވެސް ވައަތްތިލަ ހިއްލާލައި ހޭޒަލް އިޝާރާތްކުރީ ހިމޭންވާށެވެ. އަދި ލިއަމްއާ ދިމާއަށް ދިއްކޮށްލައިގެން އިން ކަނާއަތްތިލައަށް ލޮލުން އިޝާރާތްކޮށްލީ ހުވާކޮށް އަތާއަތް ޖަހާށޭ ބުނާ ފަދައިންނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ލިއަމްއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ހޭޒަލްގެ އަތަށް ބަލަން އިނދެފައި ނިކަން އަވަސް ހަރަކާތެއްގެ ގޮތުން އޭނާގެ ވައަތްތިލަ ނަގައި ހޭޒަލްގެ ކާނައަތްތިލަ މަތީ ބާއްވާލާފައި އަތް ދަމައިގަތެވެ.
"އޯކޭ... ހެޕީ... ޒެއްލު ޕްލީޒް... ދެން މިކަން ހުއްޓަންވެއްޖެއެއްނު، އަލްމާގެ ވައްތަރު ވެސް އެނގިއްޖެއެއްނު، އަހަންނެއް ނޫޅެމޭ އޭނާއާ ގާތްވާ ހިތަކުން" ލިއަމް އުނދަގޫވެފައިވާ މީހަކުފަދައިން އާދޭސްކޮށްލިއެވެ.
"އޯކޭ... އަހަރެން ލިއަމްއަށް މަޢާފުކޮށްފިން، އެހެންނޫނަސް ނޭނގެ ދޯ ކުރިން މަރުވާނީ ކާކުކަމެއް، އަހަރެން މާދަމާ މެންދުރު ފުރާނެ، ދެމީހުން އަނެއްކާ ވެސް ދެތަންވާނެ" ހޭޒަލްގެ އަޑުގައިވީ މޮޅިވެރިކަމެވެ.
"ޒެއްލު... ބޭބީ ޕްލީޒް... އައި ލަވް ޔޫ ސޯ މަޗް، ޕްލީޒް ނުރޯތި، މިކަމާހުރެ އަހަރެންގެ ވެސް ބޯގޮވާ، މިހާރު ތިދައްކަނީ މަރުވާވާހަކަ، އެކަހަލަ ވާހަކަނުދައްކަބަލަ، ޒެއްލު މާލެ ދާންވާއިރަށް އަހަރެން ފޯނެއް ހޯދާދޭނަން، އައި ވިލް ކޯލް ޔޫ ހުރިހާ ވަގުތަކު، ކިތަންމެ ބިޒީވިޔަސް ޒެއްލުގެ ކޯލު ނަގާނަން، ވީޑިއޯ ކޯލް ކުރީމަ އެނގޭނެ ދޯ އަހަރެން ހުންނަނީ ކޮންތާކުކަން ވެސް، ކޮންމެ ވަގުތަކު ޒެއްލު ގުޅިޔަސް އާންސާކުރާނަން، އެއްވެސް ކަމެއް ނުފޮރުވާނަން" ލިއަމް ބުންޏެވެ. ހޭޒަލް މަޑުމަޑުން ބޯޖަހާލިއެވެ. ލިއަމް އިންތަނުން ތެދުވެގެން އައި ހޭޒަލްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އަދި ހޭޒަލް ގެނެސް ގަޔާލާ ބޮނޑިކޮށްލުމާއެކު އޭނާގެ ނިތްކުރީގަ ބޮސްދީފިއެވެ.
* * * * * *
ޖެހިގެން އައި ދުވަހެވެ. ޝިޔާނު ހަމަޖައްސައިދިން ލާންޗެއްގަ ދާން ހޭޒަލް ބޭނުމެއްނުވިއެވެ. އެހެންވެ ފަރުހާދަށް ގުޅައިގެން އަސްލަމްމެންގޭ ލާންޗު ލިއަމް ހަމަޖެއްސިއެވެ. ހޭޒަލް ފުރަންވާއިރަށް ޝިޔާނު އައެވެ. ސަލާމްކުރުމަށްފަހު މަޢާފަށް އޭނާ އެދުނެވެ. އަދި މަޑުކުރުމުގެ ބަދަލުގައި އޭނާ ދިޔައީއެވެ. އިނާޒާއި ލިއުޝާ ވެސް އެމީހުންނާ ބައްދަލުކުރަން އައެވެ. އެންމެ ފަހަރަކު ފެނިލުމަށްފަހު އެމީހުންނާ ބައްދަލުކުރަން ހޭޒަލް ނައީތީ ލިއުޝާ ޝަކުވާކުރިއެވެ. އަދި ހަދިޔާ ފޮށިގަނޑެއް ހޭޒަލްއަށް ދިނެވެ. ލިއަމްއާއި ހޭޒަލް ފުރުވަން އިނާޒާއި ލިއުޝާގެ އިތުރުން ފަރުހާދާއި އަސްލަމް ދިޔައެވެ. ލާންޗުގަ ހަނިމާދޫއަށް ހޭޒަލްއާއެކު ލިއަމްއާއި އަސްލަމް ބައިވެރިވިއެވެ.
ހޭޒަލް ޗެކިންވުމާއެކު ލިއަމް ގުޅީ އޭނާގެ ބޭބެއަށެވެ. ޒައިދަން ގާތު ހޭޒަލްގެ ފޯނު ހަލާކުވީމަ ފޯނެއް ނޯންނާނޭކަން ބުންޏެވެ. އަދި ހޭޒަލް އަރަނީ ކޮން ފްލައިޓަކަށް ކަމާއި ފްލައިޓް ޖައްސަން ވާއިރަށް ހޭޒަލް ބަލާ ގޮސްދިނުމަށް ލިއަމް އެދުނެވެ. އެކަން ކުރާނޭކަމުގެ ޔަގީންކަން ޒައިދަން ދިނެވެ. ހޭޒަލްއާ މެދު ކަންބޮޑުނުވުމަށް ޒައިދަން ބުންޏެވެ.
ހޭޒަލްގެ ފްލައިޓް ނައްޓާލުމުން ލިއަމްމެން އެނބުރި ކުޅުދުށްފުއްޓަށް އައެވެ. އޭނާ ޕެކުކޮށްފައި ހުރި ފޮށި ހިފައިގެން އެޕާޓްމެންޓުން ނުކުތީ ސްޓޭޝަނަށް އެނބުރި ދާށެވެ. ސްޓޭޝަނަށް އައުމާއެކު އެތަނުގައި ތިބި އޭނާގެ ރައްޓެހިން ދިމާކޮށް ހެދިއެވެ. އަނބިމީހާ ފުރުވާލީމާ ލިއަމްއަށް ވާނޭ ގޮތަކާމެދު އެމީހުން ސަމާސާގެ ބަސްތައް އަމާޒުކުރިއެވެ. ރައްދުގައި ދެތިން އެއްޗެއް ލިއަމް ވެސް ބުނެލައެވެ. އޭނާގެ ސަމާސާނުތައް ތަރުތީބު ކުރުމަށްފަހު މެސްރޫމާ ދިމާއިން ބޭރަށް ނުކުމެލިއެވެ. އަދި ފޯނު ނަގައި ޝިޔާނަށް ގުޅާލިއެވެ. ހޭޒަލް ފުރުވާލާފައި އައީކަމަށް ބުންޏެވެ. އަދި ދެމީހުން ވާހަކަދައްކާލަން ކޮފީއަކަށް އަރަން ވާހަކަދެއްކިއެވެ. ވަގުތުކީ އެރެއަށެވެ. ފޯނުކޯލު ނިންމާލާފައި ލިއަމް އަލުން އެތެރެއަށް ވަނީއެވެ. ހޭޒަލް ހުރިއިރު އެކަށީގެންވާގޮތަށް މަސައްކަތްތައް ގެންދެވިފަ ނެތުމުން އޭނާ ބޭނުންވީ އޮފީހުގެ މަސައްކަތަށް ވަގުތު ހުސްކޮށްލާށެވެ.
ހާވިރު ސައިބޮއެގެން ނުކުމެ ސްޓޭޝަންގެ ބިއްދޮށުގައި ހުރި ޖޯލިފަތީގަ ސްޓޭޝަން ކުދީންނާއެކު އަނގަތަޅަން ލިއަމް އިނެވެ. އޭނާގެ އަތުގައި އޮތް ވޭޕު ދަމާލާފައި އެތަނުގައި އިން އެހެން ޒުވާނަކު އެދިގެން އޭނާއަށް ވޭޕު ދިއްކޮށްލިއެވެ. އެވަގުތު އެ ފަރަތާށް ޑިއުޓީގަ އުޅުނު ކުއްޖަކު އައިސް ލިއަމްއަށް ގޮވާލިއެވެ. އޭނާ ހޯދަން ކުއްޖަކު އައިސް އެބަހުއްޓޭ ބުންޏެވެ. އެހެންވެ ވޭޕު އަތުލުމެއް ނެތި އޭނާ ޖޯލިން ތެދުވެގެން ސްޓޭޝަންގެ މައި ދޮރާ ދިމާއަށް ނުކުތެވެ. ތިރުފާރުބުރީން ދޮރު ކަނޑާފައި ހުރި ދިމާގައި ނިވާވެލައިގެން ހުރެފައި ނުކުތްތަން ފެނުނީ އަލްމާއެވެ.
(ނުނިމޭ)