ކުޅިވަރު

ވޯލްޑްކަޕުގެ ތިންވަނަ ހޯދި ކޯޗް ގައުމީ ވޮލީ ޓީމަށް

Oct 10, 2019

ޖަޕާންގައި 1996 ވަނަ އަހަރު ބޭއްވި ވޮލީ ވޯލްޑްކަޕްގެ ތިން ވަނަ ކުރީގެ ޔޫގޮސްލޭވިއާގެ ގައުމީ ޓީމަށް ހޯދައިދިން ސާބިއާގެ މިލޯރާޑް ކިއާޗް، ރާއްޖޭ ގައުމީ ވޮލީ ޓީމުގެ ކޯޗް ކަމަށް ހަމަޖެއްސުމަށް ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. މިނިސްޓަރު ވަނީ މި އަހަރުގެ ޖޫން މަހު ސާބިއާ އަށް ވަޑައިގެން އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލު ކުރައްވާފަ އެވެ. އަދި އޭރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާން ގައުމީ ވޮލީ ޓީމަށް ސާބިއާ އިން ޓްރޭނިން ކޭމްޕެއް ހަމަޖެއްސި އެވެ. އެއީ ރާއްޖޭގެ ޓީމަކުން ޔޫރަޕްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޓްރެއިނިން ކޭމްޕެވެ.

ކިއާޗް ވަނީ، އޭރު އޭނާގެ އުފަން ގައުމު ޔޫގޮސްލޭވިއާގެ އިތުރުން އިރާން އާއި ބަލްގޭރިއާ އަށްވެސް ކޯޗް ކޮށްދީފަ އެވެ. ޔޫގޮސްލޭވިއާ ރޫޅި ކުދި ގައުމުތަކެއް އުފަންވި ފަހުން އޭނާ ނިސްބަތްވީ ސާބިއާ އަށެވެ. ބަލްގޭރިއާގެ ކޯޗުގެ ގޮތުގައި 2002 ވަނަ އަހަރުން 2004 ވަނަ އަހަރުގެ ނިޔަލަށް އޭނާ މަސައްކަތް ކުރި އެވެ.

ދެހާސް ހަ ވަނަ އަހަރު އިރާންގެ ކޯޗް ކަމާ ހަވާލުވެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރި އެވެ. ކުލަބު ލެވަލްގައި ސާބިއާގެ އިތުރުން ބަލްގޭރިއާ އާއި އަރަބި އެމިރޭޓްސް އަދި ރުމޭނިއާގައި އޭނާ މަސައްކަތް ކުރި އެވެ. ދުނިޔޭގެ ވޯލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ ވެބްޒައިޓްގައި ކިއާޗް އާ ބެހޭގޮތުން ބުނެފައި ވަނީ އޭނާ އަކީ ކުލަބު ލެވްލަގައި ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށެވެ.

މިލޯރާޑް ކިއާޗް އާ އެކު ވޮލީ ޓްރެއިނަރެއް ކަމަށްވާ، ސާބިއާގެ ކިއާޗް ރާޑޮވަން ވަނީ ގައުމީ ވޮލީ ޓީމުގެ ޓްރެއިނަރުގެ މަގާމަށް ހަމަޖައްސާފަ އެވެ. ރާޑޮވަން އެންމެ ފަހުން ކޯޗް ކޮށްދިނީ ސާބިއާގެ ދެ ވަނަ ޑިވިޝަންގެ ކުލަބު ޑުނޯވް ޓީމަށެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެ ޓީމުން ވަނީ މިދިޔަ ސީޒަންގައި ދެ ވަނަ ޑިވިޝަންގެ އެއް ވަނަ ހޯދާފަ އެވެ.

ރާޑޮވަން އަކީ، ސާބިއާގެ ފުރަތަމަ ޑިވިޝަންގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އަދި ޔޫތު ވޮލީ ކެޓގަރީގެ ޓޮޕް ޑިވިޝަންގެ ހެޑް ކޯޗެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.