މާރިޔާ އަހުމަދު ދީދީ

ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވަންޖެހޭ: މާރިޔާ

ސަލާމަތީ ގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ ބަޔަކު އުޅެމުންދާ ކަމަށާއި އެކަންކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން، "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން" ގައި ތަގުރީރު ކުރައްވަމުން ނެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ޖަޒީރާ ވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާ ތައުލީމުގެ އެހީގައި، މިހާރަށްވުރެ އިލްމީ، ގާބިލް އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބަދަހި މުޖްތަމައެއް ބިނާ ކުރަން ދިވެހި ސަރުކާރުގައި އޮތް ތަސައްވަރު ހިއްސާ ކުރައްވާފަ އެވެ.

ޓެކްނޮލޮޖީއާ ސޯޝަލް މީޑިޔާއަކީ އޭގެ ޒާތުގައި ބޭނުންތެރި ވަސީލަތްތަކެއްކަން ފާހަަގަކުރައްވާ އެކަމަނާ ވިދާޅުވީ ސަލާމަތީ ގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވި ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު ވެސް އުޅޭ ކަމަށާއި އެކަންކަން ހުއްޓުވަން ގައުމުތައް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

މިނިސްޓަރުގެ ތަގުރީރުގައި އީ - ގަވަރމަންޓް ނުވަތަ އިންޓަނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރި ކަމާއެކީ އަދި ދެ ފުށް ފެންނަ ގޮތަށް، ދައުލަތުން ޚިދުމަތް ފޯރުވައިދިނުމަށް، ޔޫއޭއީގެ ސަރުކާރުން ފަރުމާ ކޮށްފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މާރިޔާ ވަނީ އެކަމަނާގެ ދަތުރުފުޅުގެ ތެރެއިން ޔޫއޭއީގެ މިނިސްޓަރު އޮފް އިންޓީރިއާ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ލެފްޓިނެންޓް ޖެނެރަލް ޝެއިހް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި، އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގައި ޔޫއޭއީން އެހީތެރި ވެދޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

ދަތުރުފުޅަށްފަހު މިނިސްޓަރު މާރިޔާ މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.