ހަބަރު

ފޭރުނު މީހަކަށް ފާރަލައި، އިތުރު 2 މީހުން ޑްރަގާއެކު ހައްޔަރުކޮށްފި

ފޯނެއް ފޭރުނު މީހަކަށް ފާރަލައި، އެމީހާ ކުއްޔަށް ހިފައިފައިހުރި ކޮޓަރިއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދާ އެ ތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މާލެ މަގުމަތިން ދިޔަ މީހެއްގެ ފޯނު ފޭރިގަތް މީހަކު، ސީސީޓީވީގެ އެހީގައި ހޯދައި، ގެސްޓް ހައުސްއަކުން އޭނާ ކުއްޔަށް ހިފައިފައިހުރި ކޮޓަރި ބަލައި ފާސްކޮށް، ފޭރުނު މީހާއާއެކު ޖުމުލަ 3 މީހަކު، މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭ ފަތިހު 04:50 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅި ފޭރުމުގެ އެމައްސަލައާ ގުޅިގެން ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި، ތުހުމަތުކުރެވޭ މީހާ ދަތުރު ކުރި މަގު ދެނެގަނެ، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން އޭނާއަށް ފާރަލައި އޭނާ ވަތް ތަން ވަނީ ހޯދާފައި ކަމަށާއި، އެގޮތުން، ހެންވޭރުގައި ހުންނަ ގެސްހައުސްގައި، ތުހުމަތު ކުރެވޭ މީހާ ދިރިއުޅޭ ކޮޓަރިއަށް ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަދެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މަސްތުވާތަކެތި ފެނިފައިވަނީ، އެ ކޮޓަރިއަށް ފުލުހުން ވަތް ވަގުތު ކުޑަދޮރުން އެއްޗެހިތަކެއް އުކާލިކަމަށް ޝައްކު ކުރެވިގެން، އިންވެގެން ހުރި ގޭގެ ފުރާޅާއި އެ ކޮޓަރީގެ އިތުރުން ވަށައިގެންވާ މާހައުލު ބަލައި ފާސްކުރިއިރު ކަމަށާއި، އެތަންތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 240 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.