މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ފުޅު މީޑިއާ ހައުސް "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކުރަން ނިންމާ އެ މުވައްޒިފުންނަށް ނޯޓިސް ދޭން ފަށައިފި އެވެ.
އައިލެންޑް ބްރޯޑްކާސްޓިން ކޮންޕެނީގެ ދަށުން ހިންގަމުން ގެންދާ ވީމީޑިއާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަމިއްލަ މީޑިއާ ހައުސް އެވެ. ވީމީޑިއާގެ ދަށުގައި ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އާއި އޮންލައިން ނޫހެއްވެސް އޮވެ އެވެ. އަދި މީގެ ކުރިން "ވީކްލީ" ގެ ނަމުގައި ހަފުތާ މަޖައްލާއެއް ވެސް ނެރުނެވެ.
މުވައްޒިފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
މުވައްޒިފުންނަށް މިއަދު އެ ކުންފުނިން ދިން ސިޓީގައި ބުނެފައިވަނީ މުވައްޒިފުން މަދުކުރަނީ ކުންފުންޏަށް ދިމާވެފައިވާ ރިޑަންޑަންސީ ހާލަތުގެ ސަބަބުން ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރުމަށް ދޭންޖެހޭ ދެ މަސްދުވަހުގެ ނޯޓިސް މިއަދުން ފެށިގެން ދޭ ކަމަށެވެ.
ވަޒީފާއިން ވަކިކުރާ މުވައްޒިފުންގެ އަދަދު 35 އަށްވުރެ ގިނަ ކަމަށް ވެއެވެ. އޭގެ ތެރޭގައި ވީމީޑިއާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒިފުން ވެސް ހިމެނެ އެވެ. އަދި ވީމީޑީއާގެ ވީޓީވީގައި އާންމުކޮށް ޚަބަރުން ފެންނަ ބައެއް މަޝްހޫރު މޫނުތައް ވެސް ހިމެނުނު އިރު ފަހަކަށް އައިސް ނޫސްވެރި ކަމުގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ނޫސްވެރިޔާ، އަދި 2013 ވަނަ އަހަރުން ފެށިގެން ވީ އޮންލައިން ހިނގުމުގައި އިސްކޮށް ހުންނެވި އަހުމަދު ރިފާއުއާ، ކުޅިވަރު ޚަބަރުތައް ލިޔުމުގައި ފާހަގަކޮށްލެވޭ މުހައްމަދު ޝާންވެސް ހިމެނެއެވެ.
ގާސިމް އިބްރާހިމްގެ މީޑިއާ ހައުސް "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކުރާ މައްސަލަ ބަަލަން މޯލްޑިވްސް މީޑިއާ ކައުންސިލުން އިއްޔެ ވަނީ ނިންމާފަ އެވެ. މިއީ ގާސިމްގެ ވީމީޑިއާއިން މުވައްޒަފުން ވަކި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.