ދީން ހިމާޔަތް ކުރުމުގެ ނަމުގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން އެގޮތަށް ބުނެފައި ވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލައާ ގުޅިގެން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައިވާ ކަން ހާމަކޮށް ނެރުނު ބަޔާން މެދުވެރިކޮށެވެ.
އެ ބަޔާނުގެ އެއް ބައިގައި ބުނެފައިވަނީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ މުހިންމު މަސައްކަތަަކަށް ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޖުތަމައުގެ ހަމަޖެހުން ގާއިމް ކުރުން ކަމަށެވެ. އަދި ރާއްޖޭގައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ސުލްހަ މަސަލަސްކަން ގާއިމްވެފައި އޮތުމުގެ އެންމެ ބޮޑު އަސާސަކީ އިސްލާމް ދީން ކަމަށާއި، އިސްލާމްދީނަށް ބަދުބަސް ބުނާ ފަރާތްތަށް ކުށްވެރި ކުރާ ވަރަށް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފައްދާ، އަނިޔާވެރި ވުމަށް ގޮވާލާ ފަރާތްތައް ވެސް ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ފަރާތްތަކާއި ދެކޮޅަށްވެސް ގާނޫނު އަސާސީގައިވާ އެންމެ ހަރުކަށި ބާރުތައް ބޭނުން ކުރާނެ ކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައުވަނީ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވާތީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތުމުން އެ ޖަމިއްޔާއާ ދޭތެރޭ ފިޔަވަޅު އަޅައި އެ ޖަމިއްޔާ ފުުލުހުން ފަށާފައިވާ ތަހުގީގު ނިމެންދެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކީ އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގުތަކެއް ފާހަގަ ކުރައްވާ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބޭކަން ސަރުކާރުން އަބަދުވެސް ޔަގީން ކުރާ ކަމަށެވެ. އެމްޑީއެން ސަސްޕެންޑް ކުރަން ނިންމާ ޔޫތް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި، ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.