ލައިފްސްޓައިލް

ފިޔާ ނޫންގޮތެއް ވެސް އެބައޮތް!

ފިޔައަކީ ބަދިގޭގެ އެންމެ އާއްމު އެކައްޗެވެ. ފިޔައަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. ކޮންމެ އެއްޗެއް ކައްކަން ފިޔާ ބޭނުން ކުރަނީ އެއެއްޗެއް ކައްކާއިރު އިތުރު ފްލޭވާ އެއް ގެނައުމަށެވެ. ހެދިކާ އާއި ރިހަ އާއި މަސްހުންޏާއި ނޫޑްލްސް އަދި ޕާސްތާގައި ހިމެނުމުގެ އިތުރުން ހުހާ ކާން ވެސް ފިޔާ ކަމުދެ އެވެ. ފިޔާއީ ކާ މޭޒުގައި އެންމެ އާއްމު ބާވަތެވެ.

ފިޔާ ލިބުމުގެ ދަތިކަން އައިސްފައިވާ އިރު އަދި ބާޒާރުގައި ފިޔާގެ އަގު އުފުލުފައިވާ އިރެއްގައި ފިޔާގެ ބަދަލުގައި ބޭނުން ކުރެވޭ އެހެން ބާވަތެއް އަދި ފަސޭހަ ގޮތެއް ހޯދުމަކީ ލުއިވާނެ ގޮތެކެވެ. އޭރަށް ނުލިބިގެން ނެތިގެން އުޅޭކަށް ނުޖެހޭނެ އެވެ. ފިޔާ ބަދަލުގައި ކާނާ މީރު ކުރެވޭނެ ގޮތް ގޮތް އެބަހުއްޓެވެ. ފިޔާގަނޑެއް މީރުކޮށްލާ ކައްކަން ފަށާއިރު ފިޔާގެ ބަދަލުގައި ސެލެރީ އާއި ސްޕިންގް އަނިއަން އާއި ލީކްސް އަދި ޝެލެޓްސް ބޭނުން ކުރެވިދާނެ އެވެ.

ލީކްސް

ލީކްސް އަކީވެސް ފިޔާގެ އާއިލާގެ އެއްޗެެއްކެވެ. ފިޔާ ނުލިބޭ އިރެއްގައި ފިޔާގެ ބަދަލުގައި ލީކްސް ބޭނުން ކުރަން އެއްވަނަ އެވެ. ފިޔާގެ ދޭ ޒަވި ރަހަ ނުވަތަ ފިޔާ ރަހަ ލީކްސްގައި މަޑުވެދާނެ އެވެ. އެކަމު ފިޔާގެ ބަދަލުގައި ލީކްސް ހަމަ ބަރާބަރުވާނެ އެވެ. ފިޔާގެ ބަދަލުގައި ލީކްސްގެ ހުދު ބަޔާއި މަޑުފެހި ބައި ބޭނުން ކުރެވިދާނެ އެވެ. އަދި ސޫޕެއް ކައްކާނަމަ ލީކްސްގެ ގަދަ ފެހިބައި ބޭނުންކޮށް ކައްކާ ލެވިދާނެ އެވެ.

ސެލެރީ

ފިޔާގެ ބަދަލުގައި ސެލެރީ އަކީވެސް ބޭނުން ކުރެވިދާނެ ތަރުކާރީ އެކެވެ. ކުޅިއެއްޗެއް ހަދާނަމަ ބޭސްއެއްގެ ގޮތުގައި ސެލެރީ ބޭނުން ކުރުމަށް މަޝްހޫރު ޝެފުން ރިކޮމެންޑް ކުރެއެވެ. މަޝްހޫރު ޝެފް ނައިޖެއްލާ ބުނާގޮ ތުގައި ޑިޝްތަކުގައި ބޭސް ފްލޭވާ އަކަށް ސެލެރީއާއެކު ކެރެޓް އަދި ސެލެރީ އާއެކު ބެލް ޕެޕާ ބޭނުން ކުރުމުން އިތުރު ފުރިހަަމަ ކަމެއް ގެނެސް ދެއެވެ. ދިވެހި ރިހަތަކަށް ވެސް މި އޮޕްޝަން ގެނައުމުން އާ ބަދަލެއް ގެނެސް ތަރުކާރީގެ ފައިދާ އޭގައި ހިމެނުނީ އެވެ.

ސްޕްރިން އަނިއަން

ސްޕިރިންގް އަނިއަން އަކީ ރެސްޓޯރަންޓް ކެފޭތަކަށް ގޮސް މި ކައި ފްރައިޑް ރައިސް މީރު ކޮށްދޭ މައިގަނޑު އެކައްޗެވެ. ތެެއްލާއިރު ހޫނު ތެލަށް ސްޕްރިން އަނިއަން އެޅުމުން މަޑު ފޮނިކަމެއް ގެނެސް ދެއެވެ. އެއްވެސް ރެސިޕީއެއްގައި ފިޔާ ބޭނުންވާނަމަ ސްޕިިިރިންގް އަނިއަން އާއި ކަތުރެެއް ހޯދައެވެ. އަދި އަވަހަށް ޑިޝްއެއް ތައްޔާރު ކުރުމަށް ސްޕްރިން އަނިއަން ފަސޭހަ އެވެ. ފިޔާ ކޮށުމަށް ހޭދަވާ ވަގުތު ސަލާމާތްކޮށް ދެއެވެ. ކުކުޅުގައި ހަދާ ޑިޝްތަކުގައި ސްޕރިން އަނިއަން ބޭނުން ކުރުމުން އިތުރު ފުރިހަމަ ރަހައެއް ގެނެސް ދެއެވެ.

ޑްރައި އަނިއަން ފްލޭކްސް

އަނިއަން ފްލޭކްސް އަކީ ކުދިކޮށް ކޮށާ ޑީހައިޑްރޭޓް ކޮށްފައިވާ ފިޔައެވެ. ސުޕަމާކެޓް ޝެލްފްތަކުގެ ސްޕައިސް ރެކުން މި ލިބެން ހުރެއެވެ. މިއީ މަސް ފިހާއިރު އަދި ތެއްލާއިރު ބޭނުން ކުރަން ރަނގަޅު އޮޕްޝަނަކެވެ. އެހެންކަމުން ފިޔާ ނުލިބޭއިރު ނުވަތަ އަވަހަށް އެއްޗެއް ކައްކަން ބޭނުންވާ ވަގުތެއްގައި ބަދިގޭގައި ގެންގުޅެވޭނެ އެއްޗެއްކެވެ.

ކޮންމެހެން ފިޔާ ބޭނުންނަމަ

ކޮންމެހެންވެސް ފިޔާ ބޭނުންނަމަ ފިޔާގެ އަގު ވެއްޓޭ ފަހަރަކު ފިޔާ ކޮށާލައި ފްރީޒް ކޮށްލެވިދާނެ އެވެ. އަދި ކައްކަން ބޭނުން ކުރަން ފިޔާ ނަގާ ފިނިކަން ކަނޑުވަން މަޑުކުރާކަށް ނުޖެހޭނެ އެވެ. ތެޔޮގަނޑަށް އަޅާލުމުން ނިމުނީ އެވެ.

މީގެ އިތުރުންވެސް ގަރުދިޔާ ބަތާއި ކެެއުމަށް ފިޔާ ބޭނުން ކުރާ ނަމަ ތެއްލި ފިޔާދަޅެއް ގެންގުޅެވިދާނެ އެވެ. ބޮޑު ތެޔޮގަނޑެއްގައި ޑީޕްފްރައި ކޮށްފައި ހުންނަ ފިޔާގައި މީރު ފޮނިކަމެއް ހުރެއެވެ. ބައެއް ކަހަލަ ބާގާ ސޭންޑްވިޗް ގައިވެސް މިކަހަހަ ފިޔާ ހަމަ ބަރާބަރެވެ.