އޮފްބީޓް

ހަތަރުވަނަ ބުރިން ބޭރަށް އެލިފައި އޮތް ކުއްޖެއް ސަލާމަތްކޮށްފި

ޗައިނާގެ ބިލްޑިންގެއްގެ ހަތަރު ވަނަ ބުރީގެ އެއް ފަރާތުގައިވާ ދަގަނޑު ތޭރިތަކެއްގެ ތެރެއިން ބޭރަށް އެލިފައި އޮތް ކުއްޖެއް އެގައުމުގެ ފަޔާ ފައިޓަރުން ސަލާމަތްކޮށްފި އެވެ. މި ކުއްޖާ ނުވެއްޓި އޮތީ އޭނާގެ ބޯ ދަގަނޑުތަކުގައި އެޅުވިފައި ހުރީމަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ލެންޔީ ސިޓީގައި ހިނގި މި ހާދިސާގައި ކުއްޖާ މަރު ނުވެ ސަލާމަތްވީ ނަމަވެސް އޭނާގެ ކަރަށް ވަނީ ވަރަށް އަނިޔާ ވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު މި ހާދިސާ ހިނގަން މެދުވެރިވީ ކުއްޖާ ކުޑަދޮރު މައްޗަށް އަރައިގެން އުޅެނިކޮށް ފައި ކައްސާލައިގެން ވެއްޓުނީމަ އެވެ. ކައްސާލައިގެން ގޮސް ކުއްޖާ ވެއްޓުނީ އެތާގެ ސެކިއުރިޓީއަކަށް ޖަހާފައިވާ ދަގަނޑު ހޮޅިތަކެއްގެ ތެރެއިންނެވެ. އޭނާ ސަލާމަތްވީ އެ ހޮޅިތަކުގެ ދޭތެރޭގައި ބޯ ތާށިވެގެނެވެ.

މި ހާދިސާ ހިނގި ވަގުތު ކުއްޖާގެ މައިންބަފައިން ގެޔަކު ނެތެވެ. އޭނާގެ ކާފަ އޮތީ ނިދާފަ އެވެ. ކުއްޖާ ރޯ އަޑަށް ކާފައަށް ހޭލެވިގެން ނުކުމެ މީހުންގެ އެހީތެރިކަމަށް އެދުނީ އެވެ.

މި ކުއްޖާ ސަލާމަތްކުރަން އައި މީހުން އެންމެ ފުރަތަމަ ކުއްޖާގެ އުނަގަނޑުގައި ވަލެއް ބެއްދީ އެވެ. އަދި ހައިޑްރޯލިކް ސްޕްރެޑާ އަކުން ދަގަނޑުތައް ދުރުކޮށްލީ އެވެ. ކުއްޖާ ވެއްޓިދާނެތީ އެ ހިސާބުގަނޑު މީހުން ތިބީ ބިންމަތީގައި ގޮދަޑިތައް ވެސް ފަތުރައިގެންނެވެ.

ޗައިނާގެ އިމާރާތްތައް ހަދާފައި ހުންނަ ގޮތުން ވަރަށް ގިނަ ކުޑަކުދިންނަށް މި ކަހަލަ އެކްސިޑެންޓްތަކާ ކުރިމަތިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.