އެމެރިކާގެ ކެލިފޯނިއާގެ ސެން ޖޯސްގައި އުޅޭ ވައްކަން ކުރާ ގޭންގަކަށް ވަރުގަދަ ލަނޑެއް ލިބިއްޖެ އެވެ. މީހަކު ކާރެއް ތެރޭ ބާއްވާފައި އޮތް ދަބަހެއް ވަގަށް ނަގައިގެން އެމީހުން ދިޔައިރު އޭގައި ހުރީ ވިހަގަދަ ހަރުފަ ކަމެއް އެމީހުން އެއްގޮތަކަށް ވެސް ނުދެނަހުއްޓެވެ. އެހެންވެ ދަބަސް ވަގަށް ނެގުނު މޮޔަ ހިތަށް އަރާވަރުގެ ބޮނޑު ލަނޑެއް މި ދަބަހުން އެމީހުންނަށް ލިބުނެވެ.
ބްރައަން ގްރެންޑީ އެކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަރުފަ ފަދަ ޖަނަވާރުގެ ވާހަކަތައް ކިޔައިދޭ އެ އެއްޗިއްސާ ގުޅޭ މައުލޫމާތު ހިއްސާކޮށް ޝޯތައް ހުށަހަޅައިދޭ މީހެކެވެ.
މިދިޔަ ހަފުތާގައި މާޓިން ލޫތާ ކިންގް ޖޫނިއާ ލައިބްރަރީއަށް ގްރެންޑީ ދިޔައީ އެތަނުގައި އޮތް ކުޑަކުދިންނަށް ޚާއްސަ ޝޯ އަކަށެވެ. މި ޝޯ އަށް އޭނާ ގެންދިޔަ ދަބަހުގައި ވަރަށް ގިނަ އަދަދެއްގެ ހަރުފަ އާއި 28 އިންޗީގެ ނޫ ދުލެއް ލާފައި އިން ބޮނޑެއް އޮތެވެ.
ޕާފޯމަންސް ދޭން ގޮސް ކާރުން ފައިބާފައި ބެލިއިރު ގްރެންޑީގެ ދަބަހެއް ކާރަކު ނެތެވެ. އޭނަ ބުނި ގޮތުގައި ދަބަހުގައި މާ ގިނަ ފައިސާ ނެތަސް އޭގައި ތިބި ޖަނަވާރުތަކުގެ ރައްކާތެރިކަމާ މެދު އޭނާ ވަރަށް ބިރުގަތެވެ.
"ދަބަހުގައި ހުރި ޖަނަވާރުތަކުގެ އަގު 5000 ޑޮލަރު ވަރު ވާނެ. ފައިސާއެއް ނޫން މައްސަލައަކީ. އެ އެއްޗެތީގެ ރައްކާތެރިކަމުގެ ޔަގީންކަން ނެތީމަ،" ގްރެންޑީ ބުންޏެވެ.
ދަބަހުގައި އޮތް ހަރުފަތަކުގެ ތެރެއިން ބައެއް ހަރުފަ ކުނިގޮނޑަކަށް އެއްލާލާއި ވަނިކޮށް ފެނުނު ކަމަށް ގެރެންޑީ ބުންޏެވެ. ދަބަސް ވަގަށް ނެގި މީހުންނަށް ހަރުފަތައް ފެނުނީމަ ދަބަސް އެއްލާލީ ކަމަށް ހީވާ ކަމަށް ގްރެންޑީ ބުންޏެވެ. އޭނާ ބުނީ ވައްކަން ކޮށްގެން އެއްޗެތި ހޯދަން މީހުން އުޅޭތީ ވަރަށް އަސަރު ކޮށްފި ކަމަށެވެ.