ބޮލީވުޑް

ވަރި ކުރަން ޖެހުނު ސަބަބު ފަރްހާންގެ ދުލުން

ފަރްހާން އަޚްތަރު އާއި ކުރީގެ އަންހެނުން އަދުނާ ބަބާނީ ވަރިކުރި ޚަބަރަކީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ވެސް ޝޮކެއް ލިބުނު ޚަބަރެކެވެ. ވަރަށް ގުޅޭ އެހާމެ ލޯބި ޖޯޑެއްގެ ގޮތުގައި އުޅެމުން އާއި ފަރްހާން އާއި އަދުނާ ވަރިވާކަން އިއުލާން ކުރުމަށްފަހު ވަރި ކުރުމާ ހަމަޔަށް ވެސް އަދި އޭގެ ފަހުން ވެސް މި ދެ މީހުން އެކަމާ ގުޅޭ އެއްވެސް ވާހަކައެއް މީޑިއާ އާ ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް ދާދިފަހުން ފަރްހާން ވަނީ މިކަމާ ގުޅޭ ވާހަކަތައް އިންޑިޔާގެ ނޫހަކަށް ކިޔައިދީފަ އެވެ.

އޭނާ މި ވާހަކަތައް ކިޔައިދިނީ "ދަ ސްކައި އިޒް ޕިންކް"ގެ ޕްރޮމޯޝަން އިންޓަވިއު އެއްގަ އެވެ. މި ފިލްމުގައި ވެސް ފަރްހާން އާއި ޕްރިޔަންކާ ޗޯޕްޅާގެ ކެރެކްޓާއަށް މިފަދަ ގޮތެއް މެދުވެރިވެ އެވެ. ނަމަވެސް އަލުން ދެމީހުން ގުޅި ކުރިޔަށް ވުރެ ވެސް ހަރުދަނާ ވަރުގަދަ ލޯބީގެ ގުޅުމެއް ދެމީހުންގެ މެދުގައި ގާއިމް ކުރެވެ އެވެ. ފަރްހާންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އޭނާއަށް ދައްކަން ފެށުނީ ފިލްމުގެ ކެރެކްޓާގެ ވާހަކަ ކިޔައިދެމުން ގޮހެވެ.

ފަރްހާން ބުނީ ވަރިއަކީ އެއްވެސް ހާލެއްގައި ފަސޭހަ އެއްޗެއް ނޫނެވެ. ޚާއްސަކޮށް ދަރިންނަށް އެ ކަހަލަ ކަންތައްތައް އަންގައި ވިސްނައިދިނުމަކީ ވަރަށް ދަތި ކަމެއް ކަމަށް އޭނާ ބުންޏެވެ. އެހެންވެ ވަރަށް ސާފު ބަހުން އެކުދިންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދިން ކަމަށް ފަރްހާން ބުންޏެވެ.

ފަރްހާން އާއި އަދުނާގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައި ވެއެވެ. މިހާރު މި ދެ ކުދިންނަކީ ވެސް ފުރާވަރު އުމުރަށް އަޅާފައި ތިބި ކުދިންނެވެ.

ފަރްހާން އަދުނާ ވަރިކުރަން ކޯޓަށް މައްސަލަ ހުށަހެޅި ޚަބަރާއެކު ފަރްހާނާއި ބޮލީވުޑް ބައެއް ބަތަލާއިންނާ އަޅުވާ ކިޔައި އެ ކައިވެނި ރޫޅުނީ އެ ބަތަލާއިންގެ ސަބަބުން ކަމަށް ވާހަކަ ދެކެވުނެވެ. ފަރްހާން އާ އަޅުވާ ކިޔުނު ބަތަލާއިންގެ ތެރޭގައި އަދިތީ ރާއޯ ހައިދްރީ އަދި ޝްރައްދާ ކަޕޫރު ހިމެނެ އެވެ. ނަމަވެސް މި ދެ ބަތަލާއިން ވެސް ވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށް ބުނެފަ އެވެ.

އަދުނާ ވަރި ކުރުމަށްފަހު ފަރްހާން މިހާރު ރައްޓެހިވެގެން އުޅެނީ ލަވަކިޔުންތެރިޔާ ޝިބާނީ ޑަންޑޭކަރް އާއެވެ. މި ދެ މީހުން އެކުގައި ނަގާފައި ހުންނަ ވަރަށް ގައިގޯޅި މަންޒަރުތައް ހިމެނޭ ފޮޓޯތައް ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. އަދި ފަރްހާންގެ ދެ ދަރިންނާއި ޝިބާނީ އާއެކު ފަރްހާން ނަގާފައިވާ ފޮޓޯތައް ވެސް އޭނާ ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ. އެހެންވެ ޝިބާނީ އާއި ފަރްހާން އެމީހުންގެ ގުޅުމާ މެދު ސީރިއަސްކޮށް ދެކޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް އިންޑިއާގެ މީޑިއަ ތަކުން ދަނީ ބުނަމުންނެވެ.