ދިވެހި ޒުވާން އަންހެނަކު އިނގިރޭސި ވިލާތުގައި ތަފާތު މަސައްކަތެއް ކުރާ ވަހަކަ އަޑު އިވިގެން ވަރަށް ޝައުގުވެރިވެގެން ބަލައިލި އިރު އެއީ މެލިސާ ހިބާ އަހުމަދު 25، އެވެ. އޭނާ މަސައްކަތް ކުރަނީ އިނގިރޭސި ވިލާތުގެ އިންޖިނިއަރިން އިންޑަސްޓްރީގަައި ޑިޒައިން އިންޖިނިއަރެއްގެ ގޮތު އެވެ.
މެލިސާ ބުނާ ގޮތުގައި އިންޖިނިއަރިން ދާއިރާއިން އޭނާގެ ކެރިއާ ފަށައިގަތް އިރު އިނގިރޭސިވިލާތުގައި އިންޖިނިއަރުންގެ ގޮތުގައި މަސައްކަތް ކުރާމީހުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 13 ޕަސެންޓެވެ. އެކަން އެނގުމުން ވަރަށް ހައިރާންވި އެވެ. އަދި އެ ހިސާބުން ބޭނުންވީ އިންޖިނިއަރިން އިންޑަސްޓްރީއަށް އަލަށް ނުކުންނަ އަންހެން އިންޖިނިއަރުންނަށް ރޯލް މޯޑެލްއަކަށް ވާށެވެ.
ސާނަވީ ތައިލީމުގައި މެލިސާގެ ޝައުގުވެރިކަން ފުރަތަމަ ވެސް ދަމައިގަތީ ހިސާބާއި ސައިންސެވެ. ކެރިއަރެއް ހިޔާރު ކުރަން ބެލި އިރު އެ މާއްދާތަކަށް އޮތް ޝައުގުވެރިކަން އެކަމުގައި ވަރަށް ބޮޑު އެހީތެރިއަކަށްވި އެވެ.
"އޭލެވެލް އަށް ކިޔެވީއްސުރެ މެތްސް އާއި ސައިންސްއަކީ ފޭވަރިޓް. އެ ދެ މާއްދާ ވެސް އަހަރެންގެ މިހާރުގެ ވަޒީފާއާ ވަރަށް ބޮޑަށް ގުޅޭ. އަހަންނަކީ ޑިޒައިން އިންޖިނިއަރެއް. ސްޕެޝަަލައިޒް ވެފައިވަނީ ސެކިއުރިޓީ ޕްރޮޑަކްޓްސް އުފައްދަން. ސައިންސުން އުގައްނައިދޭ ތިއަރީތަކާއި ވިސްނުމުން އެއްޗެއް މަސައްކަތް ކުރާނެ ގޮތާއި މޫވް ކުރާނެ ގޮތް އަންގައިދޭ. މިއީ ހައިޓެކް ކޮމްޕިއުޓާ ސޮފްޓްވެއާ ބޭނުން ކޮށްގެން ޕްރޮޑަކްޓް ޑިޒައިން ކުރުމުގައި ބަލަންވާ ކަމެއް،" މެލިސާ ބުންޏެވެ.
މެލިސާ ވަނީ އޭނާގެ އަމިއްލަ އިންޖިނިއަރިން ކޮންސަލްޓަންސީ ކުންފުނި ޓެކްވުމަން ލިމިޓެޑް އުފައްދާ ބުރަކޮށް މަސައްކަތް ފަށައިގެންފަ އެވެ. އޭނާގެ ގޯލަކީ ވީހާވެސް ގިނަ އަންހެނުން ސައިންސަށާއި އިންޖިނިއަރިން އަށް ވަނުން ޕްރޮމޯޓް ކުރުމާއި ސްޓެމް -- ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތްސް -- ރޯލެއް ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ޔުނިވާސިޓީ ލެވެލާ ހިސާބަށް ކިޔަވާ ކުދިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އާ ޖީލެއް ބިނާ ކުރުމެވެ.
މާލޭގެ ގަލޮޅު މަދަރުސާގައި ޕްރީސްކޫލް ފެށި މެލިސާގެ ބައްޕަގެ ފަރާތު ކާފައަކީ ވަރަށް ގިނަ ބަޔަކު ދަންނަ ގޯނބިލި ޅަތުއްތު އެވެ. އޭނާގެ އުމުރުން ފަސް އަހަރުގައި އާއިލާއާއެކު ދިރިއުޅުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ އަށް ބަދަލުވި އެވެ. އިންޖިނިއަރިން ދާއިރާއަށް މެލިސާގެ ޝައުގުވެރިކަން ދިޔައީ ބައްޕަގެ ފަރާތުން އިންސްޕަޔާ ވެގެނެވެ.
ބައްޕަވަނީ 24 އަހަރު އެވިއޭޝަން ދާއިރާގައި މަސައްކަތްކޮށްފައި. ސްޓޭޝަން މެނޭޖަރެއްގެ ގޮތުގައި ރާއްޖޭގައި އާއި ތަފާތު އެކި އެކި އެއާކްރާފްޓްތަކުގެ އެއާކްރާފްޓް ޑިސްޕެޗާއެއްގެ ގޮތުގައި ޔޫކޭގައި މަސައްކަތްކުރި. މަންމަ ފަރާތު ކާފަ އަކީ ރިޓަޔާ ކޮށްފައިވާ މެކޭނިކަލް އިންޖިނިއަރެއް،މެލިސާ ހިބާ އަހުމަދު | ޑިޒައިން އިންޖިނޭރެއް
"ބައްޕަވަނީ 24 އަހަރު އެވިއޭޝަން ދާއިރާގައި މަސައްކަތްކޮށްފައި. ސްޓޭޝަން މެނޭޖަރެއްގެ ގޮތުގައި ރާއްޖޭގައި އާއި ތަފާތު އެކި އެކި އެއާކްރާފްޓްތަކުގެ އެއާކްރާފްޓް ޑިސްޕެޗާއެއްގެ ގޮތުގައި ޔޫކޭގައި މަސައްކަތްކުރި. މަންމަ ފަރާތު ކާފަ އަކީ ރިޓަޔާ ކޮށްފައިވާ މެކޭނިކަލް އިންޖިނިއަރެއް،" އޭނާ ބުންޏެވެ،
މެލިސާގެ ތައުލީމީ ހަޔާތް އިނގިރޭސި ވިލާތުގައި ހޭދަ ކުރިއިރު މެންޗެސްޓާގެ ޔުނިވާސިޓީ އޮފް ސެލްފޯޑްއިން އޭނާ ވަނީ ބެޗްލާސް އޮފް އިންޖިނިއަރިން އޮނާސް އިން އެރޮނޮޓިކަލް އިންޖިނިއަރިން ފަސްޓް ކްލާސް ހާސިލް ކޮށްފަ އެވެ. އަދި 2014 ގައި ފީމޭލް އަންޑަގްރެޖުއޭޓް އޮފް ދަ އިއާ އެވޯޑް ކާމިޔާބުކުރި އެންމެ މޮޅު 18 ފައިނަލިސްޓުންގެ ތެރޭގައި ހިމެނުނެވެ.
މެލިސާގެ ޕެޝަނަކަށްވީ އިންޖިނިއަރިން އެވެ. އިތުރަށް ކިޔަވަން ގަސްދުކޮށް ސެލްފޯޑް ޔުނިވާސިޓީން ދެވަނަ ޑިގްރީއެއް ހެދި އެވެ. އެ ކާމިޔާބު ކަމާއިއެކު މެލިސާ މާސްޓާސް އޮފް ރިސާޗެއް ފުރިހަމަ ކޮށްފައި ވަނީ ނޮލެޖް ޓްރާންސްފާ ޕްރޮގްރާމެއްގެ ދަށުން "ޓެކްނޯކަވާ" ކިޔާ މެކޭނިކަލް އިންޖިނިއަރިން ކުންފުންޏަކާ ގުޅިގެންނެވެ. ޓެކްނޯކަވާ ގެ ސެކިއުރިޓީ ޕްރޮޑަކްޓްސް އުފެއްދުމަށް ޑިޒައިން ޕްްރޮސެސްއަށް މެލިސާގެ މަސައްކަތުން ބޮޑު ބަދަލެއް ގެނެސް ދިނެވެ.
މީގެ އިތުރުން ވެސް އިންޖިނިއަރިން ދާއިރާގައި އޭނާގެ އެޗީވްމަންޓްސް ގިނަ އެވެ. ރޯޔަލް އެރޮނޮޓިކަލް ސޮސައިޓީއިން ދޭ އެވޯޑް އައުޓްސްޓޭންޑިިން ޕޭޕާ އޮން އެރޯ ސްޕޭސް ސަބްޖެކްޓް، މެންޗެސްޓާ ބްރާންޗް ޕްރޮޖެކްޓް ޕްރައިޒް އަދި ޔުނިވާސިޓީ ޕްރަައިޒް ހޯދި އެވެ.
އިނގިރޭސި ވިލާތުގެ ވިމަން އިން އިންޖިނިއަރިން ސޮސައިޓީއަށް 100 އަހަރު ފުރުމުގެ މުނާސާބަތުގައި ބާއްވާ ހާއްސަ އެގްޒިބިޝަންގައި ބައިވެރިވާން ހޮވާލި 20 އިންސްޕިރޭޝަނަލް ޒުވާން އަންހެނުންގެ ތެރޭގައި ވެސް މެލިސާ ހިމެނެ އެވެ. އަދި ލަންޑަންގައި ބާއްވާ އެކި އެކި ސްޓެމް ޓޯކް، ސްޓެމް އިވެންޓްސްތަކުގައި މެލިސާއަކީ މޯޓިވޭޝަނަލް ސްޕީކަރެކެވެ. ސޯޝަލް މީޑިއާގެ ސްޓެމް ކެމްޕެއިންތަކުގައި ވެސް އޭނާ ބައިވެރި ވެއެވެ.
"ޓެކްވުމަން ގައި އަހަރެންގެ މަސައްކަތްތަކުން އެންމެ އުފާވަނީ ގެސްޓް ސްޕީކާއަކަށް ގޮސް ކުދިންނާއި ބައްދަލުކޮށް ވާހަކަ ދައްކާ އެ ކުދިންނަށް މުސްތަގުބަލުގައި ސްޓެމް އިންޑަސްޓްރީގައި ވަޒީފާ އަދާ ކުރެވޭނެ ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުން އެކުދިންގެ އެކްސައިޓްމަންޓް ފެނުމުން،"
އިހުއްސުރެ ރާއްޖޭގައި އިންޖިނިއަރިން ވެފައި އޮންނަނީ ހަމައެކަނި ފިރިހެނުންގެ ދާއިރާއަކަށެވެ. އަދި އިންޖިނިއަރިން ވަޒީފާތަކަަކީ ހަމައެކަނި ޕްލަމްބިން އާއި އިލެކްޓްރީޝަންސް ނޫނީ މެކޭނިކެއްގެ ވަޒީފާއޭ ހީވެ އެވެ.
"އިންޖިނިއަރިން ދާއިރާގައި އަންހެނުން މަސައްކަތް ކުރާތާ 100 އަހަރުވެއްޖެ. އިންޖިނިއަރިން ދާއިރާ ތަފާތު އެކި އެކި ރޯލް އެބަހުރި. އެކި ސްކިލްގެ މީހުުންނަށް އެމީހަކު ޕްރިފާކުރާ ރޮނގަކުން ދެވެން އެބަ އޮތް ދާއިރާގެ ތެރެއިން. މީގެ ތެރޭގައި ޑިޒައިން އާއި ރިސާޗް އެންޑް ޑެވެލޮޕްމަންޓް ހިމެނޭ. އަންހެނުން އިންޖިނިއަރިންގައި ގިނަ ނަމަ އެހެން އާ ޕާސްޕެކްޓިވްއެއް ލިބި އުފެއްދުންތެރި އާ ހިޔާލު ލިބޭނެ. ހާއްސަކޮށް ޑިޒައިން އިންޖިނިއަރެއް ނަމަ ޑިޒައިންކުރާ އެއްޗެއް އަސްލު ޕްރޮޑަކްޓަކަށް ބަދަލުޗވެގެން އަންނަ ތަން ފެނުމަކީ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް،" އޭނާ ބުންޏެވެ.
މެލިސާގެ އުއްމީދަކީ މުސްތަގުބަލުގައި ރާއްޖެ އައިސް މި ދާއިރާއާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް ދާއިރާއަށް ދިވެހިން އަހުލުވެރި ކުރުވުމެވެ.
"އަހަރެން އުއްމީދު ކުރަން ރާއްޖެ އަންނަން. ރާއްޖޭގައި ސްޓެމް އިންޑަސްޓްރީއަށް މީހުން ހޭލުންތެރިކޮށް ގިނަ މީހުން އިންޖިނިއަރިން ދާއިރާ ފުރުސަތުތަކަށް ޝައުގުވެރިކަން އުފައްދަން ބޭނުން. މި ދާއިރާއިން ރާއްޖޭގެ އަދި ޔޫކޭގެ ގްރެޖުއޭޓްސްއަށް ވަޒީފާގެ ފުރުސަތުތަށް ހޯދަން މަސައްކަތް ކޮށްދޭން ބޭނުން." އޭނާ ބުންޏެވެ. "ޔޫކޭ އާއި އެއްގޮތަށް ރާއްޖޭގެ ސްކޫލްތަކުގައި ވެސް ކުދިން ސްޓެމްއަށް ހޭލުންތެރި ކުރުވުމަށް އަދި މެންޓަރިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވެސް ވިސްނަން. މިކަން ވާނީ އަހަރެންގެ ބައްޕައާއި ކާފާ ވަރަށް ފަހުރުވެރިވާނެ ކަމަކަށް،"