ކާރްތިކް އާރްޔަން އާއި ސާރާ އަލީ ޚާންއަކީ ބޮލީވުޑްގެ އާ ލޯބީގެ ޖޯޑު ކަމަށް ވެއެވެ. މި ދެ ތަރިން ރައްޓެހި ވެގެން އުޅޭ ކަމަށް މީޑީއާގައި އެއްބަސް ނުވިޔަސް އެމީހުންގެ އަމަލުތަކުން ދެ މީހުން ލޯބި ވެގެން އުޅޭކަން ޔަގީންވެ އެވެ.
އެކަކު އަނެކަކު ބަލާ އެއާޕޯޓަށް ދިއުމާއި ރޮމެންޓިކް ޑިނާ ޑޭޓްތަކުން ވެސް މި ދެ އެކްޓަރުންގެ ގުޅުން ހާމަކޮށްދެ އެވެ. ފިލްމު މަސައްކަތް ފިޔަވައި ޕްރައިވެޓް ދިރިއުޅުމުގައި ކާރްތިކް އާއި ސާރާ އެކުގައި އެކި ތަންތަނުގައި އުޅެނިކޮށް ޕަޕަރާޒީން ގިނަ ފޮޓޯތަކެއް ނަގާފައި ވިޔަސް ކުރިޔަށް އޮތް ދުވަސް ތަކުގައި މި ދެ ތަރިން އެކުގައި ތިއްބާ ނަގާފައިވާ ފޮޓޯތައް މީޑިއާ އިން ފެނުން ދުރެ އެވެ. އެއީ ސާރާ އާއި ކާރްތިކްގެ ލޯބީގައި މައްސަލަތަކެއް ޖެހިގެންނެއް ނޫނެވެ. އެކުގައި ތިއްބާ ނަގާ ފޮޓޯތައް މީޑިއާ އަށް ދޭން ބޭނުން ނުވާތީ އެވެ.
ސާރާ އާއެކު ބޭރުގައި އުޅެނިކޮށް ޕަޕަރާޒީންނަށް ފެނިގެން ފޮޓޯ ނަގަން އުޅުނަސް ކާރްތިކް މިހާރު ކަނޑައެޅިގެން އެކަމާ ދެކޮޅުހަދަ އެވެ.
އިންޑީއާގެ ނޫހަކުން ބުނި ގޮތުގައި "ބޫލް ބުލައްޔާ 2" އެކްޓަރު ކާރްތިކް މިގޮތަށް ނިންމީ މިހާރު މިދާ ވަރުން ދަންޏާ އޭނާއަކީ ސާރާގެ ރީތި ލޯބިވެރިޔާގެ ގޮތުގައި މަޝްހޫރުވެ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ވުޖޫދު ނެތިގެން ހިނގައިދާނެތީ އެވެ.
"އަހަރެމެން އަޑުއެހިން ސާރާ އާއެކު އޭނާ ހުރި ފޮޓޯތައް ނުނަގާށޭ ކާރްތިކް ބުނި އަޑު. ސަބަބަކީ ހަމައެކަނި ސާރާގެ ލޯބިވެރިޔާގެ ގޮތުގައި އެނގެން ބޭނުން ނުވާތީ. މިހާރު ސާރާ ވެސް އާދި ކާރްތިކް ވެސް ބޭނުންވަނީ އެމީހުންގެ ލޯބީގެ ގުޅުމުގެ ވާޙަކަ މީހުން ދެއްކުމަށްވުރެ އެމީހުން ކުޅޭ ފިލްމުތަކަށް މީހުންގެ ތާއީދާއި ލޯބި ލިބެން،" ކާރްތިކްގެ ގާތް މީހަކު ބުންޏެވެ.
ކޮންމެއަކަސް މިއީ މި ދެ ތަރިންގެ ފޭނުން ވަރަށް ދެރަވާނެ ޚަބަރެކެވެ.
ފިލްމީ ރޮނގުން ބަލާއިރު ކާރްތިކް އާއި ސާރާ ދެން އެންމެ އަވަހަށް ފެންނާނީ "ލަވް އާޖް ކަލް 2" އިންނެވެ. މި ފިލްމުގެ ޝޫތިން މިހާރު ވަނީ ނިމިފަ އެވެ. އަދި ސާރާ މިހާރު ޝޫޓްކުރަމުން ދަނީ ވަރުން ދަވަން އާއެކު ކުޅޭ "ކޫލީ ނަންބަރު 2" ގެއެވެ. ކާރްތިކް ވަނީ ކިއާރާ އަދުވަނީ އާއެކު "ބޫލް ބުލައްޔާ 2"ގެ ޝޫޓިން ފަށާފަ އެވެ.