އޮފްބީޓް

ރާމާ މަކުނެއް ފުލުހެއްގެ ކޮނޑަށް އެރި ވީޑިއޯ ވައިރަލް ވެއްޖެ

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖަކަށް ހުރި ފުލުސް މީހެއްގެ ކޮނޑަށް ރާމާ މަކުނެއް އަރާ އިނދެ އިސްތަށިގަނޑު ހާވާތަން ފެންނަ ވީޑިއޯއެއް އިންޓަނެޓްގައި ވައިރަލްވެ ގިނަ ބަޔަކަށް މިއީ ވަރަށް މަޖާ ކަމަކަށް ވެއްޖެ އެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި މަކުނު ފުލުސް މީހާގެ ކޮނޑަށް އަރާ އިނދެގެން އެމީހާގެ ބޯ ހާވަމުންދިޔައިރު ފުލުސް މީހާ އިނީ އެނގޭ ކަމަށް ވެސް ނަހަދާ އޮފީހުގެ މަސައްކަތްތަކެއް ކުރާށެވެ. މަކުނު ގޮސަ ފުލުސް މީހާގެ ބޮލަށް އަރާ ނުފައިބައި އިނުމުން އޭތި ބާލާނެ ގޮތެއްގެ ޚިޔާލު އެތާ ތިބި މީހުން ފާޅުކުރަމުންދިޔަ އަޑު ވެސް މި ވީޑިއޯގައި އިވެ އެވެ.

ދޮންކެޔޮވަކެއް ދީގެން އޭތި ހައްދާލަނިކޮށް މަކުނު ކޮނޑުން ފައިބައިގެން ހިނގައިދާނެ ކަމަށް އެކަކު ބުނާ އަޑު އިވެ އެވެ. ނަމަވެސް މަކުނު ހާވާނެ ވަރަކަށް ބޯ ހާވާފައި ފައިބައިގެން ދަންދެން ފުލުސް މީހާ އަޅާ ނުލާ އިނީ އެވެ.

އޭއެންއައި ނިއުސް އާ ވާހަކަ ދައްކަމުން އެ ފުލުސް މީހާ، ސްރީކާންތު ތުރިވޭދީ ބުނީ ގޮތުގައި އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކުއްލިއަކަށް ޕޮލިސް ސްޓޭޝަން ތެރެއަށް މަކުނު ވަނީ އެވެ. އަދި އޭތި ފައްސާލަން އުޅުމުގެ ތެރޭގައި އަންހެން ފުލުހެއްގެ އިނގިލީގައި ދަތް ވެސް އެޅި އެވެ. ދެން ދިޔަ ގޮތަށް ގޮސް މަކުނު އެރީ ތުރިވޭދީގެ މޭޒަށެވެ.

"އޭތި މޭޒުމަތިން ފައްސާލަން އުޅުނީމަ މަށަށް ވެސް ހަމަލަ ދިން. އެންމެ ފަހުން މަގޭ ގޮނޑިއަށް އަރާފަ ފުންމައިގެން ކޮނޑަށް އަރާ ހަމަޖެހިލާފައި އިސްތަށިގަނޑާ ކުޅެން ފެށީ،" ސްރީކާންތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރޭގަނޑު ވަރަށް ދަން ވަންދެން އެ މަކުނު ޕޮލިސް ސްޓޭޝަން ތެރޭގައި ދުވެ ދުވެފައި އުޅުނެވެ. އިރު އެރީމަ އޭތި ހިފައިގެން ގޮސް ޖަންގައްޔަށް ދޫކޮށްލީ ކަމަށް ވެސް ފުލުސްމީހާ ބުންޏެވެ.

މި ވީޑިއޯ އެތައް ހާސް ބަޔަކު ބަލާފައިވާއިރު ގިނަ ބަޔަކު މިކަމަށް ޖޯކު ޖަހާ ވަރަށް މަޖާ ކޮމެންޓްތައް ކޮށްފައި ވެއެވެ.

"މިއަށް ކިޔަނީ މަކުނުގެ ވިޔަފާރި. މިސޮރަށް ޕޮލިސް ސްޓޭޝަނުން މުސާރަ ދޭން ޖެހޭނެ،" އެކަކު ކުރި ކޮމެންޓެއްގައި ވެއެވެ.
އަނެއް ބަޔަކަށް މިއީ އަސްލު ހިނގި ކަމެއްކަން ގަބޫލުކުރަން ވެސް ދަތިވި އެވެ. ސަބަބަކީ ފުލުސް މީހާ ހަމަޖެހިލައިގެން އިން ގޮތުންނެވެ.