ކުޅިވަރު

އިނގިރޭސިން އަދި ލައްކަ މަސައްކަތް ކުރަން ޖެހޭ

ފުޓްބޯޅާގައި އަދި އިނގިރޭސިން ކުރަން ޖެހޭ ލައްކަ ގިނަ މަސައްކަތް އެބަހުރި ކަމަށް ރޭ ޗެކް ރިޕަބްލިކް އަތުން ބަލިވި އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ރޭ އިނގިރޭސިން ވި ބައްޔަކީ ކޮލިފިކޭޝަން މެޗެއްގައި 10 އަހަރު ފަހުން އެ ޓީމަށް ކުރިމަތިވީ ފުރަތަމަ ބައްޔެވެ. އޭގެ ކުރިން މިދިޔަ 10 އަހަރު ތެރޭ ކުޅުނު 44 މެޗުން ވެސް އެ ޓީމު ބަލިވެފަ އެއް ނުވެ އެވެ. އަންނަ އަހަރު ބާއްވާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުން އިނގިރޭސިން ބަލިވީ 2-1 ންނެވެ. މެޗުގެ ފުރަތަމަ ލީޑް ނެގީ ވެސް އިނގިރޭސީންނެވެ.

އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލީޑް ނެގީ ހެރީ ކޭން އެވެ. މޗުގެ ފަސް ވަނަ މިނެޓްގައި އޭނާ ލީޑް ނެގި ނަމަވެސް ނުވަ މިނެޓްގައި ޗެކްގެ ޔާކޫބް ބްރަބެކް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޗެކް ރިޕަބްލިކް މޮޅުކޮށްދިން ލަނޑު 85 ވަނަ މިނެޓް ގައި ކާމިޔާބު ކުރީ ޒިދަނެ އޮންޑްރަސީކް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ ޗެކްރިޕަބްލިކް އަތުން ބަލިވުމަކީ އިނގިރޭސިން ހޭލާ ތިބެން ޖެހޭ ކަމުގެ މެސެޖެއް ކަމަށެވެ. އޭނާ ބުނީ ބޭނުންވި ގޮތަށް މެޗުގައި އެއްވެސް ކަމެއް ނުފެނުނު ކަމަށެވެ.

"ވަރަށް ގިނަ ރަނގަޅު ކަންކަން ވެސް ފާހަގަ ކުރެވުނު، އެހެން ނަމަވެސް ދުނިޔޭގެ ޓޮޕް ޓީމުތަކުގެ ތެރޭގައި ހިމެނުމަށް އަދި އަހަރެމެން ލައްކަ މަސައްކަތް ކުރަން އެބަހުރި،" ސައުތުގޭޓް ބުންޏެވެ. "އަހަންނަށް ހީވަނީ ރޭ ގެ މެޗުން އެ ފެނުނީ އެކަމުގެ ސީދާ ހެކި ހެން، މިކަންތައްތަކަށް ޖަވާބު ދޭން އަހަރެމެންނަށް އަދި ފުރުސަތު އެބައޮތް، އަހަރެމެން މިއަށް ޖަވާބު ދޭ ގޮތް ވާނީ ވަރަށް ޝައުގުވެރި ކަމަކަށް."

މީގެ ކުރިން ކޮލިފިކޭޝަން މެޗަކުން އިނގިރޭސިން ބަލިވީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2009 ވަނަ އަހަރު ޔޫކްރޭން އަތުން 1-0 ންނެވެ. އެއި ކުރީގެ ކޯޗް ފަބިއޯ ކަޕެއްލޯގެ ކޯޗް ކަމުގަ އެވެ. ޔޫކްރޭންގެ މިހާރުގެ ގައުމީ ޓީމުގެ ކޯޗް އަންދުރޭ ޝެވަޗެންކޯ އަށް ވަނީ އެ މެޗުގައި ޕެނަލްޓީއެއް ލިބި ނަތީޖާގެ ފަރަގު ފުޅާ ކުރަން ވެސް ފުރުސަތު ލިބިފަ އެވެ. އެހެންނަމަވެސް އޭނާއަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.