އައިޝަތު ނަހުލާ

11 އަހަރުތެރޭ އިކާއޯގައި ތަގުރީރު ކުރެއްވި ފުރަތަމަ ވަޒީރަކަށް ނަހުލާ

ދެމެހެއްޓެނިވި ކުރިއެރުމަށް ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ)ގެ އާންމު ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ. - މިއީ ވޭތިވެދިޔަ 11 އަހަރުގެ ތެރޭގައި އީކާއޯގެ އާންމު ޖަލްސާގައި ރާއްޖޭގެ މިނިސްޓަރަކު ބައިވެރިވެ ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރުގެ ތަގުރީރުގައި ރާއްޖޭގެ އިގްތިސާދު ވަނީ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިކަން ފާހަގަ ކުރައްވާ އެ ދާއިރާގެ ކުރިއެރުމަށް ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމުގެ މުހިންމު ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެ އަންނަ 99 އިންސައްތަ ފަތުރުވެރިންނަކީ ވައިގެ މަގުން ރާއްޖެ އަންނަ ފަތުރުވެރިކަން ފާހަގަ ކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެެރިކަމަކަށް މިއަދު އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާއިން ރާއްޖެ ކުރަމުންދާ މަސައްކަތްތައްވެސް މިނިސްޓަރު ތަފްސީލް ކޮށްދެއްވިއެވެ.

ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިކާއޯގެ އަންމު ޖަލްސާގައި 193 ގައުމުގެ މިނިސްޓަރުންނާއި، ޖަމިއްޔާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

އާންމު ޖަލްސާގެ ހަވާސާގައި މިނިސްޓަރު ނަހުލާ ވަނީ އެކި ގައުމުތަކުގެ ޓްރާސްޕޯޓް މިނިސްޓަރުންނާ ބައްދަލު ކުރައްވާ މަޝްވަރާކުރައްވާފައެވެ.