ކުޅިވަރު

ދެގަޑިރަށްވުރެ އަވަހަށް ކިޕްޗޯޖް މެރަތޮންގެ ނިންމައިފި

ދެގަޑިރަށް ވުރެ އަވަހަށް 42.2 ކިލޯމީޓަރުގެ މެރަތޮން ފުރިހަމަކޮށް ދުނިޔޭގެ އޮލިމްޕިކް ޗެމްޕިއަން ކެންޔާގެ އެލިއުޑް ކިޕްޗޯޖް ދުނިޔޭގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ދެގަޑިއީރަށް ވުރެ އަވަހަށް 26.2 މޭލް (42.2 ކިލޯމީޓަރު) ރޭސް ނިންމިދާނެ ކަމަށް، މިއަދާ ހަމައަށް އިންސާނުން ގަބޫލެއް ނުކުރެ އެވެ. އެއީ ކުރެވޭނެ ކަމެއްކަންވެސް އަދި ވާނެ ކަމެއްކަންވެސް ދުނިޔެއަށް ގަބޫލު ނުކުރެވި އޮތް ސަބަބަކީވެސް މިއަދު މިކަން ހާސިލު ކުރި ކިޕްޗޯޖްއަށް ވެސް މީގެ ދެ އަހަރު ކުރިން އެކަން ހާސިލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައި ވުމުންނެވެ. ދެ އަހަރު ކުރިން 2017 ވަނަ އަހަރު އިޓަލީގެ މޮންޒާގައި ބޭއްވި ގުރޭންޑް ޕްރިކްސް ސާކިއުޓްގައި އޭނާ މި ކަން ހާސިލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ 25 ސިކުންތު ލަހުން ރޭސް ނިންމުމުންނެވެ.

މިއަދު އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ ޕާޓާ ހަޕްޓްއަލީ އެވިނިއުގައި ބޭއްވި މެރެތޮންގެ އިވެންޓް ކިޕްޗޯޖް މެރޮތޮން ނިންމީ 20 ސިކުންތު އަވަހަށެވެ. އޭނާ މެރަތޮން ފުރިހަމަ ކުރީ 1 ގަޑި 59 މިނެޓް 40 ސިކުންތުންނެވެ.

މިއަދުގެ ރޭސް ދުނިޔޭގެ ރެކޯޑް ފޮތަކަށް ރަސްމީކޮށް ނާރާނެ އެވެ. ސަބަބަކީ ވާދަވެރި ރޭހެއް ކަމުގައި ނުވުމެވެ. އަދި ކިޕްޗޯޖްގެ ފަރާތުންވެސް އިންޓަނޭޝަނަލް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުންވެސް އެ އިވެންޓް ރެޓިފައި ކުރުމަށް ރަސްމީކޮށް ދައުވަތު ފޮނުވާފައި ނުވެ އެވެ. ރަސްމީކޮށް ވޯލްޑް ރެކޯޑަކަށް ނުވިޔަސް މިއީ ދުނިޔޭގައި ހާސިލު ކުރެވޭނެ ކާމިޔާބެއްކަން ކިޕްޗޯޖް ސާބިތު ކޮށްދިފި އެވެ.

"މިއަދު ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހަކީ އަހަރެން،" އިވެންޓަށް ފަހު ކިޕްޗޯޖް ބުންޏެވެ. "މީގެއިން އަންގައިދީފި އިންސާނުންގެ ލިމިޓެއް ނެތްކަން."

ރޭހުގެ މެދެހާ ހިސާބަށް ދެވުނު އިރު، އަނާދާޒާ ކުރެވުނު މިންގަނޑަށްވުރެ 10 ސިކުންތު އަވަހަށް އޭނާ ރޭސް ނިންމާނެ ކަމަށް ބެލެވުނެވެ. އޭރު ޕޭސްޓައިމަކީ 2:50 ޕާ ކީލޯމީޓަރެވެ. ދެބައިކުޅަ އެއްބައި ފުރިހަމަ ކުރެވުނު ފަހުން އޭނާ ދުވުން މަޑުމަޑުން ލަސްކޮށްލި އެވެ. އެހެންނަމަވެސް 2:52 ށް ވުރެ ލަސް ވިޔަ ނުދީ ހިގެހެއްޓި އެވެ.

ޕޭސްމޭކާސްގެ ގޮތުގައި ކިޕްޗޯޖްއަށް އެހީވުމަށް 1500 މީޓަރުގެ އޮލިމްޕިކް ޗެމްޕިއަން ސެންޓްރޯވިޓްޒް އާއި އޮލިމްޕިކްގެ 5000 މީޓަރުން ރިހި މެޑަލް ހޯދި ޕޯލް ޗެލްމިއޯ ހަރަކާތްތެރިވި އެވެ.

ކިޕްޗޯޖް އޮފިޝަލް މެރަތޮން ރެކޯޑް ނިންމާފައި ވަނީ ޖަރުމަންގެ ބާލިންގައި 2018 ވަނަ އަހަރު 2 ގަޑި 1 މިނެޓް 39 ސިކުންތުންނެވެ.