ރާއްޖޭގެ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފައިވާ، އެމެރިކާގެ ދަ ބްލެކް ސްޓޯން ކުންފުނިން ރާއްޖޭގެ އިތުރު ރިސޯޓު ތަކެއް ގަންނަ ތައްޔާރު ވެއްޖެ އެވެ.
ރާއްޖޭގެ ތާރީހުގައި ކުރި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތްކޮށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބްލެކް ސްޓޯނުން އެ ގަނެފައިވަނީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށެވެ. އަދި އޭގެ ފަހުން އެ ކުންފުނިން ވަނީ ރާއްޖޭގެ މޫދު އަޑީގެ ގެ "މުރަކަ" ހެދި ކޮންޑްރެޑް މޯލްޑިވްސް ވެސް ގަނެފަ އެވެ. މި ރިސޯޓަކީ މަޝްހޫރު ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ރިސޯޓެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ފަހަރު ބްލެކް ސްޓޯން ކުންފުނިން ގަންނަން މަސައްކަތް ކުރަނީ އަނަންތާރާ ކުންފުނިން ރާއްޖޭގައި މެނޭޖުކުރާ ބައެއް ރަށް ތަކެވެ.
ބްލެކް ސްޓޯނުން ރާއްޖޭގެ އިތުރު ރިސޯޓު ތަކެއް ގަންނަން އުޅޭކަން އެނގިފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަންތާރާ ރިސޯޓް އެންޑް ސްޕާއިން ހިންގާ ކ. ދިގުފިނޮޅުގެ ލީސް އެގްރީމަންޓްގެ ދަށުން އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރަން އިއުލާނުކޮށްފަ އެވެ. މި ރަށުގެ އިތުރުން ކ. ވެލިގަނޑުހުރާ އާއި ކ. ބޮޑުހުރާ އަދި ކ. ކުޑަހުރާގެ (ނަލަދު) ލީސް އެގްރީމަންޓް ބަދަލު ކުރަން ވެސް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
ރިސޯޓު ތަކުގެ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރަނީ އެ ރިސޯޓު އެހެން ފަރާތަކަށް ވިއްކާލުމުން ނުވަތަ ވިއްކާލާށެވެ.
ރާއްޖޭގެ ރިސޯޓުތައް ވިއްކުމަކީ އާއްމުކޮށް ކުރާ ކަމެވެ. އެންމެ ފަހުން ވިއްކާލާފައިވަނީ ބ. އަތޮޅުގައި ހިންގަމުން ގެންދާ ފިނޮޅު މޯލްޑިވްސް ރިސޯޓް އެވެ. މި ރިސޯޓު ޖަރުމަނުގެ ސީސައިޑް ހޮޓެލްސް ކުންފުނިން ގެނެފައިވަނީ 90 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) އަށެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތައް ވިއްކައި ދިނުމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު ކޮންސަލްޓެންސީ ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ބުނެފައިވާ ގޮތުގައި މި މުއާމަލާތަކީ އެ ކުންފުނި މެދުވެރިކޮށް ޔޫރަޕުގެ ކުންފުންޏަކުން ދިވެހި ރިސޯޓެއް ގަތް ފުރަތަމަ ފަހަރު ކަމަށެވެ. އާއްމު ގޮތެއްގައި ރިސޯޓު ވިއްކާލަނީ ރިސޯޓު ތަރައްގީކޮށް އިންވެސްޓްމަންޓް ކަވަރުވުމުން، އިތުރު މަރާމާތުކޮށް އަގު މަތި ކުރުމަށްފަހު އެވެ. ރާއްޖޭގެ ރިސޯޓެއް ހަދާތާ ހަތް އަހަރާއި 10 އަހަރުން ރިސޯޓަށް ކުރި އިންވެސްޓްމަންޓް ކަވަރުގެ ފައިދާވާ ކަމަށްވެ އެވެ.