ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހަމްނާ އަހްމަދު އަދި ފިރިހެން ކެޓަގަރީގެ އެއްވަނަ މުހައްމަދު އާން ހުސައިން ހޯދައިފި އެވެ.
ފިރިހެން ކެޓަގަރީގެ އެއް ކިލޯމީޓަރުގެ ރޭސް އާން ނިންމާފައި ވަނީ 15 މިނެޓް 6 ސިކުންތުން ނެނެވެ. އެ ކެޓަގަރީން ދެ ވަނަ ހޯދީ 15:45 ން ރޭސް ނިންމި މުހައްމަދު ރިހާން ޝިހާމެވެ. ތިން ވަނަ ހޯދީ މުހައްމަދު ޖޫދު ފަޔާޒު އެވެ، އޭނާ ރޭސް ނިންމީ 15:58 ންނެވެ.
ފިރިހެން ކެޓަގަރީގެ ގަދަ ތިނެއްގައި ހިމެނުނު ފެތުންތެރިންނަކީ ވަރަށް ޒުވާން ފެތުންތެރިންނެވެ. ރޭހުން އެއް ވަނަ ހޯދި އާންގެ އުމުރަކީ 15 އަހަރެވެ. ދެ ވަނަ ހޯދި ރިހާން އަށް 12 އެވެ. ޖޫދު 14 އެވެ.
އަންހެން ކެޓަގަރީގެ އެއް ކިލޯމީޓަރުގެ ރޭސް އުމުރުން 16 އަހަރުގެ ހަމްނާ ނިންމީ 16:29 ންނެވެ. ދެ ވަނަ އަށް ރޭސް ނިންމީ ޖަރުމަންގެ ލަރިސާ އޮފެންސީ އެވެ. އޭނާ ރޭސް ނިންމީ 17:46 ންނެވެ. އަންހެން ކެޓަގަރީގެ ތިން ވަނަ ހޯދި އައިޝަތު ސައުޝަން ރޭސް ނިންމީ 17:47 ންނެވެ.
މުބާރާތުގެ ވަނަތަކަށް އައި ފެތުންތެރިންނަށް މެޑަލް ހަވާލު ކުރުމަށް އެހެން ރަސްމިއްޔާތެއް ބޭއްުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ކޮންމެ ބައިވެރިޔަކަށް ވެސް ދީފައިވަނީ ރޭސް ފުރިހަމަ ކުރި ކަމުގެ މެޑަލެވެ.
މި މުބާރާތް ބާއްވާފައި ވަނީ ރަސްފަންނުގެ ބޭރުން ކަނޑުގެ ސަރަހައްދުގަ އެވެ. ދިރާގާ ގުޅިގެން މި މުބާރާތް އިންތިޒާމު ކުރީ ސްވިމް މޯލްޑިވްސް އެވެ. އެއީ މިދިޔަ އަހަރު ފަހު ކޮޅު ކުރުނބާ ވިލެޖު ރިސޯޓުން ފަތާފައި މާލެ އައުމަށް އިވެންޓް ބޭއްވި ފަރާތްތަކުން އިސްވެ އުފައްދާފައިވާ ކުލަބެކެވެ.
ސްވިމް މޯލްޑިވްސްގެ އިސް މަސްއޫލުވެރިޔާ އަދި ގާނޫނީ ވަކީލު ހުސައިން ޝަމީމް، ވިދާޅުވީ ރާއްޖޭގައި ފެތުމުގެ ހުނަރު ހުރި އެތައްބައިވަރު ފެތުންތެރިންނެއް ތިބިކަން މިއަދު ބޭއްވި މުބާރާތުންވެސް ފާހަގަ ކުރެވުނު ކަމަށެވެ. އެ ފެތުންތެރިންގެ ޑިވަލަޕްމެންޓަށް މަސައްކަތް ކޮށްފިނަމަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ފެތުންތެރިން އެބަތިބިކަން އޭނާ ފާހަގަ ކުރި އެވެ.