ހަބަރު

ސުނިލް ޝެޓީގެ ޝުކުރު، ދިވެހި ބަހުން!

"މިޝަން ފިޓް މޯލްޑިވްސް" ގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ހަމަޖެއްސި ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ބުނެފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ ޕްރޮގްރާމުގައި ސުނިލް ޝެޓީ ބައިވެރިވާނެ ކަމަށެވެ. ވެލްނެސް އެމްބެސެޑަރުގެ ހައިސިއްޔަތުން ދުނިޔޭގެ އެންމެ ދުޅަ ހެޔޮ ގައުމަކަށް ރާއްޖެވާން ކުރާ މަސައްކަތުގައި އެހީތެެރިކަން ދޭނެ ކަމަށެވެ.

ސުނިލް ޝެޓީ ވަނީ ދިވެހި ބަހުން މިއަދު ޓްވީޓެއް ވެސް ކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ބުނެފައިވަނީ ކާމިޔާބު ގައުމަކަށް އެންމެ މުހިންމީ ދުޅަހެޔޮ ރައްޔިތެއް ކަމަށާ ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ގައުމު އަދި ހިތްހެޔޮ ރައްޔިތެއް އުޅޭ ގައުމެއް ކަމަށެވެ.

އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރުގެ ފޮޓޯއެއް ވެސް ޓްވީޓް ކޮށްފައެވެ.