އެކްޓަރު ލިއަނާޑޯ ޑިކެޕްރިއޯ އާއި ޑައިރެކްޓަރު މާޓިން ސްކޯސޭޒީ އަނެއްކާވެސް އެކުގައި މަސައްކަތެއް ކުރުމަށް ފޫގެޅި ޚަބަރެއް ފެތުރުމަކީ ޔަގީނަށް ވެސް ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.
އެއް އިރެއްގައި ހޮލީވުޑް އިންތިޒާރުކުރީ ސްކޯސޭޒީ އާއި އެކްޓަރު ރޮބަޓް ޑި ނީރޯގެ ފިލްމުތަކަށެވެ. ޑި ނީރޯއާ އެކު "ޓެކްސީ ޑްރައިވާ" އާއި "ރޭޖިން ބުލް" އަދި "ގުޑްފެލާސް" ފަދަ އާދަޔާހިލާފު ފިލްމުތަކެއް ގެނެސްދިނުމަށް ފަހު ސްކޯސޭޒީ މިފަހުން މިފަދަ މަސައްކަތްތަކެއް ކުރަމުން ދަނީ ޑިކެޕްރިއޯއާ އެކުގަ އެވެ.
މިހާތަނަށް ވަނީ ސްކޯސޭޒީގެ ބެލުމުގެ ދަށުން ލިއަނާޑޯ ޑިކެޕްރިއޯ ފަސް ފަހަރެއްގެ މަތިން ބޮޑު ސްކްރީނަށް ގެނެސްދީފަ އެވެ. ދެ މީހުން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ "ގޭންގްސް އޮފް ނިއު ޔޯކް" އެވެ. އެއީ 2002 ވަނަ އަހަރު އެވެ.
އެއަށް ފަހު އެންމެފަހުން ޑިކެޕްރިއޯ ހިމަނައިގެން ސްކޯސޭސީ ޑައިރެކްޓްކުރި ފިލްމަކީ 2013 ވަނަ އަހަރުގެ ބޮޑު ފިލްމެއް ކަމުގައިވާ "ދަ ވުލްފް އޮފް ވޯލް ސްޓްރީޓް" އެވެ.
މިހާރު އެ ވަނީ ދެ މީހުން އެކުގައި އަނެއްކާވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުން މަސައްކަތްކުރަމުން ދަނީ ސީރިއަލް ކިލާއެއްގެ ގޮތުގައި 1893 ވަނަ އަހަރު އެމެރިކާ ސިއްސުވާލި އެޗް އެޗް ހޯމްސްގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދިނުމަށެވެ.
ހޯމްސް އަކީ "ސީރިއަލް ކިލާސް" ގެ ގޮތުގައި ކުށްވެރިން ރިކޯޑްކުރެވެން ފެށި ތާރީޚުތަކަށް ބަލާއިރު އެންމެ ފުރަތަމަ މިފަދަ ޖަރީމާތަކެއް އެމެރިކާގައި ހިންގި ކަމަށް ރިކޯޑްކުރެވިފައިވާ ފަރާތެވެ.
އޭނާ މީހުން މަރަމުން ގެންދިޔައީ އެކަމަށް ހާއްސަކޮށްގެން ހެދި ހޮޓަލެއްގެ ތެރޭގަ އެވެ. އޭނާގެ މި އަނިޔާވެރިކަމާއި ޖަރީމާތަކުގެ ވާހަކަ ލިޔެކިޔުންތަކުން ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިން 2003 ވަނަ އަހަރުގެ ފޮތް "ދަ ޑެވިލް އިން ދަ ވައިޓް ސިޓީ" އަކީ ލިއަނާޑޯ އާއި ސްކޯސޭސީގެ ފިލްމުގެ އަސްލެވެ.
މި ފޮތުގެ ރައިޓްސް ޑިކެޕްރިއޯ ގަނެފައި ވަނީ 2010 ވަނަ އަހަރު އެވެ.
ބެލެވޭ ގޮތުގައި މި ފިލްމުގެ މަސައްކަތް މެކުހަށް ޖަހާނީ ޑިކެޕްރިއޯ މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމު "ދަ ރެވެނަންޓް" އަށް ފަހު އެވެ.