ޝްރައްދާ ކަޕޫރު

ސައިނާ ބައޮޕިކް ދޫކޮށްލީ "ސްޓްރީޓް ޑާންސާ" ކުޅެން: ޝްރައްދާ

"ސާހޯ" އާއި "ޗިޗޯރޭ" އަށް ލިބުނު ބޮޑު ކާމިޔާބާއެކު ޝްރައްދާ ކަޕޫރުގެ މަގްބޫލުކަން އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ. ޕްރަބާސް އާއެކު ކުޅުނު "ސާހޯ" އިން ޝްރައްދާ ރީޖަނަލް ސިނަމާއަށް ތައާރަފުވި އެވެ. އަދި "ޗިޗޯރޭ" ގެ ކާމިޔާބުން ހިންދީ ސިނަމާގައި އޭނާގެ ޕޮޒިޝަން ވަރުގަދަވި އެވެ. ދެ ފިލްމު ވެސް މަދު ދުވަސްކޮޅެއް ތެރޭ 100 ކްރޯޑަށް ވުރެ މަތިން ހޯދާ ސުޕަހިޓް ވެފައި ވެއެވެ.

ދާދިފަހުން އިންޑިއާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޝްރައްދާ ބުނީ އޭނަގެ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުމަކީ ސައިނާ ނެހެވާލް ބައޮޕިކް ނުކުޅެ ދޫކޮށްލުން ކަމަށެވެ. އެ ފިލްމަށްޓަކައި އަހަރެހާ ދުވަސް ވަންދެން ޝްރައްދާ ވަނީ ވަރަށް ވަރުގަދަ ޓްރޭނިން ތަކެއް ވެސް ހަދާފަ އެވެ.

އަދި ބައެއް މަންޒަރުތައް ޝޫޓް ވެސް ކުރި އެވެ. ނަމަވެސް ޑެންގީ ޖެހިގެން ގިނަ ދުވަސްތަކަކު ބަލި އެނދުގައި އޮތުމަށްފަހު ރަނގަޅުވެގެން ނުކުމެ ޝްރައްދާ ވަނީ ސައިނާ ބައޮޕިކް ނުކުޅެން ނިންމާ އެކަން އިއުލާން ކޮށްފަ އެވެ. އެއާއެކު އެ ފިލްމުގެ މަސައްކަތް ޕަރިނީތީ ޗޯޕްޅާ އަށް ލިބި އޭނާ އެ ފިލްމަށް ތައްޔާރުވާން ފެށި އެވެ.

"ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެގެން އަހަންނަށް ސައިނާ ބައޮޕިކް ކުޅެވޭގޮތެއް ނުވި. އަހަރެން އެ ފިލްމަށް ވަރަށް ގިނަ ތަމްރީނުތައް ވެސް ހެދިން. އަސްލުވީ ގޮތަކީ ރޭމޯ ޑިސޫޒާގެ "ސްޓްރީޓް ޑާންސާ" ކުޅުމުގެ ފުރުސަތު ކުއްލިއަކަށް ލިބުނީ. އަދި އަހަންނަށް ސައިނާ ބައޮޕިކް އާއި "ސްޓްރީޓް ޑާންސާ" ކުރެން ކޮންމެވެސް އެއް ފިލްމެއް ޚިޔާރު ކުރަން ޖެހުނީ. ރޭމޯ ސާ އަކަށް އަހަންނަކަށް ނޫނެކޭ ނުބުނެވޭނެ. އެއަށް ވުރެ އަހަރެން އޭނާއަށް މާ އިހްތިރާމްކުރަން. ނަމަވެސް ދެ ފިލްމުން އެއް ފިލްމު ޚިޔާރުކުރުން ވެސް ވީ އުނދަގޫ ނިންމުމަކަށް،" ޝްރައްދާ ބުންޏެވެ.

އެންމެ ފަހުން ޝްރައްދާ ނިންމީ ރޭމޯގެ ފިލްމައިގެން ކުރިޔަށް ގޮސް ސައިނާ ބައޮޕިކް ދޫކޮށްލާށެވެ. އެ ފިލްމު ޕަރިނީތީ ގަބޫލު ކުރިޔަސް ޝްރައްދާގެ ހިތުގައި ޕަރިނީތީ އަށް އެއްވެސް ޝަކުވާއެއް ނެތެވެ.

ޕަރިނީތީ އާއި ޝްރައްދާ އަކީ ދެ އެކުވެރިންނަށް ވާތީ އެ ފިލްމު ޕަރިނީތީ ކުޅޭ ގޮތަށް ހަމަޖެހުމުން ވަރަށް އުފާވި ކަމަށް ޝްރައްދާ ބުންޏެވެ. އަދި ފިލްމަށް ޕަރިނީތީ ވަރަށް ރަނގަޅަށް އިންސާފުކުރާނެކަމަށް ވެސް ޝްރައްދަ ޔަގީން ކުރެ އެވެ.
ޝްރައްދާގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާނީ ވަރުން ދަވަން އާއެކު ކުޅޭ "ސްޓްރީޓް ޑާންސާ" އެވެ. އަންނަ އަހަރުގެ ޖެނުއަރި މަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ދެން އޮތީ އޭނާ މިހާރު ކުޅެމުންދާ "ބާޣީ 3" އެވެ. ޓައިގާ ޝްރޮފް އާއެކު ޝްރައްދާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހު އެވެ.
މީގެ އިތުރުން "އިސްތުރީ" ގެ ދެ ވަނަ ބައިގެ މަސައްކަތް ވެސް ވަރަށް އަވަހަށް ޝްރައްދާ ފަށަން އުޅޭ ކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ.