ފޮރިން ސާވިސްގެ ބިލާ ބެހޭ ގޮތުން މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، އެ މިނިސްޓްރީގެ އިސްވެރިންނާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސާވިސްގެ ބިލާބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ބެހޭ ގޮތުން މިނިސްޓަރަށް ލަފާ އަރުވާފައިވާ ކަމަށެވެ.
ފޮރިން ސާވިސްގެ ގާނޫނެއް އެކުލަވާލައި، ދައުލަތުގެ ވަކި ސާވިސްގެ އެއްގެ ގޮތުގައި ފޮރިން ސާވިސް ބޭއްވުމުގެ ބޭނުމަކީ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއް ފަދައިން ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް އެކުލަވާލައި، އެ ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަދި ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖެގެ މިނިވަންކަމާއި، ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމް ކުރުން އިތުރު ކުރުމުގެ މަސައްކަތަށް، ވަކިން އުފެދިފައިވާ ފޮރިން ސާވިސްއެއް އޮތުމެވެ.
ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް އެކުލަވާލުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް 1990 ވަނަ އަހަރު ފެއްޓެވި މަސައްކަތްޕުޅެކެވެ. އަދި އޭގެ ފަހުން، އެކި ސަރުކާރުތަކުން އެކި ފަހަރުމަތިން ފޮރިން ސާވިސް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރި އެވެ.