ލައިފްސްޓައިލް

ގިނަ ދަރިން ހޯދީ އަންހެންކުއްޖެއްގެ ބޭނުމަކު ނޫން!

އިނގިރޭސި ވިލާތުގެ ދެމަފިރިއަކު އަންހެން ދަރިއެއް ލިބޭތޯ މަސައްކަތް ކުރަމުން ގޮސް 10 ފިރިހެން ދަރިން ޖައްސަޖައްސައިގެން ލިބުނު ފަހުން އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އެލެކްސް ބްރެޓް، 39، އެގާރަ ވަނަ ފަހަރު ބަލިވެ އިނދެ ސްކޭން ހަދަން ދިޔައިރު ވެސް އޭނާގެ ބަނޑުގައި މިފަހަރު ވެސް އޮތީ ފިރިހެން ކުއްޖެއް ކަމަށް ޔަގީން ކުރި އެވެ. އެހެންވެ ސްކޭން ޑޮކްޓަރު ކައިރީގައި އެ ސުވާލެއް ނުކުރެ އެވެ.
މިފަހަރު ލިބެނީ އަންހެންކުއްޖެއް ކަން އޭނާ އާއި ފިރިމީހާއަށް އެނގުނު ވަގުތު ދެ މީހުން އުފަލުން ގޮސް މޮޔަނުވީ ކިރިޔާ ކަމަށް އެލެކްސް ބުންޏެވެ.

"އަހަރެމެންގެ މުޅި އާއިލާ ވެސް މި ދަރިފުޅާ ހެދި ލޯބިން މަރުވަނީ. އެންމެން ވެސް ތިބީ ވަރަށް އުފަލުން،" އެލެކްސް ބުންޏެވެ.

އެލެކްސް ބުނި ގޮތުގައި ކޮންމެ ފަހަރަކު ތުއްތު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުން ގެއަށް އައުމުން ހުރިހާ ކުދިން ވެސް ވަރަށް އުފަލުން އެކުދިންގެ ކޮއްކޮއަށް މަރުހަބާ ކިޔަ އެވެ. މިފަހަރުގެ މަރުހަބާ ކިޔުން މާ ކުލަގަދަ ކަމަށާއި އަންހެން ކޮއްކޮއަކު ލިބުނީތީ އޭނާގެ 10 ދަރިންވެސް ތިބީ ވަރަށް އުފަލުން ކަމަށް ވެސް އެލެކްސް ބުންޏެވެ.

"ހުރިހާ ކުދިން ވެސް ތިބީ އެ ކުދިންނަށް ވެވުނު އެހީއެއް ފޯރުކޮށްދޭން ކެތް މަދުވެފައި. ރީތި ރީތި ހެދުންތައް ލައްވައިގެން ކޮއްކޮ ނަލަ ހައްދާ ހިތުން،" އެލެކްސް ކިޔައިދިނެވެ.

އެލެކްސް އާއި ފިރިމީހާ ޑޭވީގެ 11 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅަށް މިހާރު 17 އަހަރެވެ. ދެން ތިބީ 16 އަހަރުގެ ކުއްޖަކާއި 14 އަހަރު ކުއްޖަކާއި 11 އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖެކެވެ.

އަންހެންދަރިފުޅަށް އެލެކްސް މެން ކިޔާފައިވާ ނަމަކީ ކެމެރޮން އެވެ. އެލެކްސް ބުނީ އެ ނަމަކީ މާ ކުރިން ވެސް ކިޔަން ނިންމާފައި އޮތް ނަމެއް ކަމަށެވެ.

އެލެކްސް އަކީ ނަރުހެއްގެ ވަޒީފާގައި ކުރިން އުޅެފައިވާ އަދި މިހާރު ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އެލެކްސް ބުނީ އަންހެންދަރިއަކު ލިބުނީ އެކަމުގެ އުންމީދު މުޅިން ކަނޑާލައިގެން ހުއްޓާ ކަމަށެވެ.

އަންހެންދަރިއަކު ބޭނުންވީ ފިރިހެން ދަރިން ދެކެ އެލެކްސް ލޯބިނުވާތީ އެއް ނޫނެވެ. ހުސް ފިރިހެން ދަރިން ތިއްބަސް އޭނާގެ މައްސަލައެއް ނެތެވެ. ހުރިހާ ދަރިން ދެކެ ވެސް އޭނާ އިންތިހާއަށް ލޯބިވެ އެވެ.

"މައްސަލައަކީ އަންހެންކުއްޖެއް ނެތީމަ ގޭގައި އަހަރެން މާ ބޮޑަށް އެކަނި ވަނީ. އެހެންވެ އަހަންނާ ބައިވެރިވާނެ އަންހެންކުއްޖަކު ހޯދާހިތްވީ. މިހާރު ދެން ގޭގައި އަހަރެން އެކަންޏެއް ނުވާނެތާ،" އެލެކްސް ބުންޏެވެ.

އަންހެން ދަރިފުޅުގެ އިސްތަށިގަނޑު ގެތުމާއި ރީތިކޮށް ހެދުން ލެއްވުން ފަދަ ކަންތައްތަކަކީ އެލެކްސް އަށް ވަރަށް އާ ތަޖުރިބާ އެކެވެ. އެހެންވެ މި ކަންތައްތައް ކުރުން އޭނާއަށް ވަނީ ވަރަށް އުފާވާ އަދި މަޖާ ކަމަކަށެވެ.

މިހާ ބޮޑު އާއިލާއެއްގެ ޚަރަދުތައް ވަރަށް ބޮޑުވާނެތީ އެލެކްސް ގަސްތުކުރަނީ އެނބުރި ވަޒީފާއަށް ނުކުންނާށެ އެވެ. އޭނާގެ ފިރިމީހާ އަކީ ތަމްރީނުވެފައިވާ ޑްރައިވަރެއް ނަމަވެސް ޕާކިންސަން ޑިޒީޒްގެ މައްސަލަ ކުޑަކޮށް ހުރެ އެވެ. އެހެންވެ ފިރިމީހާ އެކަނި މަސައްކަތް ކޮށްގެން މިހާރު ވާން ނެތީ ކަމަށް އެލެކްސް ބުންޏެވެ.

އިތުރު ކުއްޖެއް ހޯދާކަށް އެލެކްސް ދެން ޚިޔާލެއް ނުކުރެ އެވެ. އޭނާ ބުނީ މިހާރު 40 އަހަރު ވަނީ ކަމަށާއި އެހެންވެ ދެން ވިހެއުން ހުއްޓާލަން ނިންމީ ކަމަށެވެ.

"ގިނަ މީހުން ހީކުރަނީ އަހަރެމެން މިހާ ގިނަ ދަރިން ހޯދީ އަންހެންކުއްޖަކު ނުލިބޭތީއޭ. އެހެނެއް ނޫން. އަހަރެމެން ގިނަ ދަރިން ހޯދަން ބޭނުންވެގެން މިހާ ގިނަ ކުދިން ހޯދީ،" އެލެކްސް ބުންޏެވެ.