އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ބޯޕާލްގައި މިހާރު ބާއްވާ ބައެއް ކައިވެނިގެ ހަފުލާތަކުގައި އޮންނަ އެންމެ މުހިއްމު އެއް ކަމަކީ ފާޚާނާ ތެރޭގައި ސެލްފީ ނެގުމެވެ. މިކަން މިގޮތަށް ކުރާ މީހުންގެ މޮޓޯއަކީ "ފާޚާނާގައި ފޮޓޯ ނުނަގާނަމަ ކައިވެންޏެއް ނޯންނާނެ" އެވެ.
މިއީ ކައިވެންޏަށް ޚަރަދުކުރާ ވަރަށް ފައިސަ ނެތް މީހުންނަށް ސަރުކާރު ސްކީމެއްގެ ދަށުން ކައިވެނި ކޮށްދޭއިރު ކުރާ ކަމެކެވެ. ކައިވެނީގެ އެއް ރަސްމިއްޔާތު ކަމަށް ހަދައި ފާޚާނާގައި ސެލްފީ ނަގާފައި ކައިވެނި ކުރާ އަންހެންމީހާ އަށް 51،000 ރުޕީސް ވެސް ލިބެ އެވެ.
މިގޮތަށް ސެލްފީ ނަގަނީ ކައިވެނި ކުރާ ފިރިހެންމީހާގެ ގޭގައި ފާޚާނާ ހުރިކަން ކައިވެނިކުރާ އަންހެންމީހާ ލައްވާ ސާބިތު ކުރުވުމުގެ ގޮތުންނެވެ. އެހެންވެ ކައިވެނި ކުރާ ފިރިހެންމީހާ އޭނާގެ ގޭގެ ފާޚާނާ ތެރޭގައި ހުރެ ސެލްފީ ނެގުން މިހާރު ވަނީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ހަދާފަ އެވެ. މިއީ ކޮންމެ ގެއެއްގައި ފާޚާނާ ހުރިކަން ޔަގީންކުރަން ކުރާ ކަމެކެވެ.
މިގޮތަށް ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވައިދާ ޖަމިއްޔާއަކުން ބުނީ ކައިވެނީގެ ޚަރަދުތައް އަމިއްލައަށް ނޫފުލޭ މީހުން ކައިވެނި ކުރަން ބޭނުންވުމުން އެޕްލިކޭޝަން ހުށަހަޅާއިރު ފާޚާނާ ތެރޭގައި ނަގާފައިވާ ސެލްފީ އެއް ވެސް ހުށަހަޅަންޖެހޭ ކަމަށެވެ. މިގޮތަށް ސެލްފީ ހުށަނާޅާ މީހުންނަކަށް މި ސްކީމްގެ ދަށުން ކައިވެންޏެއް ނުކުރެވޭނެ އެވެ.
މިގޮތަށް އެތައް ބައެއްގެ ކައިވެނި އެއްފަހަރާ ކުރިއިރު އެ މީހުންގެ ތެރޭގައި ހިމެނިގެން ކައިވެނިކުރި މުހައްމަދު ޔޫސުފް ކިޔާ މީހަކު ބުނީ އޭނާ ކައިވެނި ކުރަން އެޕްލިކޭޝަން ހުށަހެޅުމުން ފާޚާނާގައި ނަގާފައިވާ ސެލްފީއެއް ގެންދަން އެންގި އެވެ. އަދި އޭނާ ސެލްފީ ގެންދަން އިންކާރު ކުރުމުން ކައިވެނި ކޮށް ނުދެވޭނެ ކަމަށް ބުންޏެވެ.
ހަމަ މި ފަހަރު ކައިވެނި ކުރި އެހެން ފިރިހެނެއް ކަމަށްވާ މުހައްމަދު ސައްދާމް ބުނީ މިގޮތަށް ފާޚާނާގައި ސެލްފީ ނެގުމަށްވުރެ ކޮންމެ މީހެއްގެ ގެޔަށް ސަރުކާރު އޮފިޝަލުން ގޮސް ޗެކް ކުރުން މާ ރަނގަޅު ކަމަށެވެ. އޭރުން އެ ގެއެއްގައި ފާޚާނާ އެއް ރާނާފައިވާކަން ޔަގީން ވާނެ ކަމަށެވެ.
ނަމަވެސް އެ ސެލްފީ އެއް ނަގާފައިވަނީ އެ މީހާގެ ގޭގައި ހުރެގެން ކަން ޔަގީން ކުރެވޭނީ ކާކަށް ހެއްޔެވެ؟
މިފަދަ ރަސްމިއްޔާތެއްގައި އަލަތު ކައިވެނިކުރި ސޯފިއާ ނަމަކަށް ކިޔާ އަންހެނަކު ބުނީ މިގޮތަށް ފާޚާނާގައި ސެލްފީ ނެގުން މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އޭރުން ގޭގައި ފާޚާނާ ހުރި ކަން ޔަގީން ކުރެވޭނެ ކަމަށެވެ.