ކުޅިވަރު

ގައުމީ ޓީމަށް ގިނަ މެޗުކުޅެ ރާމޯސް ތާރީހުގެ ތެރެއަށް

އައުޓްފީލްޑް ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ހަދައިފި އެވެ.

އައުޓްފީލްޑަކީ ގޯލް ކީޕަރު ފިޔަވައި އެހެން މަގާމުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ރޭ ނޯވޭ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު ކޮލިފިކޭޝަން މެޗުގައި ކުޅެ ރާމޯސް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 168 މެޗު ކުޅެފަ އެވެ. އެ އަދަދާއެކު އޭނާ ވަނީ ލެޓްވިއާގެ ފުޓްބޯޅަ ލެޖެންޑް ވިޓާލީސް އާސްޓަފްޔެސް ފަހަތަށް ޖައްސާލާފަ އެވެ. އަދި ރޭގެ މެޗާއެކު ރާމޯސް ވެފައި ވަނީ ސްޕެއިންއަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮންނަނީ ސްޕެއިންގެ ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިއަސް އަތުގަ އެވެ.

ޔޫރަޕްގައި އެންމެ ގިނަ މެޗު ކުޅުނު ރެކޯޑް އޮންނަނީ އިޓަލީގެ ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އަތުގަ އެވެ. އޭނާ ވަނީ އިޓަލީގެ ޓީމަށް 176 މެޗު ކުޅެފަ އެވެ. ދުނިޔޭގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް 1995 ން 2012 އަށް މިސްރުގެ ގައުމީ ޓީމަށް ކުޅުނު އަހްމަދު ހަސަން އަތުގަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 184 މެޗު ކުޅެފަ އެވެ.

ޔޫރޯ 2008 އަކާއި 2010 ގެ ވޯލްޑް ކަޕް އަދި 2012 ގެ ޔޫރޯ ކާމިޔާބު ކުރި ސްޕެއިންގެ ރަން ޖީލުގެ ގޮތުގައި ފާހަގަ ކުރެވޭ ޖީލްގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް މިހާރު ކުޅެމުން އަންނަނީ ރާމޯސް އެކަންޏެވެ.

ރެއާލް މެޑްރިޑްގެ މިހާރުގެ ކެޕްޓަން ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރު މާޗް މަހު ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އުމުރުން 18 އަހަރާއި 361 ދުވަހުގައި ގައުމީ ޓީމަށް ކުޅުނު ރާމޯސްއަކީ އޭގެ ކުރީގެ 55 އަހަރު ތެރޭ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ރޭގެ މެޗަށް ފަހު ރާމޯސް ބުނީ، ޕާސަނަލް ރެކޯޑަކީ ދެ ވަނަ ކަމެއްގެ ގޮތުގައި އޭނާ ބަލާ ކަންތައް ކަމަށެވެ. އެ ރެކޯޑް މޮޅަކުން ހާސިލު ކުރެވުނު ނަމަ އޭނާ ވަރަށް ބޮޑަށް އުފާވީސް ކަމަށް ޑިފެންޑަރު ބުންޏެވެ.