ހަބަރު

"އިސްލާމް ދީނަށް ކުރާ ފުރައްސާރަ ދިފާއު ކުރަނީ އެހެން ދީންތަކަށް ޖާގަދޭން"

އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލަން ތަރުހީބު ނުދޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބުނުމުން، އެ ޕާޓީއަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް އެމްޑީޕީން ބުނެފައި މިވަނީ އިސްލާމް ދީނަށާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައެޅުން މުސްލިމުންނާއި ގުޅުވައި “ޓޮލަރަންސް" އެއީ "ތަހުޒީބު" ފަލްސަފާއެއްކަން ކިޔައި ދިނުމަށްފަހު، ހަމަ އެ ނޭވާގައި މުސްލިމުންނަށް ފުރައްސާރަ ކުރާ ލިޔުންތައް ދިފާއު ކުރަނީ މަކަރުވެރިކަމާއެކު އެހެން ދީންތަކަށް ރާއްޖެއިން ޖާގަ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ އަދި ވިދާޅުވީ "އެމްޑީއެން އުވާލަންޖެހޭ،" ކަމަށެވެ.

އިއްޔެ އެމްޑީޕީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމާއި ފުރައްސާރަ ކުރުމަށް ހިންގާ ކަންކަން ކުށްވެރި ކުރުމާއެކު ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ.

"... ހަމަ އެއާއެކު، މި ޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަން. އަދި ހަމަ ކޮންމެ މީހަކާ މެދުވެސް ގާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރެވުން. ގާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާއާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުން." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނާ ގުޅިގެން، ބައެއް ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ވެސް ދަނީ ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.