ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(10 އޮކްޓޯބަރ 2019 އާ ގުޅޭ)

އޭނާ ހޯދަން ކުއްޖަކު އައިސް އެބަހުއްޓޭ ބުންޏެވެ. އެހެންވެ ވޭޕު އަތުލުމެއް ނެތި އޭނާ ޖޯލިން ތެދުވެގެން ސްޓޭޝަންގެ މައި ދޮރާ ދިމާއަށް ނުކުތެވެ. ތިރުފާރުބުރީން ދޮރު ކަނޑާފައި ހުރި ދިމާގައި ނިވާވެލައިގެން ހުރެފައި ނުކުތްތަން ފެނުނީ އަލްމާއެވެ.

ފިޔަވަޅު މަޑުޖައްސާލުމާއެކު ލިއަމްގެ ނަޒަރު ވަގުތުން ހޯދާލީ އޭނާގެ ފަހަތުން ސްޓޭޝަންއާ ދިމާއެވެ. ފެންނަ ހިސާބުގައި މީހަކު ހުރިތޯ އެވެ. އެއާއެކު ނިކަން ހަލުވިކޮށް ދޮރުން ބޭރަށް ދެމިގަނެއްޖެއެވެ. އޭނާއަކީ އިސްކޮޅުން ދިގު މީހަކަށްވާތީ ފާރާ ނިވާނުވެވުނަސް އޭނާގެ ކުރިމަތީ ހުރި އަލްމާ ހުންނަނީ ފޮރުވިފައިކަން ލިއަމްއަށް ޔަގީންވެއެވެ. އޭނާގެ ގަސްދަކީ އެއީ ކަންނޭނގެއެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟" ކިތަންމެ މަޑުން ބުންޏަސް ލިއަމްގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ.

"އިތުރު ގޮތެއް އެބައޮތްތަ؟... އަހަރެން މެސެޖެއް ކުރިޔަސް ޖަވާބެއް ދެނީއެއްނޫން، ދެން ޖެހޭނީ ހުރިތަނެއް ހޯދައިގެން އަންނާކަށްނު" އަލްމާ ބުންޏެވެ.

"ކަލޭ ޖެއްސި ސްޓަންޓު ހަނދާން ނެތުނީތަ؟" ލިއަމް ފޫހިކަމާއެކު ބުނެލިއެވެ.

"އަހަރެން ލިއަމްއާ ދައްކަން ބޭނުންވާ ވާހަކައެބަހުއްޓޭ... ތި ޒެއްލުއެއް އައިފަހުން ލިއަމް އެ ފުރުޞަތު އަހަންނަށް ނުދޭތީ ދޯ މިހެން އުޅެން މިޖެހެނީ" އަލްމާ ބުންޏެވެ. އެހިނދު ލިއަމްއަށް ދަތްކުނޑިވިކާލެވުނެވެ.

"ޒެއްލުއަކީ މަގޭ އަނބިމީހާއޭ، އޭނާއޭ ކިޔައިގެން ކަލޭ ވާހަކަނުދައްކާތި.... ކަލޭ މިތަނަށް އައިސް ހުރިކަން ރައްޒާގަށް އެނގޭތަ؟" ނުކިއްސަރު ބެލުމަކުން އަލްމާއަށް ނިކަން އަވަހަށް ބަލާލުމަށްފަހު އަނެއްކާ ވެސް ލިއަމް ވަށައިގެން ނަޒަރު ހިންގާލިއެވެ.

"ލިއަމް ޕްލީޒް... އަހަންނާ ބައްދަލުކުރާނަމޭ ބުނެބަލަ" އަލްމާ ކުރިއަށް ޖެހިލައި ލިއަމްގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ހުސިޔާރުވެ ހުރި ލިއަމް ނިކަން އަވަހަށް ފަހަތަށް ޖެހިލަމުން އަތް ދުރަށް ލިއެވެ. އޭނާގެ އެ ހަރަކާތުން އަލްމާގެ މޫނުން މާޔޫސްކަން ފާޅުވިއެވެ.

"ހޫން!... ފަހުން ގުޅާނަން... ދެން ދޭ" އަލްމާ ފޮނުވާލުމުގެ ގަސްދުގައި ލިއަމް ބުންޏެވެ.

"ނުގުޅާނަން ދޯ... އަހަރެން ފޮނުވާލަންވެގެންތަ ތިހެން ތިބުނީ" އަލްމާއަށް ލިއަމްގެ ގަސްދު އެނގުން ކަހަލައެވެ.

"މިތާކުނޫން ވާހަކަދައްކާނީ... މިބުނީނު ގުޅާނަމޭ... ދެން ދޭބަލަ މިތަނުން" ލިއަމް ބުންޏެވެ.

"ޝިޔާނު އަންނައިރު އޭނާއާއެކު އަންނައްޗޭ" އަލްމާ ބުންޏެވެ.

"އާން ފަހުން...ދެން ދޭ" ކަންފަސޭހަކޮށްލުމުގެ ގޮތުން ލިއަމް ބުނެލިއެވެ. އިރުކޮޅަކު ލިއަމްގެ މޫނަށް ބަލަން އަލްމާ ހުއްޓެވެ. ލިއަމް ޗަސްޖަހާލުމާއެކު ހިނގައިގަންނަން އުޅުނެވެ.

"އޯކޭ މިދަނީއޭ... ގުޅައްޗޭ..." އަލްމާ ބުންޏެވެ. އަދި އޭނާ މަގުގެ އަނެއް ފަރާތުގައި ބަހައްޓާފައި ހުރި ބައިސްކަލަކަށް ގޮސް އެރިއެވެ. ލިއަމް އިތުރަށް އެންމެ ސިކުންތެއް ވެސް މަޑެއްނުކުރިއެވެ. ހަލުވި ފިޔަވަޅުގައި ސްޓޭޝަންގެ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ހޭޒަލްއަށް މާލެ ދެވޭނެހާ އިރުން ލިއަމް ގުޅީ ޒައިދަންއަށެވެ. އޭނާ ހުރީ ވައިގެބަނދަރުގެ ތެރޭ ހޭޒަލް ނުކުންނާނޭ އިރަކަށް މަޑުކޮށްލައިގެންނެވެ. ހޭޒަލް އަންނަންދެން ޒައިދަންއާ ވާހަކަދައްކަން ލިއަމް މަޑުކުރިއެވެ. އެހެން ހުއްޓާ ހޭޒަލް ނުކުމެގެން އަންނަކަމުގެ ޚަބަރު ޒައިދަން ދީފިއެވެ. ހޭޒަލްގެ އަޑު އަހާލުމަށް ލިއަމް ބޭނުންވިއެވެ. އެހެންވެ ޒައިދަން ގާތު ފޯނު ހޭޒަލްއަށް ދިނުމަށް ބުންޏެވެ. ނަމަވެސް ހޭޒަލް މާގިނަ ވާހަކައެއް ނުދެއްކިއެވެ. މާލެ އާދެވިއްޖެކަމަށް ބުނެ ޒައިދަން އަތަށް ފޯނު ދީފިއެވެ. މާޔޫސްވީ ނަމަވެސް އެކަން ލިއަމް ހިންދާލީއެވެ. ހޭޒަލްއާ ދިމާއަށް އެއްޗެކޭ ބުނުމުގެ ހައްޤެއްނެތޭ އަމިއްލަ ނަފްސަށް ވިސްނޭތީއެވެ. ޒައިދަން ގާތު ހޭޒަލް ގޮވައިގެން ގޮސް އޭނާއަށް ފޯނެއް ގަނެދިނުމަށް ލިއަމް ބުންޏެވެ. ކޮންމެ ގޮތަކުން ވިޔަސް ހޭޒަލްއާ ގުޅޭނޭ ގޮތެއް ހަދައިދިނުމަށް އެދުނެވެ. ލިއަމްގެ ވާހަކަ ހުރި ގޮތުން ޒައިދަން ސުވާލު ކުރިއެވެ. އެއާއެކު ލިއަމް ވާހަކައެއް ހަދާލީއެވެ. ފޯނު ހަލާކުވުމާއި ލިއަމްއާ ވަކިން ދާން ޖެހުމުން ހޭޒަލްގެ ޠަބީޢަތް ގޯސްވީކަމުގައެވެ. ހޭޒަލް ބެހެއްޓިނަމައޭ ޒައިދަންއަށް ބުނެލެވުނެވެ. އެހެންނަމަވެސް ބަހަނާއެއްކަމުގައި ލިއަމް ދެއްކީ އޭނާގެ އޮފީހުގެ މަސައްކަތެވެ. ޓާމް ހަމަވަން އެހާ ކައިރިވެފައިވީއިރު ނިންމަންޖެހޭ އެތައްކަމެއް ނުނިންމި އެބަހުރިކަމުގައި ލިއަމް ބުންޏެވެ. ހޭޒަލް ހުރުމުން އޭނާއަށް ވެސް މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވަނީކަން ހާމަކުރިއެވެ. ހޭޒަލް ފޮނުވާލީ އެހެންވެކަމާއި ދެތިންދުވަހުގެ ތެރޭ ލިއަމް މާލެ އަންނާނަންކަމަށް ޒައިދަން ގާތު ބުންޏެވެ. ލިއަމްއަށް މާލެ ދެވެންދެން ހޭޒަލްގެ ހާލު ބަލާލަދިނުމަށް ޒައިދަންގެ ގާތުން އެދުނެވެ.

ރޭގަނޑު ހަތްގަޑި ބައިކަން ހާއިރު މެސް ރޫމުގައި ކާން އިން ލިއަމްގެ ފޯނަށް މެސެޖެއް އައި އަޑާއެކު ވެސް އެއީ ކާކުކަން ލިއަމްއަށް އެނގުނެވެ. ވަގުތުން ޖީންސުގެ ޖީބުގައި އޮތް ފޯނު ނަގައި ބަލާލިއެވެ. މިހާރު ގުޅޭނޭ ކިޔާ ހޭޒަލް މެސެޖްކޮށްފައި އޮތެވެ. ލުއި ހިނިތުންވުމެއް ލިއަމްގެ ތުންފަތުން ފާޅުވެލިއެވެ. އޭނާ މިވަގުތު މީނީ ކާންކަމުގައި ބުނެ ހޭޒަލްއަށް މެސެޖުކޮށްލިއެވެ. އަދި މޭޒުދޮށުގައި ކާން އިންކަމުގެ ހެއްކެއްގެ ގޮތުން ފޮޓޯއެއް ނަގައި އެވެސް ހޭޒަލްއަށް ފޮނުވިއެވެ. އެއަށްފަހު އޭނާ ކައިނިމިގެން ގުޅާނަން ކަމުގައި ބުންޏެވެ.

ލިއަމް މެސެޖު ކުރި ފަދައިން އޭނާ ކައި ނިންމާ ސްޓޭޝަންގެ ބިއްދޮށުގައި ހުންނަ ޖޯލި ފައްޗަށް ނުކުމެ ހަމަޖެހިލުމާއެކު ހޭޒަލްއަށް ގުޅިއެވެ. ދެތިން ފަހަރު ގުޅިފަހުން ހޭޒަލް ފޯނުކޯލު ނަގައިފިއެވެ. އޭނާ ހޭޒަލްއާ ވާހަކަދައްކަން އެގޮތަށް އޮވެވުނީ ކިހާ އިރަކުކަމެއް ވެސް ނޭނގެއެވެ. ގަތީ ކޮންކަހަލަ ފޯނެއްތޯ ލިއަމް އެހުމުން ހޭޒަލް ބުނީ އޭނާގެ ކުރީގެ ފޯނު ބޭނުންކުރަނީ ކަމަށެވެ. މިވަގުތު އައު ފޯނެއް ބޭނުންނޫންކަމަށެވެ. ނަމަވެސް ލިއަމްއަށް އެގޮތް ކަމަކު ނުދިޔައެވެ. އެހެންވެ އޭނާ ގަސްދުކުރީ މާލެ ދެވުނީމަ ހޭޒަލްއަށް ހަދިޔާއެއްގޮތުގަ އައު ފޯނެއް ދޭށެވެ. ފަހަރެއްގައި ހަދިޔާއަކުން ހޭޒަލް ހަމައަކަށް އެޅިދާނޭ ލިއަމްއަށް ވިސްނުނީއެވެ.

އެރޭ ނުވައެއް ޖެހިފަހުން ލިއަމްއަށް ޝިޔާނު ގުޅައިފިއެވެ. ކޮބާތޯ އެރޭގެ ޕްލޭނަކީ އޭނާ އެއްސެވެ. ނަމަވެސް ބޭރަށް ނުކުންނަ ޚިޔާލެއް ލިއަމް ނުކުރިއެވެ. ކަމެއްގައި ތާށިވެފައި ހުރީކަމުގައި ބުނެ އުޒުރުވެރިވިއެވެ. ޝިޔާނަށް އެކަންވީ ވަރަށް ބޮޑު ހައިރާންކަމަކަށެވެ. އޭނާ ސުވާލު ކުރުނުކޮށް ވީގޮތެއް އޮޅުންފިލުވަން ފެށުމުން އަލްމާގެ ނަން ލިއަމް ބުންޏެވެ. އޭނާގެ ކަންތައް މާމައްޗަށް ހިނގައްޖެކަމަށް ބުންޏެވެ. ޝިޔާނު ބުނީ އޭނާ ޔުސްރާ ގާތަށް ގޮސް ޚަބަރުދަބަރު އޮޅުންފިލުވާލާނަން ކަމަށެވެ. އަދި ތަންކޮޅެއް ފަސްކޮށްފަ އެ ދެ މީހުން އެކަނި ކޮފީއަކަށް އަރަން ގުޅާނަންކަމަށެވެ. ލިއަމް އެކަމާ އެއްބަސްވިއެވެ.

ރޭގަނޑު ދިހައެއްގެ ފަހުން އަލްމާގެ ކޯލުތައް އަންނަންފެށިއެވެ. ފަންސަވީހަކަށްފަހަރު އޭނާ ގުޅުމަށްފަހު ދެން ފެށީ މެސެޖުކުރާށެވެ. ހަނދާންވަނީކަމުގައި ބުނެ އޭނާއަށް އެހެން ނުހެދުމަށް އެދި އާދޭސްކޮށް މެސެޖު ފޮނުވިއެވެ. ނަމަވެސް ލިއަމް އަޅައެއްނުލިއެވެ. ސައިލެންޓުގައި އޮތް ފޯނު އިރުއިރުކޮޅުން ވައިބްރޭޓްވެލައެވެ. ލިއަމް އޮތީ އޭނާގެ އެނދުގައި ޖައްސާލައިގެންނެވެ. ފޯނުގައި ހުރި ފޮޓޯތަކަށް ބަލަން ލިއަމް އޮތެވެ. އެއީ އަލްމާގެ ފޮޓޯތަކެކެވެ. މިފަދަ ދުވަހެއް އަތުވެދާނެތީ އޭނާ ނަގާފައި ހުރި ފޮޓޯތަކެކެވެ. މަސްތުގެ ކަނޑަކަށް ޣަރަޤުވަމުންދިޔާ އަލްމާ އެއްފަހަރު ވެސް ލިއަމްއަށް މަނައެއްނުކުރެއެވެ. އެހާ ބޮޑު ހިތްވަރެއް ލިއަމްއަށް ލިބުނީ އެހެންވެއެވެ. އަލްމާއަކީ އިސްނަގަން ކެރޭ އަންހެނަކަށްވީމައެވެ. އޭނާ ހޭހަންކުރަން ލިއަމް ހުންނާނޭކަމަށް ހީކުރުމަކީ އަލްމާއަށް ހެދުނު ގޯހެކެވެ. ލިއަމްގެ ހިތުގައި އަލްމާއާމެދު އެއްވެސް ޖަޒުބާތެއްނެތެވެ. އޭނާއަކީ ފޫހިފިލުވާލައި މަޖާކޮށްލަން އިއްޔެއް މެންދުރު ހަޔާތަށް އައި ވަގުތީ ބައިވެރިއެކެވެ. ވަޢުދާ އަޙުދުތަކެއް އެއްވެސް އިރަކު ލިއަމް ކޮށްފައެއްނުވާނެއެވެ. އޭނާގެ އަނތްބެއް ނެތޭ ދުވަހަކުވެސް ބުނެފައެއްނެތެވެ. އަނބިމީހާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުނޫނޭ ބުނެ އެފަދަ ބަހަނާއެއް ވެސް ލިއަމް ދައްކާފައެއްނުވެއެވެ. އޭގެ އިތުރުން އަލްމާ ބޭނުންވެގެން އޭނާއަށް އިޝާރާތެއްކުރީ ވެސް ލިއަމްއެއް ނޫނެވެ. ލިއަމްގެ ކުރިމަތީ އަލްމާއަކީ އެއްވެސް އަގެއްނެތް އަންހެނެކެވެ. ފިރިހެނަކަށް ހުރިހާ އެއްޗެއް ވެދުންކުރާއިރު އޭގެ ހައްޤުވެރިއަކު ހުރިކަމެއް ނުދަން އަންހެނަކަށް ލިއަމް ކުރާނެ ޤަދަރެއްނެތެވެ. މިފަދަ ޚިޔާލުތަކެއްގަ އޮއްވާ ޝިޔާނު ގުޅައިފިއެވެ. އޭރު އެގާރަޖަހައިފިއެވެ. ލިއަމް އެނދުން ތެދުވެ އޭނާގެ ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލިއެވެ. އަދި ހޭވިފައި ހުރި އިސްތަށިގަނޑު އަތުން ރީތިކުރަމުން ސްޓޭޝަންއިން ނުކުންނަން އައެވެ.

ޝިޔާނާއެކު އައިސް ލިއަމް އެރީ ކޮފީއަކަށެވެ. އެ ކެފޭއަކީ ޝިޔާނުގެ ގާތްމީހަކު ހިންގާތަނެއްވީމަ އެމީހުން އަންނަންވީއިރު ރަނގަޅު ހިސާބަކުން މޭޒެއް ހުސްކޮށްދީފައި ހުއްޓެވެ. މޭޒުދޮށުގައި އިށީން ގޮތަކަށް ޝިޔާނު ޖަހާނީ ހިނިގަނޑެކެވެ. ހީވީ ލިއަމްއާ ދިމާކޮށްލީ ހެންނެވެ.

"ބޯދަމައިނުގަނެވިގެން ދޯ ތިއުޅެނީ... އެހެންނޭވާނީ، މަބުނިން ދޯ އޭރު ވެސް ތިކަންނުކޮށް އެހެންކަމަކާ އުޅޭށޭ" ޝިޔާނު ބުންޏެވެ.

"އޭނަ ވެސް މެރީޑް ދޯ... އަހަރެން ހީކުރީ އިޓް ވޯޒް ޖަސްޓް ފޯ ފަންކަމަށް، އަހަރެން މިއުޅެނީ ސީރިއަސް ރިލޭޝަންޝިޕެއް ހޯދާކަށްނޫންވިއްޔަ، ބައްޔެއް ހުވާ!... ޒެއްލު އަދިވެސް ކަޓާފަ ހުރީ، ފޯނުވެސް އެދުވަހު ފުނޑާލާފަ ދިޔައީ... އެހާ ރުޅިއައިސްފަ ހުއްޓާ މަށެއް ނުދެކެން ދުވަހަކުވެސް... މީ އެ އަންހެނާގެ ކަންތައް" ލިއަމްއަށް މޭޒުގައި އުޅަންބޮށި ވިއްދާލެވުމާއެކު ދެއަތުގެ ތެރޭ މޫނު ފޮރުވާލެވުނެވެ.

"ކަލޭ ވެއްޖެވިއްޔާ ޒެއްލުގެ ކުރީ ކޮޓަރިއަށް ވަންނަން... ކީއްތަ ކުރީ އަސްލު" ޝިޔާނު އެއްސެވެ.

"އެ ދުވަހުނުވޭ އެއްކަމެއްވެސް، އޭނާ ހުރީ އަހަރެން ކަމެއްކުރޭތޯ... ދެފަހަރަކު މަށާ ދިމާއަށް ވެސް އައި، ކޮށްޕާލީމަ ގުޅައަކަށް ޖެހިފައި ފުންމައިގެން ތެދުވިގޮތަށް ދޮރުގައި ބޯޖައްސައިގެން ހުރެ ފާޑަކަށް ހޭންފެށީ، ދޮރުހުޅުވާށޭ ބުނީމަ އޭނާ ބޭނުންވީ އެހެންކަމެއް، އެކަން ކޮށްދިނީމަ ހުޅުވާނަމޭ ބުނީ... ދުރަށްލާން އުޅޭން ފެށީމަ މަގޭގައިގަ ހިފައިގެންނަން އެޅ* އުޅުނީ... ފޫހިވެގެން ވެސް ނެތްގޮތެއް... ލަޑައިފިއްޔާ މަ ދޯ ނުބައިވާނީ... މަށޭ ދޮރުހުޅުވީ... އެކަމަކު މަގޭ އަތްދޮށުން ދެމިގަނެގެން އޭއްޗަކުނުކުތީ ކުރީން... ހުރިހާކަމެއް ފަނިވީ އެހެންވެ..." މުއްކަވާލެވުނު ވައަތުން މޭޒުމަތީ ލިއަމް ޖަހާލިއެވެ.

"އެކަމަކު ބުނަން އޭނާއާ ބައްދަލުކޮށްފަ ދިމާއަށް ނުބުނަންޏާ ހިޔެއްނުވޭ މިކަމަށް ނިމުމެއް އަންނާނޭހެން، އޭނާ ހުރީ ރަނގަޅަށް ވެސް ލިއަމްއާ ހެދި މޮޔަވެފަ، ކައެ ކީއްތަކުރީ" ޝިޔާނު ބުންޏެވެ.

"މަ ހިޔެއްނުކުރަން އެގޮލާ އެހާ ފަސޭހަވާނެއެކޭ... ޚާއްޞަކޮށް މެރީޑްވީމަ، ޝިޔާނު! މިކަމުން ސަލާމަތްވާނެ ގޮތެއް މިހާރު ބޭނުންވަނީ" ލިއަމް ބުންޏެވެ. ޢާންމުކޮށް އެ ދެ މީހުން އަންނަތަނަކަށް ވާތީ އެމީހުންނަށް ކޮފީ ހިފައިގެން ކެފޭގައި މަސައްކަތްކުރާ ބިދޭސީ މީހާ އެވަގުތު އައެވެ. މޭޒުމަތީ ދެތަށި ކޮފީ ބަހައްޓާފައި އޭނާ އެނބުރި ދިއުމުން ޝިޔާނު ވާހަކަދެއްކިއެވެ. އަލްމާ ގަޔާވާ ސިފަތަކެއް ލިއަމްގެ ހުރީކަމުގައި ބުންޏެވެ. ޔުސްރާ ގާތު ލިއަމްގެ ވާހަކަނޫން އިތުރު ވާހަކައެއް އަލްމާ މިފަހަކަށް އައިސް ނުދައްކާ ކަމުގައި ބުންޏެވެ. އެދުވަހަކުވީ ކަންތަކުގެ ސަބަބުން ޔުސްރާ ނުރުހުނީތީ އޭނާ ގާތު އަލްމާގެ ގަސްދަކީ ކޮބައިކަން ބުނިކަމަށް ވެއެވެ. ހަޤީޤަތުގައި ހޭޒަލްދެކެ އަލްމާ ފޫހިވެއެވެ. އޭނާ ބޭނުންވަނީ ހޭޒަލްއާއި ލިއަމް ވާކިވާށެވެ. ހޭޒަލް އިން މަޤާމަށް އައުމުގެ ހުވަފެން އަލްމާ ބަލަމުން އަންނަކަން ވެސް ޔުސްރާ ބުނިކަމަށް ޝިޔާނު ބުންޏެވެ.

"އޭނަ އެވައްތަރަށް މާ ސީރިއަސްވާތީއޭ އަހަރެން ދުރުވީ ވެސް... ޒެއްލު ހުރި މަޤާމަކަށް އެކަކަށް ވެސް ނާދެވޭނެ، އަހަރެން އެއްވެސް އިރަކު ނުވިސްނަން ތިންހަތަރު އަނބިން ގެންގުޅޭކަށް... އޭނާއަށް ޖެހޭނީ ހުވަފެން ބަލަބަލާ ހުންނަން، މިރޭ ވެސް ހާދަވަރަކަށް ގުޅާލައިފިއޭ، ހެސްކިޔާފަ މެސެޖު ވެސް ކުރަނީ" ލިއަމް ބުންޏެވެ.

"ދެން ކައެ ކިހިނެއް ހަދަނީ... ޔުސްގެ ސަބަބުން އަހަންނަކަށް ނޯންނާނޭ މާބޮޑުކަމެއް ކުރެވޭކަށް، އޭނާ މިހާރު އެ ހުރީ ޔުސްގެ ބަހެއް ވެސް އަހާގޮތަކަށްނޫން، އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނާ އެހުރީ ލިއަމް ބޭނުންވެފަ" ޝިޔާނު ބުންޏެވެ.

"މަ ކޮންމެވެސް ގޮތެއް ހަދާނަން... އޭތް!... ދެ ތިންދުވަސް ތެރޭ މިކޮޅު ރެޕްކޮށްލުމާއެކު އަހަރެން ފުރާނަން، މިހާރު މިކޮޅުގަ ހުންނާކަށް ބޭނުމެއްނޫން، މި ބޮލުގަ ރިހުން މާލެއާ ހަމައަށް ގެންދާކަށް ބޭނުމެއްނޫން... މިއިން އެއްވެސް ވާހަކައެއް އޭނާގެ ކަންފަތާ ހަމައަށް އިވުނަ ނުދެއްޗޭ، އަހަރެން ފުރަން އުޅޭކަން އެނގޭއިރަށް ނޭނގެ ދެން ކުރާނީ ކީއްކަމެއް" ލިއަމް ބުންޏެވެ.

"މަށެއް އެއްވެސް ވާހަކައެއް ނުދައްކަން ދޯ... ފެންނަކަމަކަށް ވެސް ނުހަދަމެންނު" ޝިޔާނު ބުންޏެވެ.

"އައި ނޯ..." ލިއަމް އެއްބަސްވިއެވެ.

* * * * *

ހޭޒަލް މާލެ ދިޔަފަހުން ދެ ދުވަސް ފާއިތުވެއްޖެއެވެ. އޭނާ އިސްވެ ލިއަމްއަކަށް ނުގުޅައެވެ. ނަމަވެސް ލިއަމް ތަފާތެވެ. އޭނާ ގިނަގިނައިން ހޭޒަލްއަށް ގުޅައެވެ. ހޭޒަލްގެ ވާހަކަދެއްކުމުގައި ނުރުހުމުގެ ގޮތެއް ނުހުރެއެވެ. ނަމަވެސް ލޯބިވާ ވާހަކަ ބުނަނީ ލިއަމް އިސްވެ ބުނެފިނަމައެވެ. ކޮންއިރަކުންތޯ އަންނަނީ ހޭޒަލް ނޭހި ނަމަވެސް ލިއަމް އެވާހަކަ ވެސް ޚިއްޞާކުރިއެވެ. ގިނަ ދުވަހެއް ނުވާނޭކަމާއި ދެ ދުވަސް ފަހުން ތިންވަނައަށްވާ ދުވަހުގެ މެންދުރުފަހު އޭނާ ހުންނާނީ ހޭޒަލްގެ ގާތުގައި ކަމަށް ބުންޏެވެ. އެ ޚަބަރުން ހޭޒަލްގެ އަޑުގައި އުފާވެރިކަމުގެ އަސަރު ފާޅުވެލިކަން ލިއަމްއަށް އެނގުނެވެ. ބޭއިޚްތިޔާރުގައި ލިއަމްއަށް ހިނިތުންވެވެނެވެ. ހޭޒަލްއަށް ލިބިފައިވާ ހުރިހާ ނުތަނަވަސްކަމެއް ފިލާނީ އޭނާ މާލެ ދިއުމުންކަން ލިއަމްއަށް ޔަގީންވެއެވެ. އެހެންވެ މާލެ ދެވުމުން ހޭޒަލްއާއެކު ވަގުތު ހޭދަކުރުމަށް އޭނާ ވަނީ ވަރަށް ގިނަ ގޮތްގޮތަށް ރާވާފައެވެ. ހޭޒަލް ރުއްސަން ފަސޭހަވާނީ އޭނާގެ ގާތުގައި ހުރެގެންނެވެ. ލޯބިން އެ އުނގު ފުރާލަދޭން ލިއަމް ބޭނުންވެއެވެ.

މަސައްކަތްތައް ހަމައަކަށް އަޅުވައި ލިއަމްގެ ރިޕޯޓުތައް މެއިލް ކުރުމަށްފަހު އޭނާ މޭޒުދޮށުން ތެދުވިއެވެ. އަދި ދެއަތް މައްޗަށް ދަމާލައި އުޅާހަށް ދެމިލާ ފަދައިން ހަށިގަނޑުން ދަމާލިއެވެ.

"ކޮބާ ފުރަނީ ދޯ" ސްޓޭޝަންގަ އުޅޭ ކޮންސްޓަބަލްއެއް ލިއަމްގެ ގާތުން އަޅާފައި ދަމުން ބުންޏެވެ.

"އާނ!... މާދަމާ..." ލިއަމް ހިނިތުންވެލިއެވެ. ފުރުން ކައިރިވީތީ އޭނާ ވެސް ހިތްހަމަޖެހިފައި ހުރި ކަހަލައެވެ.

"ކާން ނުދަންތަ؟" ރޭގަނޑުގެ ކެއުން ނަގާފައި ހުރިކަން އެ ކޮންސްޓަބަލް ބުނެލިއެވެ.

"ނޫނޭ!... މިދެން އެންމެފަހުގެ ކަންކަން ނިންމާލީ، ބަނޑުހައި ވެސް ވެއްޖެ... އޯކޭ މޭން!..." ލިއަމް ބުންޏެވެ. އަދި އޭނާ މެސްރޫމާ ދިމާއަށް ދިޔައެވެ.

ލިއަމް ހޯދަން ދެ ދުވަހު އަލްމާ ސްޓޭޝަނަށް އަތުވެއްޖެއެވެ. އެއިން ކޮންމެ ފަހަރަކު ލިއަމް އޭނާއާ ބައްދަލުކޮށް ފަހުން ޚަބަރެއް ވާނަމޭ ބުނެ ފޮނުވާލަނީއެވެ. މިއަދުވެސް އަލްމާ އައީ ލިއަމްއާ ބައްދަލުކުރާށެވެ. އޭނާ އަންނާތީ އެކަން ސްޓޭޝަންގަ އުޅޭ ބައެއް ކުދީންނަށް ވެސް ފާހަގަވެއްޖެއެވެ. އެކަމާ ލިއަމް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އަލްމާ އަންނަނީ ކޮންބޭނުމަކުތޯ އެމީހުން ސުވާލުކުރުމުން ލިއަމްއަށް ޖެހުނީ ހަޤީޤަތް ފޮރުވަން އަނެއްކާ ވެސް ދޮގު ހަދާށެވެ.

މެސްރޫމު ތެރޭގައި ލިއަމް ކާން އިންދާ އޭނާއާ ކުރިން ވާހަކަދެއްކި ކޮންސްޓަބަލް އައިސް ގޮވާލިއެވެ. އަދި ލިއަމް ގާތު ހުއްޓިލަމުން ކުރިން ދުވަހު އައި އަންހެންކުއްޖާ އެބަހުއްޓޭ އައިސް ބުންޏެވެ. ލިއަމްއަށް ދަތްކުނޑިވިކާލެވުނެވެ. ލިއަމް އެއްޗެކޭ ނުބުނެ އިނުމުން އެ ކޮންސްޓަބަލް އެހީ ލިއަމް ނިމިގެން އަންނަންދެން އޭނާ ވައްދާފަ ބައިންދަންވީތޯއެވެ. ލިއަމް ވަގުތުން ނޫނެކޭ ބުންޏެވެ. ގިނައިރެއްނުވާނެކަމާއި އޭނާ ގާތު އިރުކޮޅަކުން އެބަނުކުމެޔޭ ބުނެދިނުމަށް ލިއަމް ބުންޏެވެ. އެއާއެކު ކޮންސްޓަބަލް ބޯޖަހާލައި އެނބުރި ހިނގައްޖެއެވެ. ލިއަމްއަށް އަތުގައި އޮތް އުލާ ސަމްސަލަށް ބާރުކޮށްލެވުނެވެ. ފޫހިކަމުގެ އިންތިހާއާއެކު ޗަސްޖަހާލިއެވެ.

މީހަކު ސްޓޭޝަންގެ ދޮރުން ނުކުތްކަމުގެ ހިލަންވެގެން އަލްމާގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. ސްޓޭޝަން ކައިރި އޮންނަނީ ވަރަށް އަލިކޮށްފައެވެ. އެހެންވެ ވަގުތުން ލިއަމް ފެނުނެވެ. ފަނޑު ހިނިތުންވުމެއް އަލްމާގެ މޫނުން ފާޅުވިޔަސް އެ ހިނިތުންވުން ފިލައި މާޔޫސްކަން ވެރިވެއްޖެއެވެ.

"ކީއްވެތަ ލިއަމް ދޮގުހަދަނީ... ފަހުން ގުޅާނަމޭ ބުނެ އަހަރެން ގުޅީމަ ވެސް ފޯނެއްނުނަގަމެންނު، ކީއްވެތަ އަހަންނާ ބައްދަލުކުރަން ބޭނުންނުވަނީ..." އަލްމާ ޝަކުވާކޮށްލިއެވެ.

"ކޮންތާކަށް ދާންވީ؟... މިހާރު ރައްޒާގު އުޅޭއިރު ތިގެއަކަށް ނުދެވޭނެއެއްނު" އިރުކޮޅަކު އަލްމާއަށް ބަލަން ހުރެފައި ލިއަމް ބުންޏެވެ. ވަގުތުން އަލްމާގެ މޫނު އުޖާލާވިއެވެ. ހިނިތުންވެލިއެވެ.

"އެއްކަލަ ރޭ ޝިޔާނާއި ޔުސްރާއާއެކު ދިޔައިމެންނު ދިމާލަކަށް... އެ އަނދިރިގަނޑަށް ދަމާ... އެ ސަރަޙައްދު އަމާންވާނެ، މީހެއްގެ އުނދަގުލެއް ނުޖެހޭނެ..." އަލްމާ ނިކަން އަވަސްއަވަހަށް ބުނެލިއެވެ. އޭނާ ކެތްތެރިކަން ކުޑަވެފައި ހުރި ކަހަލައެވެ.

"ޝިޔާނަށް ގުޅާނަން" ލިއަމް ބުންޏެވެ.

"ނޫން!ނޫން!... މިރޭ އަހަރެމެން އެކަނި ނުދެވޭނެތަ... ޕްލީޒް..." އަލްމާ ކުރިއަށް ޖެހިލުމުން ލިއަމް ފަހަތަށް ފިޔަވަޅު އަޅާލިއެވެ. ސޯޓުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރި ގޮތުން ލިއަމް އެ ހުރީ ގަޔާވެފައި ނޫންކަން އެނގެއެވެ. އެހެންނަމަވެސް މޮޔަވެފައި ހުރި އަލްމާ އެއިން އެއްވެސް ކަމެއް ދެނެގަންނަން ބޭނުންނޫން ކަހަލައެވެ.

"ދެން ރައްޒާގު... އޭނާ ސުވާލެއްނުކުރާނެތަ؟" ލިއަމް އެއްސެވެ.

"އަހަރެން ބުނެފާނަން ރައްޓެހިންތަކަކާއެކު ބޭރަށް ދަނީއޭ... އޭނާ ޤަބޫލުކުރާނެ، އެ މަގު ކޮޅަށް އަހަރެން ގޮސް ހުންނާނަން، ލިއަމް އާދޭ އެތަނަށް، އެހިސާބުން ދެ މީހުން އެކުގައި ދިޔަޔަސް ނޭނގޭނެ" އަލްމާ ރާވާލިއެވެ. ލިއަމް ހޫން ލައްވާލިއެވެ.

"ތި އަންނަނީތަ؟... އަހަރެން ގެއަށް ވަދެލާފަ ވަރަށް އަވަހަށް ދާނަން" އަލްމާ ބުންޏެވެ.

"އަހަރެން އެތާ މަޑުކުރާނަން" ލިއަމް ބުންޏެވެ. އަދި އަލްމާ ބައިސްކަލަށް އަރައިގެން ދަންދެން ބަލަން ލިއަމް ހުއްޓެވެ. ލޮލުކޮޅަށް އަލްމާ ގެއްލުމުން ފުންނޭވާއެއް ލިއަމް ދޫކޮށްލި އެވެ. އަދި އިސްތަށިގަނޑުގައި އަތްފުނާ އަޅާލުމާއެކު ކަނދުރާގައި ކަނާއަތް އަޅުވާލިއެވެ.

"އިޓްސް އޯވާ... އިޓް ވިލް ބީ..." ލިއަމް އަމިއްލަ ނަފްސަށް ބުންޏެވެ.

އަލްމާ އެބުނި މަގުގައި ލިއަމް ސައިކަލު މަތީ މަޑުކޮށްލައިގެން އިނެވެ. އެހިސާބުގައި ހުރީ ދެތިން ބޮކި ދަނޑިއެވެ. އެތަނުން އަނދާފައި ހުރި ބޮކިދަނޑިއެއްގެ ދޮށުގައި ލިއަމް އިނެވެ. ދުރުން ބައިސްކަލެއް އަންނާތީ ފެނުމުން އެވާނީ އަލްމާއަށްކަން ލިއަމް ޔަގީންކުރިއެވެ. އަތަށް ލައިގެން އިން ފޯނަށް ލިއަމް ބަލާލިއެވެ. ނުވައެއް ޖަހަނީއެވެ. އެހާ ދަންވަންދެން މަޑުކުރާކަށް ލިއަމް ގަސްދެއްނުކުރެއެވެ. ސައިކަލު ކައިރިއަށް ބައިސްކަލު މަޑުކޮށްލުމާއެކު ޓޯޗެއްގެ އަލި ލިއަމްއާ ދިމާއަށް އެޅިގެންދިޔައެވެ. އޭނާ ވެސް ފޯނުން އަލިކޮށްލިއެވެ. ގާތުގައި ހުރީ އަލްމާއެވެ. އިރާކޮޅު އޭނާ ހޯދަން އައިއިރަށްވުރެ ހުރީ ރީތިވެލައިގެންނެވެ. ލައިގެން ހުރި ހެދުން ފެނި އަލްމާ އެއައީ ވަރަށް ތައްޔާރުވެގެންކަން ލިއަމްގެ ހިތަށް އަރާ ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އޭނާ އެކަން ފާޅެއްނުކުރިއެވެ. އަލްމާ އެތަނުގައި އޮތް ގަސްތަކެއްގެ ތެރެއަށް ބައިސްކަލު ވައްދާ ތަޅުއެޅުވިއެވެ. އަދި ނުކުމެގެން އައިސް ލިއަމްގެ ސައިކަލު ފަހަތަށް އެރިއެވެ. އެރިގޮތަށް އަރާ ލިއަމްގެ މެދު ހަށީގައި ބައްދާލީ އޭނާގެ ބުރަކަށީގައި މޫނު ފޮރުވާލަމުންނެވެ. އެތެރެއަށް ދަމާލި ނޭވާއާއެކު އަލްމާ ހިނިތުންވެލީ ހިތްހަމަޖެހިފައިވާ މީހަކު ފަދައިންނެވެ.

"ނައްޓާލަނީ" ލިއަމް ބުންޏެވެ.

އެމީހުން އެބުނާ އަނދިރިގަނޑެއް އޮންނަ ސަރަޙައްދަށް އާދެވުމުން ލިއަމް ސައިކަލު މަޑުކޮށްލިއެވެ. ކިރިޔާ ފާޅުވެލާފައި ހުރި ހަނދާއި ތަރިތަކުން ފުރިފައިވާ އުޑު ސާފުކޮށް ފެނެއެވެ. ނަމަވެސް ވަށައިގެންވި އަނދިރިކަމަށް ލޯހޭނެން ވަގުތު ނެގިއެވެ. ލިއަމް ސައިކަލުގެ ލައިޓު ނިއްވާލިއެވެ.

"ނުފައިބާނަންތަ؟... ކައިރި ވެސް ނުވާނަންތަ؟... މިތާކު ބަލާނެ މީހެއް ނެތެއްނު، މިހާރު ކިހާ ދުވަހެއްމިވީ" އަލްމާ ވާހަކަދެއްކިއެވެ. އޭނާ ސައިކަލުގެ ފަހަތުން ފައިބައިގެން އައިސް ލިއަމްގެ އަތުގައި ހިފާލިއެވެ. އަދި އެއަތް ނަގައި އޭނާގެ އުނަގަނޑާ ދިމާފަހަތުން ގެނެސް ގައިގާ ޖައްސާލިއެވެ. ކޮރާލުމާއެކު ލިއަމްގެ ކަރުދޮށުގައި އަލްމާ ވަސްގަތެވެ.

"އަލްމާ..." އަލްމާ ދުރަށް ޖައްސާލަމުން ލިއަމް ގޮވާލިއެވެ.

"ފަހުން ވާހަކަދައްކާނީ" އަލްމާ ސިއްރުން ބުންޏެވެ.

"އަހަރެން މޫޑެއްނެތް" ލިއަމް ބުންޏެވެ.

"މޫޑު އަތުވެދާނެ..." އަލްމާ މިހެން ބުނެ ލިއަމްގެ ޓީޝާޓުގެ ތެރެއަށް ދެއަތްތިލަ ލައްވާލިއެވެ. އެއާއެކު ލިއަމް ސައިކަލުން ފައިބާ އަލްމާގެ ދެއަތް އޭނާއާ ދުރަށްލައި ހިފަހައްޓާލިއެވެ.

"އަލްމާ ބޭނުންވާކަމެއް އަހަންނަކަށް ނުކޮށްދެވޭނެ..." ލިއަމް ބުންޏެވެ.

"އަދިވެސް ރުޅިއައިސްފަތަ؟... މިހާރު އޭނާ ވެސް ހުރީކީނޫނެންނު، މިރޭ އަދި ވަގުތު އެބައޮތޭ... ފަހުން ވެސް ވާހަކަދެއްކޭނެއެއްނު" އަލްމާ ހީވަނީ ކަރުހިއްކައިގަނެފައިވާ މީހެއް ހެންނެވެ.

"މޮޔަވެގެންތަ ތިއުޅެނީ... ޒެއްލުއަކީ އަހަރެންގެ އަނބިމީހާ، އަހަރެން ލޯބިވަނީ އޭނާދެކެ... ދުވަހަކުވެސް ވަރިއެއްނުކުރާނަން. އޭނާނޫން އަނތްބަކު ވެސް ނުހޯދާނަން... މަބުނިންތަ އަލްމާއާ އިންނާނަމޭ... މީ ސީރިއަސްކަމެކޭ... އަހަރެމެން ދެމީހުންގެ ވެސް އަމިއްލަ ދިރިއުޅުމެއް އެބައޮތް، އަހަރެން އަލްމާއާ ހިތާވާކަށްނޫން އެހެންއުޅުނީ..." ލިއަމް މިފަހަރު އަޑުގެ ބާރުމިނާ ދޭތެރޭ ވިސްނައެއްނުލިއެވެ. އަލްމާ ބުނިހެން އެތަނުގައި އަޑުއަހަން މީހަކު ނެތްކަން އެނގޭތީއެވެ.

"ލިއަމް ތިހެން ނުބުނޭ... އަހަންނަކަށް ނޫޅެވޭނެ ލިއަމްއާ ނުލާ... އަހަންނަށް ލިއަމްދެކެ ލޯބިވެވިއްޖެ، ލިއަމްއަށް ޓަކައި އަހަރެން ރައްޒާގު ކައިރިން ވަކިވެދާނަމޭ... ދަރިފުޅު ވެސް އޭނާއަށް ދީފާނަން، އޭރުން އެކަމާ ވެސް ލިއަމް ވިސްނާކަށްނުޖެހޭނެ، ލިއަމްއާއެކު އަހަރެން ގެންދޭ، ލިއަމް ޕްލީޒް..." އަލްމާ އާދޭސްކޮށްގަތެވެ.

"ކޮންވައްތަރަކަށްތަ ތިއުޅެނީ... ޒެއްލުކުރިމަތީގަ ކަލޭ އުޅުނުވައްތަރުން އަހަރެން ހަޤީޤަތުގަ ކަލޭދެކެ ފޫހިވީ، އަމިއްލައަށް އައިސް އަހަރެންގެ ގަޔަށް އަތްފޯރުކުރީ ކަލޭ... އަހަރެން ކަހަލަ އެހެން ފިރިހެނަކު ކަލެއަށް ވެދާނެ... އަހަރެން ނުގުޅީ ކަލެއާ ބައްދަލުކުރަން ބޭނުންނުވާތީ، އެވަރުވެސް ނޭނގޭތަ؟... އަހަރެން ގާތްވީ ކަލޭ ބޭނުންވެގެން، އަހަރެން އެއްފަހަރުވެސް ބުނިންތަ އަހަރެން ބޭނުމޭ" ލިއަމް ބުންޏެވެ. އަލްމާއަށް ހިންދިރުވާލެވުނެވެ. އޭނާގެ ދެ ލޯ ފެންކަޅިވިއެވެ.

"ލިއަމް ވެސް ބޭނުންވި" އަލްމާ ބުނެލިއެވެ.

"އަންހެނަކު އޯކޭވީމަ އިންޖޯއިކޮށްލުން އެއީ މައްސަލައެއްނޫނޭ... ކަލޭ ތިއުޅުނީ މަގޭ ބޮލަށް އަރަންވެގެން، ފުރަތަމަ އުޅުނުހެން ކޫލްކޮށް އުޅުނުނަމަ މިހުރިހާ އެއްޗެއް އަހަރެން ކިޔާކަށް ނުޖެހުނީސް، މައްސަލައަކީ އަލްމާ މާ ސީރިއަސްވީމަ" ލިއަމް ބުންޏެވެ.

(ނުނިމޭ)