ކަޝްމީރުގެ މައްސަލަ

ކަޝްމީރަށް އަލުން މުވާސަލާތީ ހިދުމަތް އަލުން ދެނީ

އިންޑިއާގެ ގާނޫނު އަސާސީން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން ހަމަނުޖެހުން އުފައްދާ ކަމަށް ބުނެ އިންޑިއާގެ ސަރުކާރުން ވަނީ ކަޝްމީރުގެ މުވާސަލާތީ ހިދުމަތްތައް މުޅިހެން މެދު ކަނޑާލާފަ އެވެ. ނަމަވެސް ދެ މަސް ފަހުން އަލުން ކަޝްމީރުގައި މުއާސަލާތީ ހިދުމަތް ދޭން ފަށަން މިހާރު ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިއާ ސަރުކާރުގެ ސްޕޯކްސްމެން ރޯހިތް ކަންސަލް ވިދާޅުވީ، އަލުން ކަޝްމީރުގައި މުވާސަލާތީ ހިދުމަތް ދޭން ނިންމީ، ހަމަނުޖެހުންތަށް މިހާރު ކޮންމެވެސް ވަރަކަށް މަޑު ޖެހިފައިވާކަމުގެ މައުލޫމާތު ސިފައިންގެ ފަރާތުން ލިބުމާ ގުޅިގެންނެވެ. ރީޯހިތް ކަންސަލް ވިދާޅުވީ، ފާއިތުވި ތިން ހަފްތާގައި ކަޝްމީރުގައި އެއްވެސް ކަހަލަ ހަމަޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.

މުވާސަލާތީ ހިދުމަތް މާދަމާގެ ހެނދުނުން ފަށައިގެން ކަޝްމީރަށް ލިބޭނެ ކަމަށް ރޯހިތް ކަންސަލް ވިދާޅުވި އެވެ. ކަޝްމީރުން މުވާސަލާތީ ހިދުމަތް ކަނޑާލައިފައިވާ މައްސަލައާ ގުޅިގެން ސައުދީއަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ މިދަޔަ ހަފްތާގައި އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވާފަ އެވެ.

ހަމަނުޖެހުން އުފައްދާ ކަމަށް ބުނެ، މުވާސަލާތީ ހިދުމަތް ކަނޑާލުމުގެ ސަބަބުން، ޖަލުތަކުގައި ބަންދު ކޮށްފައިވާ މުސްލިމް ސިޔާސީ ލީޑަރުންނާ ވާހަކަ ނުދެއްކާކަން ފާހަގަކޮށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުގެ ނުރުހުން ވަނީ އިންޑިއާއަށް އަމާޒުވެފަ އެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން ދެ މީހަކު ބަންދުން މިހާރު ވަނީ ދޫކޮށްފަ އެެވެ. ނުވަ މީހަކު އަދިވެސް ތިބީ ސިއްރު ޖަލެއްގައި އެކަހެރިކޮށް ބަންދުކޮށްފަ އެވެ.

ކުއްލިއަކަށް ކަޝްމީރުގައި މުވާސަލާތީ ހިދުމަތް ދޭން ފެށީ ސައުދީގެ ނުފޫޒުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ. ސައުދީން ވަނީ އިންޑިއާގައި ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތަށް ކުރިއަށް ގެންދަން ޝައުގުވެރިވާކަން ކަޝްމީރުގެ މައްސަލައިގައި ކުރިއަށް ދިޔަ މަޝްވަރާގައި ފައުޅުކޮށްފަ އެވެ.

އެ މަޝްވަރާތަކަށްފަހު ކަޝްމީރުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ އަދަދުވެސް ވަނީ މަދުކޮށްފަ އެވެ.