އިމިގްރޭޝަން

ވަގު ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު މީހަކު ހައްޔަރުކޮށްފި

ޕާސްޕޯޓުގެ ބައެއް ނަކަލުކޮށް، ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހާ، އެކަމުގައި އޭނާއަށް އެހީތެރިވި މީހަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ބައެއް ނަކަލުކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފައިވަނީ ބިދޭސީ އަންހެނެއް ކަމަށެވެ. އަދި އެ މީހާއަށް އެހީތެރިވެދިން ބިދޭސީ ފިރިހެނަކުވެސް އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަަމަށެވެ.

އިމިގްރޭޝަނުން ވަނީ ނަކަލު ކޮށްފައިވާ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު އަންހެން މީހާއާ އޭނާއަށް އެހީތެރިވެދިން ފިރިހެން މީހާގެ ފޮޓޯވެސް އާންމުކޮށްފައެވެ.

ފަހަކަށް އައިސް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ މީހުން އެކި ފަހަރު މަތީން އިމިގްރޭޝަނުން ވަނީ ހުއްޓުވާފަ އެވެ.

ސަރުކާރުން ގެންދަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ.