އިންޑިއާ

ކުރިއެކޭ އެއްގޮތަށް ފިޔާ އެތެރެ ކުރެވޭނެ: އިންޑިއާ

Oct 13, 2019
1

އޮޕަރޭޝަނަލް މައްސަލަތަކެއްގެ ސަބަބުން ފިޔާ އެތެރެ ކުރުން މެދުކެނޑުނު ނަމަވެސް ކުރިއެކޭ އެއްގޮތަށް މިހާރު ރާއްޖެއަށް ފިޔާ އެތެރެކުރެވޭނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާ އެމްބަސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ފިޔާ އެތެެރެ ނުކުރެވި ފިޔާގެ އަގު ބާޒާރުގައި އުފުލިފައިވަނީ އޮޕަރޭޝަނަލް މައްސަލަތަކެއްގެ ސަބަބުން ފިޔާ އެތެރެ ކުރުން މެދުކެނޑުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަންކަން ހައްލު ކުރެވި މިހާރު ކުރިއެކޭ އެއްގޮތަށް ފިޔާ އެެތެރެ ކުރެވޭނެ ކަމަށް އިންޑިއާ އެމްސީން ބުނެއެވެ.

-އެނގިފައިވާ ގޮތުގައި އިންޑިއާ އިން ކަނޑައަޅާފައިވާ ވަރަށް ފިޔާގެ ސްޓޮކް ރާއްޖެ އަށް ދޫކުރި ނަމަވެސް ބޯޓު ތަކަށް ބަރު ނުކުރެވި ލަސްވީ "މިސް ކޮމިއުނިކޭޝަން" އެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ޓުޓިކޮރިން ބަނދަރުން ބޯޓު ފަހަރަށް ފިޔާ ބަރެއް ނުކުރެވެ އެވެ. އެހެންވެ ބައެއް ވިޔަފާރިވެރިން ވަނީ އެހެން ބަނދަރު ތަކުން ފިޔާ ބޯޓު ފަހަރަށް ބަރު ކުރަން ފަށާފަ އެވެ. ލަސްވެގެން އުޅެނީ އެހެންވެ އެވެ.-

"މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ދައްޗެއް ދިމައެއް ނުވާނެ." އިންޑިއާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ އެމްބަސީން ބުނީ އެ ގައުމަށް މޫސުން ގޯސްވެ ފިޔާ ދަނޑުތައް ހަވާލުވަމުންދާތީ އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓުމަކަށް އައި ނަމަވެސް ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ޚާއްސަ އުސޫލެއްގެ ދަށުން ފިޔާ އެތެރެކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ބާޒާރުން ވެސް ފިޔާ ހުސްވެ، ފިޔާ ބަސްތާއެއްގެ އަގު ވަނީ 900ރ. އަށް އުފުލިފައެވެ. ފިޔާ ކިލޯއެއް ވިއްކަނީ 50ރ. އާއި 70ރ. ދެމެދުގެ އަގުތަކެއްގައެވެ. ރައްޔިތުން ނަށް ބޭނުންވާ ވަރަށް ފިޔާ ފޯރު ކޮށްދޭން އެސްޓީއޯ އިން މިހާރު ވަނީ ފިޔާ ޝިޕްމަންޓެއް އެއާ ފްރައިޓްކޮށް ގެނެސްފައެވެ.