ރާއްޖޭގެ ޖީޑީޕީ، ގައުމީ އުފެއްދުންތެރިކަމަށް އަންނަ އަހަރު ކުރިއެރުން ލިބޭނެ ކަމަށް ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފި އެވެ.
ވޯލްޑް ބޭންކުން ދެކުނު އޭޝިއާގެ އިގްތިސޯދުގެ މައްޗަށް ބަލައި ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސޯދު ދުވެލި މަޑުވެ ޖީޑީޕީ ހުންނާނީ 5.2 ޕަސެންޓުގަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖޭގެ އިމާރާތް ކުރުމުގެ މަޝްރޫއުތައް މަދުވެ، ކޮންސްޓްރަކްޝަން ސިނާއަތު މަޑުޖެހުމެވެ. ނަމަވެސް ޖީޑީޕީގެ ކުރިއެރުން އަންނަ އަހަރު 5.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި ވެއެވެ.
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ސަބަބެއް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވަނީ އަލަށް ފަށާ ތަރައްގީގެ މަޝްރޫއުތަކާއި ޓޫރިޒަމް ދާއިރާއަށް އަންނަ ކުރިއެރުމެވެ.
ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން
- 2018- 6.7 ޕަސެންޓް
- 2019- 5.2 ޕަސެންޓް
- 2020- 5.6 ޕަސެންޓް
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި މުޅި ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރު ކަމުގެ ސަބަބުން، ދެކުނު އޭޝިއާ ސަރަޙައްދުގެ އިގްތިސޯދުގެ ކުރިއެރުން ވެސް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކުރެވިފައިވާ އަންދާޒާތަކަށް ވުރެ 1.1 ޕަސެންޓް ދަށަށް ގޮސް، މި އަހަރު 5.9 ޕަސެންޓްގައި މަޑު ޖެހޭނެ އެވެ.
ދެކުނު އޭޝިއާ އިކޮނޮމިކް ފޯކަސްގެ އެންމެ ފަހުގެ އަދަދު ކަމަށްވާ "މޭކިން ޑީސެންޓްރަލައިޒޭޝަން ވޯކް" އިން ދައްކާފައިވާ ގޮތުގައި މީގެ ކުރިން އިގްތިސޯދީ ކުރިއެރުން ބިނާވެފައި އޮތް އެތެރޭގެ ޑިމާންޑް ހީނަރުވެ، މުޅި ސަރަޙައްދުގެ އިގްތިސޯދު ވެސް ވަނީ މަޑުޖެހިފަ އެވެ.
މުޅި ދެކުނު އޭޝިއާގައި ވެސް އިމްޕޯޓް ކުރާ މުދަލުގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ޕާކިސްތާނާއި ސްރީ ލަންކާގެ އިމްޕޯޓް ވަނީ 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފަ އެވެ.
އިންޑިއާގައި، އެތެރޭގެ ޑިމާންޑް ވެއްޓި، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ހިދުމަތުގެ ނިސްބަތް ކުރިއަރަމުންދާ މިންވަރު މިދިޔަ ކްއާޓަރުގައި 3.1 ޕަސެންޓުގައި ހުރިއިރު، އޭގެ ކުރީ އަހަރުގެ އެ ކްއާޓަރުގައި އެ މިންވަރު ހުރީ 7.3 ޕަސެންޓުގަ އެވެ. އިންޑިއާގައި ސިނާއީ އުފެއްދުންތެރިކަން މި އަހަރުގެ ދެވަނަ ކްއާޓަރުގައި އެއް ޕަސެންޓުގައި ހުރިއިރު، މިދިޔަ އަހަރުގެ ދެވަނަ ކްއާޓަރުގައި އެ މިންވަރު ހުރީ 10 ޕަސެންޓުގަ އެވެ.