ޑިފެންސް މިނިސްޓްރީ

ޝަހީދުންގެ ހަނދާނުގައި ގައުމީ ބިނާއެއް ހަދަނީ

ރާއްޖޭގައި ހިނގާފައިވާ އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ހަދަން ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ހަދަން ބޭނުންވާ ކަމަށެވެ. އެފަދަ ބިނާއެއް ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް މި މަހުގެ 13 ވަނަ ދުވަހުގެ 10:30 ގައި ޑިފެންސްގައި ބާއްވާ ބައްދަލުވުމަކަށް ދާން ވެސް ވަނީ ދައުވަތު ދީފަ އެވެ.

އެ މުބާރާތުގައި ބައިވެރިކުރާ ޑިޒައިން މިމަހުގެ 24 ވަނަ ދުވަހުގެ 10:00 އަށް ހުށަހަޅަން ޖެހެ އެވެ.

ނޮވެމްބަރު 3، 1988 ޝަހީދުވި ދިވެހިން ޒިކްރާ އާކުރުމުގެ ގޮތުން ސިފައިންގެ މައި މަރުކަޒުގެ ފުރަގަހުގައި ވެސް ވަނީ ޝަހީދުންގެ ބިނާއެއް ހުރެ އެވެ.

ދިވެހިންގެ ބަޔަކާއި، ލަންކާގެ ބަޔަކު ގުޅިގެން ރާއްޖެ އަރައި ދިން އުދުވާނީ އެ ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އެ ދުވަހު ބާޣީން ވަނީ ސިފައިންގެ ތެރެއަށް ވަނުމަށް ސިފައިންގެ ފާރުން ބައެއް ގޮއްވާލާފަ އެވެ. ޝަހީދުންގެ ބިނާ ހަދާފައި ވަނީ އެ ބާގަނޑު ހުރި ދިމާއިން ބާގަނޑުވެސް ރަމްޒުވާ ގޮތަށެވެ.